Sunday, May 13, 2012

އެއީ މުޖާހިދެއް ހެއްޔެވެ؟ ނުވަތަ މަލާއިކަތްބޭކަލެއް ހެއްޔެވެ؟

މާތް ﷲ ޥަޙީކުރައްވާފައިވެއެވެ.{{أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلاثَةِ آلافٍ مِنَ الْمَلائِكَةِ مُنْزَلِينَ}} (އާލްޢިމްރާން 124) މާނައަކީ: "ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުނަށް ތިން ސަތޭކަ މަލާއިކަތުންގެ މަދަދު ފޮނުއްވުން ތިޔަބައިމީހުނަށް ނުފުދޭ ހެއްޔެވެ. އެބޭކަލުން ފައިބައިވަޑައިގެން ތިޔަބައި މީހުންނާއެކުގައި ހަނގުރާމަ ކުރައްވާނެއެވެ"

ﷲގެ މަގުގައި ހަނގުރާމަކުރަމުންގެންދާ މުޖާހިދުންނާއިއެކު އާދަޔާޚިލާފް މީހުން ފެންނަމުންދާ ވާހަކައަކީ ކުއްފާރުންވެސް އެބައިމީހުންގެ ބައެއް އިންޓަވިއުތަކުގައި ޢާއްމުކޮށް ދައްކަމުންގެންދާ ވާހަކަތަކެކެވެ. އެގޮތުން ހަނގުރާމަތަކުގައި މުޖާހިދުންގެ ފަހަތުން ބޮޑެތި ބިޔަ ލަޝްކަރުތައް ފެންނަ ވާހަކައާއި، އަހެއްގެ ހިލަމެއްވެސް ނުވާ ސަހަރާތަކުން އަހުގެ ލަޝްކަރުތައް އަންނަ އަޑު އިވުމާއި، ހަނަފަސް ސަހަރާތަކުން ތަކްބީރުގެ އަޑު އިވުމާއި، ކުއްފާރުންގެ ބަޑިތަކުން ޝަހީދުކޮށްފައިތިބޭ މުޖާހިދުންގެ އަޑު އިވުމާއި މިފަދަ ރޫޙާނީ ޢަޖާއިބުކުރުވަނިވި އެތައް ކަމެއްގެ ވާހަކަ އެބައިމީހުންގެ ދުލުން ކިޔައިދެމުންދެއެވެ. ނަމަވެސް މިފަދަ ވާހަކަތަކަކީ ދުނިޔޭގެ މީޑިއާ ކޮންޓްރޯލުކުރަމުންގެންދާ ސީއެންއެން ނުވަނަ ބީބީސީފަދަ ޗެނެލްތަކުން ފޮނުވާ ނުވަތަ ފޮނުވާނެ އެއްޗެއްނޫނެވެ.
 (2002) ގެ އޭޕްރިލް 9 ވަނަ ދުވަހު ފަލަސްޠީނު މުޖާހިދުންނާއި، އިސްރާއީލު ސިފައިންނާއި ދެމެދު ޖެނީންގައި ޙަމަލާތަށް ބަދަލު ކުރަމުން ދިޔައިރު އިސްރާއީލު ސިފައިންނަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ލިބުނެވެ. ޖެނީންނަށް އެމީހުންނަށް ވަދެވުނީ އުނދަގުލުންނެވެ. އެފަހަރު އިސްރާއީލު ސިފައިންގެ ވަރަށް ގިނަ މީހުން މަރުވެފައިވެސް ވެއެވެ. މިވަރުގެ ގެއްލުންތަކެއް އީސްރާއީލު ސިފައިންނަށް ލިބުނީ ކިހިނެތް ހެއްޔެވެ؟ ހަމަ އޮށްގާ އުކައިގެން ހެއްޔެވެ؟
 ޖެނީންގެ ޙަމަލާ އާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ހަމާސްގެ ވެރިއެކެވެ. އަބޫ އަލް ބައްރާ ވިދާޅުވިއެވެ. މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޔަހޫދީ ސިފައިން ފިނޑިން ތަކެއްހެން، ހަތިޔާރުތައްވެސް އުކާލާފައި، ޒަޚަމް ވެފައި ތިބި މީހުންނަށްވެސް އަޅާނުލައި، ފިލާން ދުވަނިކޮށް އަހަރުމެން ދުށީމެވެ. އަހުރެން މިހެން މިބުނަނީ މާތް ﷲ ގަންދީ ހުވާ ކޮށްފައެވެ. ޔަހޫދީ ސިފައިން އެކަކު އަނެކަކާ ދިމާލަށް ބަޑި ޖަހާ ހެދި ކަމަށްވެސް ބައެއް މުޖާހިދުން އަހުރެން ކައިރީ ބުނެފައި ވެއެވެ.

