Sunday, May 6, 2012

ރާއްޖެއިންބޭރަށް ގޮސްއުޅޭއިރު ކުކުޅުމަހުން ހަދާފައިހުންނަ އެއްޗެތި ކެއުމަކީ ކޮންކަހަލަ ކަމެއްތޯ؟



ސުވާލު:

ރާއްޖެއިން ބޭރަށް ގޮސް އުޅޭއިރު ކުކުޅުމަހުން ހަދާފައިހުންނަ އެއްޗެތި ކެއުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހެން މިދެންނެވީ އެކުކުޅަކީ ކޮންގޮތަކަށް ކަތިލާފައިވާ ކުކުޅު ކަން ނޭގޭތީ ނުވަތަ ހަލާލު ކުކުޅުކަން ނޭގެތީ. އެފަދަ އެއްޗެއް ކެއުމުގައި ނުވަތަ ކެވިއްޖެނަމަ އަމަލު ކުރަންވީ ކޮން ގޮތަކަށްތޯ؟ މިފަދަ އެއްޗެއް ކާއިރު ކިޔާނެ ދުޢާއެއް އޮވޭތޯ؟


ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އަހުލުކިތާބީން (ޔަހޫދީންނާއި ނަޞާރާ) އިން ފިޔަވާ އެހެން ހުރިހާ މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންގެ މައްޗަށް ޙަރާމް ވެގެންވާ ކަމަށާއި، އެބައިމީހުން (ޔަހޫދީންނާއި ނަޞާރާއިން)  ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލުވެގެންވާ ކަމަށް ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައެވެ. މިކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ 5 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. (الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ   )  المائدة: ٥ މާނައަކީ: އަދު، އެންމެހައި ރަނގަޅު ތަކެއްޗާއި ކަންތަށް، ތިޔަބައިމީހުންނަށް ޙަލާލު ކުރެއްވުނެވެ. ފޮތްލިބގެންވާ މީހުންގެ ކާތަކެތި (ޙަރާމްކަން ޤުރްއާނުގައި އަންގަވާފައިވާ ތަކެތި ނޫން އެހެންތަކެތި) ތިޔަބައިމީހުންނަށް ޙަލާލެވެ. އަދި ތިޔަބައިމީހުން ކާތަކެތި އެބައިމީހުންނަށް ޙަލާލެވެ.

މިއާޔަތުން ދޭހަވާގޮތުގައި އަހްލުކިތާބީން ކެއުމަށްބޭނުން ކުރާތަކެތި ވަނީ މުސްލިމުންނަށް ޙަލާލު ކުރެވިގެންނެވެ. އޭގެ ތެރޭގައި އެބަައިމީހުން ކަތިލާތަކެތިވެސް ހިމެނިގެންވެއެވެ. މިއާޔަތުގެ މަފްހޫމަކީ އަހްލުކިތާބީންފިޔަވާ އެހެން މުޝްރިކުން ކަތިލާ ތަކެތި މުސްލިމުންނަށް ޙަލާލު ވެގެން ނުވާކަމެވެ.

އެހެންކަމުން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ މުޝްރިކުންގެ ތެރެއިން އަހްލުކިތާބީންގެ ކަތިލުމެއް ކަމަށް ވަނީނަމަ، ޝަރްޢީ ހަމަތަކާ ޚިލާފަށް ކަތިލެވިފައިވާކަން ދޭހަނުވާހާ ހިނދަކު އެތަކެތި މުސްލިމުންނަށް ޙަލާލުވެގެންވެ އެވެ. އެހެނީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި އެތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. ދެން އެތަކެތި ޙަރާމް ކަމަށް ބެލެވޭނީ އެހެން ނައްޞަކުން ޙަރާމް ކަމަށް ދަލީލު ލިބިގެންނެވެ.

ހަމަ އެފަދައިން ބާޒާރުގައި ވިއްކަން ހުންނަ މަސް (ކަތިލެވިފައިވާ ތަކެތީގެ މަސް)، އެއީ އަހްލުކިތާބީން ފިޔަވާ އެހެން މުޝްރިކުންގެ ކަތިލުމެއް ކަމަށް ވަނީނަމަ، އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވާކަން އިސްވެ ބަޔާން ކުރެވުނު އާޔަތުން ދޭހަވެއެވެ. އަދި ދަންނަބޭކަލުންގެ އިޖްމާޢުން ވެސް މިކަން ދޭހަވެއެވެ. މިފަދަ މަސް ކާން ފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ކާންފެށިކަމުގައިވީނަމަވެސް އެތަކެތި މުސްލިމުންނަށް ޙަލާލުވެގެން ނުވެއެވެ.

ބައެއްމީހުން ބުނެ އުޅޭ ގޮތުގައި ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔައިގެން ފެށީމާ ހުއްދަވެއެވެ. އެހެންނަމަވެސް މިއީ މުޅިން ރަގަޅުވާހަކަ އެއް ނޫނެވެ. ސަބަބަކީ އެގޮތަށް ވާރިދުވެފައިވަނީ އަލަށް އިސްލާމްވި ބަޔަކު ކަތިލާތަކެއްޗާބެހޭގޮތުން ކަމަށްވާތވެީއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ރިވާޔަތެއްގައިވަނީ ޞަޙާބީންގެ ބަޔަކު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގެންދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަލަށް އިސްލާމްވީ ގަައުމެއްގެ ބަޔަކު އެމީހުން ކަތިލާފައިވާ ތަކެތި އަހަރުމެންނަށް ހަދިޔާ ކުރެއެވެ. އެމީހުން އެތަކެތި ކަތިލުމުގެ ކުރިން ބިސްމިﷲ ކީ ކަމެއް އަހަރުމެންނަކަށް ނޭގެއެވެ. އެހިނދު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ކާންފެށުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ.

މިޙަދީޡްގައި މިވަނީ ހަމައެކަނި އަލަށް އިސްލާމްވި ބަޔެއްގެ ކަތިލުމުގެ ވާހަކައެވެ. ކޮންމެ ކޮންމެ ބަޔެއްގެ ކަތިލުމުގެ ވާހަކަ އެއް ނޫނެވެ. އެހެންކަމުން ކަތިލާފައި ހުންނަ މަސްގަންނަ އިރު އެތަކެއްޗަކީ ޝަރްޢީ ހަމަތަކުގެ މަތިން ކަތިލެވިފައިވާ ތަކެތިތޯ، އަދި އެއީ ކޮންބަޔެއްގެ ކަތިލުމެއްތޯ ޔަގީން ކުރަން ޖެހޭނެއެވެ. ކުރިންވެސް ބުނެވުނު ފަދައިން މުޝްރިކުންގެ ކަތިލުންތަކުގެ ތެރެއިން މުސްލިމުންނަށް ޙަލާލުވެގެންވަނީ ހަމަ އެކަނި ފޮތުގެ އަހްލުވެރިންގެ ކަތިލުންތަކެވެ. އެނޫން ކަތިލުންތައް މުސްލިމުންގެ މައްޗަށް ޙަރާމްވެގެންވެއެވެ. والله أعلم


 އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ads

ދާއިރާ:

0 comments:

Post a Comment

 
here it is