Saturday, May 12, 2012

ޞަޙާބީންގެ ވާހަކަ – އަބްދުﷲ ބުން އުންމު މަކްތޫމް(رضى الله عنه)

އަބްދުﷲ ބުން އުންމު މަކްތޫމަކީ(رضى الله عنها) މުއުމިނުތަކުންގެ މަންމަ ޚަދީޖާ ބިންތި ޚުވައިލަދު(رضى الله عنها) ދެބެންގެ ދެ ދަރި ބޭކަލެކެވެ. އެކަލޭގެ ފާނުންގެ ބައްޕާފުޅަކީ ޤައިސް ބިން ޒަޢިދެވެ. މަންމާ ފުޅަކީ އާތިކާ ބިންތި އަބްދުﷲ އެވެ.


އަބްދުﷲ ބިން އުންމު މަކްތޫމަކީ(رضى الله عنها)   އިސްލާމް ދީން ފާޅުވިތާ ކުރީކޮޅު އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މިހެންކަމުން އެ ދުވަސްވަރު ޤުރައިޝުންގެ ފަރާތުން މުސްލިމުންނަށް ލިބުނު އަނިޔާތަކާ، އަބްދުﷲ ބިން އުންމު މަކްތޫމަށްވެސް(رضى الله عنها)   ވަނީ ކުރިމަތިވެ ވަޑައިގެންފައެވެ. އެހެންނަމަވެސް އެކަލޭގެ ފާނަކީ ހިތްވަރު ގަދަ، ޤުރުބާންވެ ވަޑައިގަންނަން ކެރޭ ބޭފުޅެއް ކަމުން ޤުރައިޝުން މުސްލިމުންނަށް ކުރަމުން ދިޔަ ދުއްތުރާ ތަކުގެ ސަބަބުން އެކަލޭގެފާނުންގެ އީމާންތެރިކަން ބަލިކަށި ވުމުގެ ބަދަލުގައި އީމާން ތެރިކަން ދިޔައީ އިތުރުވަމުންނެވެ. އަދި ރަސޫލާއަށް ތަބަޢަވެ ވަޑައިގަންނަވާ މިންވަރުވެސް ދިޔައީ ދުވަހަކަށްވުރެއް ދުވަހެއް އިތުރުވަމުންނެވެ.

އަބްދުﷲ ބުން އުންމު މަކްތޫމަކީ(رضى الله عنها)  ކީރިތި ރަސޫލާޔާ(صلى الله عليه وسلم) ވަރަށް ގާތްކޮށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނު ކީރިތި ޤުރުއާން ހިތުން ދަސްކުރެއްވުމަށް ވަރަށް ހާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ.
އެދުވަސް ވަރަކީ މީށްތަކުންނަށް އިސްލާމީ ދައުވަތު ފޯރުކޮށްދީ އިސްލާމް ދީނަށް ޤުރައިޝުން ވެއްދުމަށް ކީރިތި ރަސޫލާ ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ދުވަސް ވަރެކެވެ. އެއްދުވަހަކު އަބްދުﷲ ބުން އުންމު މަކްތޫމް(رضى الله عنها)  ، އުތުބާ ބިން ރަބީޢާ، އެކަލޭގެ ފާނުންގެ ބޭބޭފުޅު ޝަޢިބާ އާއި، އަމްރު ބުން ހިޝާމާއި( އަބޫ ޖަހްލު)، އުމައްޔާ އިބްނު ޚަލަފާއި، ޚާލިދު ބިން ވަލީދުގެ ބައްޕާފުޅު ވަލީދު ބިން މުޣީރާ އާއި ބައްދަލު ވިއެވެ. އެހިނދު އަބްދުﷲ ބިން އުންމު މަކްތޫމް(رضى الله عنها)   އެ މީހުންނަށް އިސްލާމް ދީނުގެ ވާހަކަ ބަޔާން ކޮށްދޭން ފެއްޓެވިއެވެ. 