ހައިރާންވާންޖެހޭ ކަމަކީ މުޖާހިދުން އެވަގުތު ޔަހޫދީ ސިފައިންނާ ދިމާލަށް އެންމެ ބަޑިއެއްވެސް ނުޖަހާ ކަމެވެ. ނަމަވެސް ބަޑީގެ އަޑު އިވިފައި ވެއެވެ. މިޙަމަލާ ތަކުން ސަލާމަތްވީ ޔަހޫދީއަކު ބުނާތީ އެހީމެވެ. "އަހަންނަށް ފެނުނީ ވަރަށް ބިރުވެރި ސިފައެއް ޖަހާ މަޚްލޫޤް ތަކެއް އަހަރުމެންނާ ދިމާލަށް އަންނަ ތަނެވެ. އެއަކީ އިންސާނުންނެއް ނޫނެވެ."

މިޙާދިޘާގެ ވާހަކަ ޓީވީ އޭ.އެން.އެން އަށް ކިޔައިދީފައިވެއެވެ. ހަނގުރާމައިގެ މައިދާނުގައި މުޖާހިދުންނަށް ހީނުކުރާ ކަހަލަ އެހީ ތަކެއް ލިބޭ ވާހަކަ އަކީ މަޝްހޫރު ވާހަކަ އެކެވެ. އެންމެ ގިނައިން އިވޭ އެއްވާހަކަ އަކީ ގޮތް ނޭނގޭ ބިރުވެރި މަޚްލޫޤްތަކެއް ޢަދުއްވުންނަށް ފެންނަ ވާހަކައެވެ. މި މަޚްލޫޤުތައް ފެންނަ ވާހަކަ ސާރބުންނާއި ރޫސީންވެސް ބުނެފައި ވެއެވެ. މުޝްރިކުންގެ ހިތް ތަކުގައި ބިރުވެރިކަން އުފެއްދުމުގައި މަލާއިކަތުންގެ ދައުރެއް ވުމީވެސް އެކަށީގެންވާ ކަމެއް ކަމުގައި މުޖާހިދުން ބުނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

އަފްޣާނިސްތާނުގައި ރޫސީންނާއި މުޖާހިދުންނާއި ދެމެދު ހަނގުރާމަ ހިނގި ދުވަސްވަރު ރޫސީންގެ ޖަމާޢަތެއް ބަލިވުމުން މުޖާހިދުން އެމީހުންނާ ސުވާލު ކުރިއެވެ. "ކަލޭމެން އަހަރުމެންގެ އަތް ދަށުވެފައި ތިޔަ ތިބީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެންގެ އަތުގައި އަހަރުމެންނަށް ވުރެ މޮޅު ހަތިޔާރު އެބަހުއްޓެވެ. ޓޭންކްވެސް އެބަހުއްޓެއެވެ." ރޫސީން ޖަވާބު ދޭނެއެވެ. "ކަލޭމެންގެ ބަޔަކު އަސްތަކުގެ މަތީގައި ތިއްބެއް ނޫންހެއްޔެވެ. އެމީހުންނާ ދިމާލަށް ބަޑި ޖެއްސަސް، ވަރަށް އަވަހަށް ރެކެއެވެ. އަހަރުމެން ބަލިވީ އެމީހުންނާ ހެދިއެވެ. މިކަހަލަ ވާހަކަތައް އަޑު އިވުމުން ޒުވާން މުޖާހިދުން ބައެއް ފަހަރު ހައިރާން ވެފައިވެސް ތިބެއެވެ.

