ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (طُوبَى لِمَنْ وَجَدَ فِيْ صَحِيْفَتِهِ اسْتِغْفَاراً كَثِيْراً) އެމީހެއްގެ ޢަމަލުގެ ފަތުގައި ގިނަ އަސްތަޣުފާރު ފެނިއްޖެ މީހާއަށް އުފާވެރިކަން ހުއްޓެވެ!
§ ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. އޭދަރިފުޅާއެވެ! ދުވާލުގެ ވަގުތުތަކުގެ ތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެއިލާހަށް ދަންނަވާ މީހުންގެ ދެންނެވުން ރައްދު ނުކުރައްވާ ވަގުތެއް ވެއެވެ. ފަހެ އަސްތަޣްފާރު ކުރުން ގިނަކުރާށެވެ.
§ އަބޫ މޫސާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ﷲގެ ޢަޛާބުން އަހަރެމެން ސަލާމަތް ކޮށްދޭ ދެއަމާނެއް އަހަރުމެންނަށް ލިބިގެންވިއެވެ. އެއިގެ ތެރެއިން އެއް އަމާންކަން އަހަރެމެންނާ ވަކިވެއްޖެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އަދި އަސްތަޣްފާރު ކުރުން އަހަރެމެންނާ އެކު ވެއެވެ. ފަހެ އަސްތަޣްފާރު ކުރުން އަހަރެމެންގެ ތެރެއިން ނެތި ހިނގައްޖެނަމަ، އަހަރެމެން ހަލާކުވެ ނެތިދާނެއެވެ.
§ އަލްޙަސަނުލް ބަޞްރީ ރަޙިމަހުﷲ ވިދާޅުވާ ކަމުގައި ވިއެވެ.
ތިޔަބައިމީހުންގެ ގެތަކުގައްޔާއި، ކާމޭޒު ދޮށުގައްޔާއި، މަގުތަކުގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ތިޔަބައިމީހުން އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ފަހެ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން ބާވާލައްވާނެ ވަގުތެއް ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
§ ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. ހަމަކަށަވަރުން މިޤުރްއާން ތިޔަބައިމީހުންގެ ބައްޔާއި އެބަލީގެ ފަރުވާ ތިޔަބައިމީހުންނަށް ބުނެދެއެވެ. ފަހެ ތިޔަބައިމީހުންގެ ބައްޔަކީ ކުށްފާފައެވެ. އަދި ތިޔަބައިމީހުންގެ އެބަލީގެ ފަރުވާއަކީ އަސްތަޣްފާރެވެ.
0 comments:
Post a Comment