އެކަލޭގެ ފާނު މަސައްކަތް ކުރެއްވީ އެބޭފުޅުންނަށް ހެޔޮ ވިސްނި އިސްލާމް ދީނުގެ ނޫރު އެބޭފުޅުންގެ ހިތްތަކަށް ވެއްދެވުމަށެވެ. ނުވަތަ އެންމެ ކުޑަމިނުން އެބައިމީހުން މުސްލިމުންނަށް ކުރަމުންގެންދާ އަނިޔާތަށް ހުއްޓުވުމަށެވެ.

އެއްދުވަހަކު ކީރިތިރަސޫލާ(صلى الله عليه وسلم)  ޤުރައިޝުންގެ ބަޔަކަށް ދައުވަތު ދޭން ހުންނަވަނިކޮށް އަބްދުﷲ ބުން އުންމު މަކްތޫމު(رضى الله عنها)   އެތަނަށް ވަޑައިގެން ވިދާޅުވިއެވެ.” އޭ ﷲގެ ރަސޫލާއެވެ. މާތް ﷲ ކަލޭގެފާނަށް އުނގަންނަވައި ދެއްވި އެއްޗަކުން ތިމަން ކަލޭގެ ފާނަށް އުނގަންނަވައި ދެއްވާށެވެ.” އެހިނދު ކީރިތި ރަސޫލާގެ(صلى الله عليه وسلم)  މޫނުފުޅުން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އަދި އެކަލޭގެފާނު، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ޤުރައިޝުންނާ ދިމާއަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެ ފާނު ޤުރައިޝުންނާ ވާހަކަ ދައްކަވާ ނިމުނުތަނާހެން އެކަލޭގެ ފާނުންގެ ލޮލަށް ކޮންމެވެސް ވަރަކަށް އަނދިރިކަމެއް އިހުސާސް ކުރެވުނެވެ. އެހިނދު ޢަބަސަ ސޫރަތުގެ ކުރީ ކޮޅުގެ އާޔަތްތައް ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  ބާވާލެއްވުނެވެ.

“މުހައްމަދުގެ ފާނުގެ މޫނުފުޅަށް ރޫ އަރުއްވަވައި ހިތްޕުޅާ ނުވުމުގެ ގޮތް މޫނުފުޅުން ދެއްކެވިއެވެ. އަދި، ފުރަގަސް ދެއްވައި، އެނބުރި ވަޑައިގަތެވެ. ލޯފަން މީހާ( އަބްދުﷲ ބުން އުންމު މަކްތޫމު) އެކަލޭގެ ފާނުގެ އަރިހަށް އައުމުންނެވެ. ކަލޭގެ ފާނަށް އަންގައިދިނީ ކޮން ކަމެއްތޯއެވެ؟ އޭނާ، ކުއްތަކުން ސާފުވެ، މާތްވެދާނެކަން ނޭންގެއެވެ. ނުވަތަ އޭނާ ހަނދުމަ ކޮށްފާނެއެވެ. އޭރުން، އެހަނދުމަ ކުޅައިން އޭނާއަށް މަންފާކޮށްފާނެއެވެ. ތިމާ އަމިއްލައަށް ފުދިގެންވާ މީހަކު ކަމުގައި ދެކޭ މީހާ ދަންނާށެވެ. ކަލޭގެ ފާނުން އެމީހަކާ ކުރިމަތި ލައްވައި ބައްދަލު ކުރަށްވަމުއެވެ. އެމީހަކު އީމާން ނުވުމަކުން ކަލޭގެ ފާނުންގެ މަށްޗަށް ކުށެއް ނެތެވެ. އަދި ދަންނާށެވެ! ކަލޭގެ ފާނުންގެ އަރިހަށް ހިންގަމުން އައި މީހާ، އެމީހާ ބިރުވެތިވަމުން އެމީހާގެ ކިބައިން ކަލޭގެ ފާނު މަޝްއޫލުވެވަޑައިގެން ދުރުހެލިވެ ވަޑައިގަންނަވަމުއެވެ.”