ބޮސްނިޔާގައި ވެސް މިބާވަތުގެ ކަންތައްތައް ހިނގާފައި ވެއެވެ. އެއްފަހަރަކު ވަރަށް މަދު މުޖާހިދުން ކޮޅެއް ފޯރިއަށް ތިއްބާ، ސާރބުންގެ ބޮޑު ބައިގަނޑެއް އަންނަތަން ފެނިއްޖެއެވެ. މުޖާހިދުން ދެ ގޮތަކަށް ޚިޔާލު ކުރިއެވެ. އެއީ، ގުޅައިގެން އިތުރު މުޖާހިދުން ގެނައުން ނުވަތަ ކުރިމަތި ލުމެވެ. އެމީހުން ނިންމީ ކުރިމަތި ލާށެއެވެ. އަދި ألله أكبر ގެ ނަޣުރާ ކުރަމުން، ބަޑި ހިފައިގެން އެމީހުންނާ ދިމާލަށް ދުއްވައިގަތެވެ. ސާރބުންނަށް ހައިރާން ކަމެއް ލިބުނެވެ.

 އަދި ހުއްޓެވުނެވެ. ދެން ފެނުނީ އެތަނުން އެތަށް ބަޔަކު ބިރުން، ފަހަތަށް އެނބުރި ފިލާން ދުވާ ތަނެވެ. މުޖާހިދުން ފަހަތުން ދުވެ، އެބައިމީހުން ހައްޔަރު ކުރިއެވެ. އެމީހުންގެ ޢަދަދު އެހާ ގިނަ ނަމަވެސް، ކީއްވެގެންތޯ ފިލާންދުވީ ސާރބުން ނަށް ސުވާލުކުރެވުނެވެ. "ކަލޭމެންނާ އެކު ދުވަމުންއައި ކަޅު ބޮޑެތި މަޚްލޫޤުންތައް މިހާރު ކޮބައި ހެއްޔެވެ؟ އަހަރުމެން ފަހަތަށް ދުވީ، އެއީ ކޮން ޖަނަވާރެއް ކަން ނޭނގޭތީއެވެ." މިވާހަކަ ތައް އަޑު އިވުމުން މުޖާހިދުންގެ ބައެއް ޒުވާނުންގެ މޫނު ތަކުން ހައިރާންކަން ފެނިގެން ދިޔައެވެ.

ޝީޝާންގައި ހިނގި ޙާދިޘާ އެކެވެ. މިޙާދިޘާ ހިނގާފައިވަނީ 1999 ވަނަ އަހަރުއެވެ. ރަޝިޔާ ސިފައިން ވަނުމަށް މަސައްކަތް ކުރަމުން އައީ ވަރަށް ބޮޑު އިސްލާމީ މަރުކަޒެއް ހުރި އަވަށަކަށެވެ. އަވަށް ދިފާޢު ކުރުމަށް ނިކުތީ ވަރަށް އާދައިގެ ހަތިޔާރު ތަކެއް ހުރި، މަދު ޢަދަދެއްގެ މުޖާހިދުން ކޮޅެކެވެ.

