Tuesday, May 15, 2012

ދަރިއަކު ލިބުމުން ކަންކަން ކުރަންޖެހޭގޮތް

ސުވާލު:

ދަރިއަކު ލިބުމުން ކަންކަން ކުރަންޖެހޭގޮތް ސާފުކޮށްދެއްވުން އެދެމެވެ. އަދި 7 ވަނަ ދުވަހު ހަނދާން ނެތުމުގެ ސަބަބުން ނުވަތަ ކޮންމެވެސް ސަބަބަކާހުރެ ބޯ ނުބޭލިއްޖެނަމަ ދެން ހަދާނީ ކިހިނެތްތޯ އޮޅުންފިލުވައި ދެއްވުން އެދެމެވެ.


ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

1. ކުއްޖާ އުފަންވުމަށްފަހުގައި ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ ތަޙްނީކު ކުރުމެވެ. ތަޙްނީކު ކުރުމަކީ ކަދުރުކޮޅެއް ހަފާލުމަށްފަހު އޭގެ ދިޔަ ކުއްޖާގެ ދުލުގައި ޖައްސާލުމެވެ. އަބޫޠަލްޙާ-ރަޟިޔަﷲ ޢަންހު- އަށް ދަރިފުޅަކު ލިބުނު ހިނދުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގެނެވުނެވެ. އެހިނދު އެތުއްތު ކުއްޖާ އުރުފުޅުވެޑުވުމަށްފަހުގައި ކަދުރުކޮޅެއް ހަފާލެއްވުމަށްފަހުގައި އެކުއްޖާގެ އަނގައިގައި ޖެއްސެވިއެވެ. އަދި ޢަބްދުﷲ އޭ ކިޔާ އެދަރިފުޅަށް ނަންދެއްވިއެވެ.

މިޙަދީޘް ގެ ޝަރަޙާގައި އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ކުޑަކުއްޖާ ދުނިޔެއަށް އުފަންވާ ވަގުތުގައި ކަދުރު އޮށަކުން ތަޙްނީކު ކުރުމަކީ އެދެވިގެންވާ ކަމެއްކަމުގައި ހުރިހާ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ. ކަދުރު އޮށެއް ނުލިބިއްޖެނަމަ އެހެން ފޮނި އެއްޗަކުންނެވެ. ކަދުރު އޮށް މުޙައްނިކް )ތަހްނީކު ކުރާ މީހާ) އަގަޔަށް ލާ ހަފާލުމަށްފަހުގައި ކުޑަކުއްޖާގެ އަނގައިގައި ދިޔަ ޖައްސާނީއެވެ".

2. ދެވަނަ ކަމަކީ ކުއްޖާ އަށް ރަގަޅު ނަމެއް ދިނުމެވެ. އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެން ވެއެވެ. " إن أحب أسمائكم إلى الله عبد الله وعبد الرحمن " رواه مسلم ( 2132 ) .މާނައަކީ: "ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމަކީ ޢަބްދުﷲ އާއި ޢަބްދުއް ރަޙްމާން އެވެ".

ކުއްޖާ އުފަންވާ ދުވަހު ނަން ދިންނަމަވެސް ނުވަތަ ކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ނަން ދިންނަމަވެސް މައްސަލަ އެއް ނެތެވެ. އުފަންވާ ތަނުން ނަން ދެވިދާނެ ކަމުގެ ދަލީލަކީ އިސްވެދިޔަ އަބޫޠަލްޙާ ގެ ޙަދީޘެވެ. ހަތްވަނަ ދުވަހު ނަން ކިޔުމުގެ ދަލީލަކީ ސަމްރާ ބިން ޖުންދުން-ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ ޙަދީޘެވެ. " كل غلام رهينة بعقيقته تذبح عنه يوم سابعه ويحلق ويسمى " رواه أبو داود ( 2838 ) ،މާނައަކީ: "ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް އަގީގާ ކަތިލަން ޖެހޭނެ ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ޢަގީގާ ކަތިލެވެއެވެ. އަދި ބޯ ބޭލުމަށްފަހު ނަންދެވެއެވެ".