 ދެބައި ލަޝްކަރު ބައްދަލުވި ހިނދު، މުޖާހިދުންނަށް ފެނިގެން ދިޔައީ ރަޝިޔާގެ ޓޭންކްތައް ހަލާކުވެގެންދާ ތަނެވެ. އަދި ރަޝިޔާގެ ސިފައިން، ވަޒަން ތަކުން ކަތިލެވެމުން ދާތަނެވެ. ވަޒަންތައް އަންނަމުން ދިޔައީ، އެދިމާލުގައި ހުރި ފަރުބަދަ އަކުންނެވެ. މުޖާހިދުންނަށް އެނގިފައިވާ ގޮތުގައި އެމީހުންގެ އެންމެ ލަޝްކަރެއްވެސް އެފަރުބަދަ މައްޗަކު ނުވާނެއެެވެ. ވަަރަށް ބޮޑެތި ގެއްލުންތައް ވުމާއެކު ރަޝިޔާ ސިފައިން ފަހަތަށް ޖެހުނެވެ.

ޝީޝާންގައި މިކަހަލަ ވަރަށް ގިނަ ޙާދިޘާ ތައް ހިނގާފައި ވެއެވެ. ރަޝިޔާ ސިފައިންނަށްވެސް އެއްޗެހި ފެންނަ ކަމަށް ވެއެވެ. އަދި އެމީހުންނަށް ނަފްސާނީ މަސްއަލަތައް ކުރިމަތި ވެއެވެ. ރަޝިޔާއިން ވަރަށް ބޮޑަށް ސިއްރު ކޮށްފައިވާ ވާހަކައެއް ދަންނަވާފާނަމެވެ. އިސްރާއީލުގެ މޮޔައިންނަށް ފަރުވާދޭ ބައެއް މަރުކަޒުތައް ވަނީ ޝީޝާންގައި ހަނގުރާމަ ކުރި ރަޝިޔާގެ ސިފައިންތަކުން ފުރިފައެވެ.

 އެމީހުން ދައްކަނީ ހަނގުރާމައިގެ މައިދާނުން އެމީހުންނަށް އާދަޔާ ޚިލާފު އެއްޗެއްސާއި، ޖަނަވާރާއި، "ޤަބުރު" ފެންނަ ވާހަކައެވެ. ކާފަރުން ޤަބޫލު ކުރާ ގޮތުގައި، އެމީހުންނަށް އެވަނީ އުންޑަތައް ގޮވާ އަޑު ތަކުގެ ޝޮކް ލިބިފައެވެ. ރޫހާނީ ކަންތައްތައް ޤަބޫލު ނުކުރާ މީހުން އަބަދުވެސް މާއްދީ އެއްޗަކުން ކޮންމެ ކަމަކަށް ޖަވާބު ހޯދަން މަސައްކަތް ކުރާނެ އެވެ.

އަފްޣާނިސްތާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައިވެސް މިކަހަލަ ޙާދިޘާތައް ހިނގާފައި އެބަހުއްޓެވެ. ގަރްދޭޒުގައި އެމެރިކާ ސިފައިންނާ މުޖާހިދުންނާ ދެމެދު މާރޗް މަހު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރެވުނެވެ. މި ޙަމަލާ ތަކުގައި އެމެރިކާ ސިފައިންގެ ވަރަށް ގިނަ ބަޔަކު މަރުވެސް ވިއެވެ. މިޙަމަލާ ތަކުގައި އެއްފަހަރަކު މުޖާހިދުން، އެމީހުން ޙަމަލާ ދިން މަޤާމަކުން ފައިބައިގެން ދިޔަ ފަހުންވެސް، ހަމަ އެ މަޤާމުން ދުޝްމަނުންނަށް ޙަމަލާ ދީފައިވެއެވެ.

 މިވާހަކަތައް ކިޔައިދީފައިވަނީ ޢަބްދުﷲ އޭ ކިޔާ ޢުމުރުން 20 އަހަރުގެ ކުއްޖެކެވެ. އޭނާ އަކީ އުފަން އުޒުބަކިސްތާނުގެ ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި އެމީހުން ތިބި މަޤާމުން ތަންކޮޅެއް ދުރަށް ދިޔަތަނާ ހަމަ އެމަޤާމުން ވަރުގަދައަށް ޙަމަލާ ދިން އަޑު އެމީހުންނަށް އިވުނެވެ. މިކަމުން އެންމެންނަށް ސިހުން ލިބުނެވެ. އަދި މިއީ ކޮން ބައެއް ކަމާމެދު ސުވާލު އުފެދުނެވެ. 

އެވަގުތު އެމީހުންގެ ކޮމާންޑަރު ހިނިތުން ވެލިއެވެ. އަދި ބުންޏެވެ. "ކަލޭމެންނަށް ހީވަނީ މި ޝައިޠާނުން ތަކާ ހަނގުރާމަ ކުރަނީ ހަމައެކަނި ކަލޭމެން އެކަނި ކަމަށް ހެއްޔެވެ؟ އެހެންނެއް ނޫނެވެ. ﷲ ގެ އެހެނިހެން މަޚްލޫޤުން ކަމުގައިވާ މުސްލިމް ޖިންނިންނާއި، މަލާއިކަތުންވެސް އަހަރުމެންނާއި އެކު ދުޝްމަނުންނާ ހަނގުރާމަ ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ." މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
 
ސީރިއާގެ އަނިޔާވެރި ބައްޝާރުލް އަސަދުގެ ސަރުކާރާއިދެކޮޅަށް އެޤައުމުގެ ރައްޔިތުންކުރަމުންގެންދާ ހަނގުރާމަތަކުގައި ސީރިޔާސިފައިންނަށްވެސް ހަނގުރާމަވެރިންނާއެކު އާދަޔާޚިލާފް މީހުން ފެންނަ ވާހަކައާއި މަދު ހަނގުރާމަވެރިންނެއްގެމައްޗަށް ގިނަ ސިފައިންތަކަށް ކުރި ނުހޯދި ބަލިވެ ފަހަތަށް ޖެހެމުންދާ ވާހަކައަކީ މިއަދު ޢާއްމުކޮށް މުޖާހިދުންގެ ފަރާތުން އިވޭ ވާހަކައެވެ.
މިއަދުގެ އެއްޙާލަތަށް ނަޒަރެއްހިންގާލަމާތޯއެވެ.
އެންމެޒަމާނީ ބަރު ހަތިޔާރު އަޅައިގެންވާ އަނިޔާވެރި ބައްޝާރުގެ އަނިޔާވެރި ސިފައިން އެގައުމުން މުސްލިމުންގެ ވަސް ފޮހެލުމަށްޓަކައި އެއްވެސް ރަޙުމެއްނެތި ޤަތުލުޢާންމު ހިންގަމުން ގެންދާތާ އެތައްދުވަހެއް ވެއްޖެއެވެ. މުސްލިމު އަންހެނުންނާއި އަދި އަންހެންކުދިންގެ ޢިއްފަތް ފޭރެމުން ވަކި އުމުރަކަށް ނުބަލައި ޤަތުލުކުރަމުންގެންދާއިރު މި ނުބައިވެގެންވާ މީހުންގެ އިންސާނީވަންތަކަމުގެ ޒައްރެއްގެ މިންވަރުވެސް ނުހުރެއެވެ. މިހުރިހައި ޝައިޠާނުންނާއިދެކޮޅަށް ސީރިއާގައި އެތައް ހާސް މުޖާހިދުންނެއް ތެދުވެ ސީރިއާގެ ޝައިޠާނީ ސިފައިންނާއި ހަނގުރާމަކުރަމުން މިއަދު އެބަގެންދެއެވެ.
ދާދިފަހުން ސީރިއާގައި ހިނގައިދިޔަ ހާދިޘާއެކެވެ.
ސީރިއާސިފައިންނާއި ހަނގުރާމަވެރިންނާއިދެމެދު ކުރިއަށްދިޔަ ބަޑިޖެހުމުގެ ޙާދިޘާއެއްގައި މުޖާހިދަކު ޝަހީދުވެގެން ވެއްޓެއެވެ. އަދި ބަޑިޖަހަމުންދާތީ އެއްވެސް މީހަކަށް އޭނާ ނަގަން ނުދެވިގެން އުޅެނިކޮށް ހުދު ފަގުޑިއަކާއި ކިލާކޮޅެއްވެސްނެތް ހުދުހުދު ހެދުމެއްގައި އިންސާނެއްގެ ސިފައިގައި މީހަކުއައިސް ވެއްޓިފައިވާ މީހާ ނަގައިގަނެގެން