3. ކުއްޖާގެ ބޮލުގެ އިސްތަށި ބޭލުމަށްފަހު އޭގެ ބަރުދަނަށް ރިހިން ޞަދަގާތް ކުރުން. عن علي بن أبي طالب قال : " عق رسول الله صلى الله عليه وسلم عن الحسن بشاة وقال : يا فاطمة احلقي رأسه وتصدقي بزنة شعره فضة قال فوزنته فكان وزنه درهما أو بعض درهم " رواه الترمذي ( 1519 ) ،މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީޠާލިބް ގެ ކިބައިން ރިވާވެގެންވެއެވެ. ޙަސަނު ބިން ޢަލީ ދުނިޔެއަށް އުފަންވުމުން ހަތްވަނަ އަށް ވީދުވަހު ޢަގީގާގެ ގޮތުގައި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަކަށްޓެއް ކަތިލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. އޭ ފާޠިމާ އެވެ. ދަރިފުޅުގެ ބޯބާލާފައި އިސްތަށީގެ ބަރުދަން ރިހިން ވަޒަން ކުރުމަށް ފަހު ޞަދަގާތް ކުރާށެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ތިމަންނާ އެއިސްތަށި ވަޒަން ކުރީމެވެ. ބަރުދަނަކަށް ހުރީ ދިރްހަމެއް ނުވަތަ ބައި ދިރްހަމް ގެ ބަރުދަނެވެ".

4. ކުއްޖާގެ ޢުމުރުން ހަތް ދުވަސް ވުމުން ޢަގީގާ ކަތިލުން. ދަލީލަކީ: " كل غلام رهينة بعقيقته تذبح عنه يوم سابعه ويحلق ويسمى " رواه أبو داود ( 2838 ) ،މާނައަކީ: "ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް އަގީގާ ކަތިލަން ޖެހޭނެ ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ޢަގީގާ ކަތިލެވެއެވެ. އަދި ބޯ ބޭލުމަށްފަހު ނަންދެވެއެވެ".

ފިރިހެން ކުއްޖެނަމަ ދެބަކަރި އެވެ. އަންހެން ކުއްޖެއް ނަމަ އެއްބަކަރި އެވެ. ދަލީލަކީ ޢާއިޝާ-ރަޟިޔަﷲ ޢަންހާގެ ރިވާޔަތެވެ. "ފިރިހެން ކުއްޖަކަށް ދެބަކަރި ކަތިލުމަށާއި އަންހެން ކުއްޖަކަށް އެއް ބަކަރި ކަތިލުމަށް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ".

5. ޚިތާނު ކުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْفِطْرَةُخَمْسٌ: الْخِتَانُ ، وَالاسْتِحْدَادُ ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ ، وَقَصُّالشَّارِبِ)" )ފަސްކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. އެއީ ޚިތާނު ކުރުމާއި ޢައުނަތުގެ (ލަދުވެތި ގުނަވަން) އިސްތަށި ބޭލުމާއި ކިހިލިފަތްދޮށުގެ އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުމާއި މަތިމަސް ކޮށުމެވެ."

ޚިތާނު ކުރުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނެތެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ ކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ނުވަތަ އޭގެ ކުރިންވެސް ޚިތާނު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައެވެ. އަދި ހަތް އަހަރަށްވުރެ ބޮޑުވަންދެން ޚިތާނު ނުކޮށް ބެހެއްޓުމަކީ ރަގަޅު ކަމެއް ނޫން ކަމަށެވެ.

ހަތްވަނަ ދުވަހު ބޯ ނުބޭލިއްޖެނަމަ ކަންތައް ކުރަންވީ ގޮތަކާއި ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު ވުމެއް ހުއްޓެވެ.

ބައެެއް ޢިލްމުވެރިންގެ ރައުޔަކީ ވީއެންމެ އަވަހަކަށް އެކަން ކުރުމެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.

އެހެން ބައެއް ޢިލްމުވެރިންގެ ރައުޔަކީ ހަތްވަނަ ދުވަހު ނުވެއްޖެނަމަ ސާދަ ވަނަ ދުވަހު ކުރުމެވެ. ސާދަ ވަނަ ދުވަހުވެސް ނުވެއްޖެނަމަ އެކާވީސް ވަނަ ދުވަހު ކުރުމެެވެ. އެދުވަހުވެސް ނުވެއްޖެނަމަ ކޮންމެ ވަގުތަކު ކުރިނަަމަވެސް ރަގަޅެވެ. މިއީ ޝާފިޢީ މަޛްހަބުގެ ރައުޔެވެ.والله أعلم


 އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ads

ދާއިރާ:

0 comments:

Post a Comment

 
here it is