މުޖާހިދުންނާއި ހަވާލުކުރެއެވެ. ޝަހީދުވެފައިވާ މީހާ ނަގައިގަނެގެން ގެންދާތަންވަނީ މުޖާހިދެއްގެ ކެމެރާއަށް ރެކޯޑު ކުރެވިފައެވެ. އެންމެ ޢަޖާއިބު ކުރުވަނިވި އެއްކަމަކީ ބޮޑުސިންގާ ފިރިހެނެއް ކިހިލިޖަހާލައިގެން ގެންދިޔަ ގޮތެވެ. އެ ޝަހީދުގެ އެއްވެސްބަރުކަމެއް އެގެންދިޔަ މީހާއަށް އިޙްސާސެއް ނުކުރެވެއެވެ. ހަމައާދައިގެ ފުޅިމަދުކޮޅެއް ނުވަތަ ކަފަކޮޅެއް ކިހިލި ޖަހާލައިގެން ގެންދާގޮތަށް ގެންދިޔައީ ބަޑިޖަހަމުންދިޔަ މައިދާނުގެމެދުން ހަމަ އެވަގުތުއެވެ. އެމީހަކީ ދުވަހަކުވެސް އެރަށުގެ އެއްވެސް މީހަކަށް އޭގެކުރިން ފެނިފައިވާ މީހެއް ނޫނެވެ. އޭނާގެ މޫނުގެ ސިފައަކީ ރަށުގެ އެއްވެސް އަހުލުވެރިއަކު ދަންނަ މޫނަކަށްނުވިއެވެ. ޝަހީދުވެފައިއޮތް މީހާ މުޖާހިދުންނާއި ހަވާލުކުރުމަށްފަހު ދެން އެ މީހާއަށް ވީގޮތެއް އެއްވެސް މީހަކަށް ނޭނގުނެވެ. އޭނާއާއިދޭތެރޭގައި އެވަގުތު އެއްވެސް މީހަކަށް ވިސްނައެއް ނުލެވުނެވެ.
އެއީ މުޖާހިދެއް ހެއްޔެވެ؟ ނުވަތަ މަލާއިކަތްބޭކަލެއް ހެއްޔެވެ؟
ކޮންމެއަކަސް އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާޢަޤީދާއަކީ މުއުމިނުންނަށް އެހީވުމަށްޓަކައި ﷲ ސުބުޙާނަހޫ ޥަތަޢާލާ އެކަލާނގެ އެދިވަޑައިގަންނަވާ ވަގުތަކު އެދިވަޑައިގަންނަވާތަންތަނަށް މަލާއިކަތުން ފޮނުއްވާކަމެވެ. الله أكبر
ސޫރަތުލް އަންފާލްގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ޥަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ.

"ފަހެ، ތިޔަބައިމީހުން އެ ކާފަރުން ޤަތުލެއް ނުކުރަމުއެވެ. އެހެނެއްކަމަކު ﷲ، އެއުރެން ޤަތުލު ކުރެއްވީއެވެ. (އެބަހީ: ކާފަރުން ޤަތުލުވެގެން ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. ﷲ ދެއްވި ނަޞްރުގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ ﷲ އެވެ. އަދި އެކަމުން ރިވެތިވެގެންވާ އިމްތިޙާނަކުން މުއުމިނުން އިމްތިޙާން ކުރެއްވުމަށެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."


http://www.youtube.com/watch?v=jRMH3JidwBg&feature
ޑައުންލޯޑްކުރެއްވުމަށް

ads

ދާއިރާ:

0 comments:

Post a Comment

 
here it is