އަބްދުﷲ ބުން އުންމު މަކްތޫމާ(رضي الله عنه)   ބެހޭގޮތުން ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  16 އާޔަތް މުޅި އެކު ބާވާލެއްވުނެވެ. އަދި ޤުރުއާން ބާއްވާ ލެއްވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ 16 އާޔަތް ދަނީ ކިޔެވެމުންނެވެ. އެކަލޭގެފާނާ ބެހޭގޮތުން އާޔަތް ބާވާލެއްވުނު ދުވަހުން ފެށިގެން، ކީރިތި ރަސޫލާ(صلى الله عليه وسلم)  އެކަލޭގެފާނާ ބައްދަލުވާ ކޮންމެ ފަހަރަކު އެކަލޭގެ ފާނުންގެ ކަންތައްތަކާ ބެހޭގޮތުން އައްސަވާ ހައްދަވައެވެ. އެކަލޭގެ ފާނަށް ވަރަށް ހެޔޮކޮށް ހިއްތަވައެވެ. އަދި އެކަލޭގެ ފާނުންގެ ބޭނުންތަށް ފުއްދަވައި ދެއްވައެވެ.

ޤުރައިޝުންގު ދުއްތުރާ ބޮޑުވެ މުސްލިމުންނަށް މަދީނާއަށް ހިޖުރަ ކުރެއްވުމަށް  މާތްﷲ ހުއްދަދެއްވިއެވެ. އެހިނދު ޞަހާބީންގެ ތެރެއިން އެންމެ ފުރަތަމަ މަދީނާއަށް ހިޖުރަ ކުރެއްވީ އަބްދުﷲ ބުން އުންމު މަކްތޫމާއި(رضي الله عنه)   މުސްޢަބު ބިން ޢުމެއިރެވެ. އެދެބޭކަލުންނަށް ޔަޘްރިބަށް ދެވުމާއެކު އެތާނގެ މީސްތަކުންނަށް ކީރިތި ޤުރުއާން ކިޔައިދެއްވާ އިސްލާމް ދީނުގެ ދައުވަތު ފަތުރުއްވަން ފެއްޓެވިއެވެ.

 ކީރިތި ރަސޫލާ(صلى الله عليه وسلم)  މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު މުސްލިމުންނަށްޓަކައި ރެއާ ދުވާލު ފަސް ވަގުތު މާތް ﷲ ގެ އެއްކައުވަންތަކަމުގެ ކަލިމަތަށް އިއްވެވުމަށް އެކަލޭގެ ފާނާއި، ބިލާލް ބިން ރަބާހާ ދެބޭކަލުންނާ ހަވާލުކުރެވުނެވެ. ބައެއް ފަހަރު ބިލާލްގެ ފާނު ބަނގި ގޮވުމުން ގަމަތް ދެއްވާ ހައްދަވަނީ އަބްދުﷲ ބުން އުންމު މަކްތޫމެވެ(رضي الله عنه)  . އަދި އަނެއްބައި ފަހަރަށް ބަންގި ގޮވަނީ އެކަލޭގެ ފާނެވެ. އަދި ގަމަތް ދީ ހައްދަވަނީ ބިލާލްގެ ފާނެވެ. ރަމަޟާން މަސްތަކުގައި ބިލާލުގެ ފާނު މީސްތަކުން ހާރުކާން ނެންގެވުމަށް ބަންގި ގޮވާލައްވައެވެ. އަދި އަބްދުﷲ ބުން އުންމު މަކްތޫމް(رضي الله عنه)  ފަތިސް ނަމާދަށް ބަންގި ގޮވާލައްވައެވެ.

މީގެ އިތުރުންވެސް ކީރިތި ރަސޫލާ(صلى الله عليه وسلم)  އެކަލޭގެ ފާނާ ބައެއްކަންތައްތައް ހަވާލުކުރަށްވައެވެ. އެގޮތުން ކީރިތި ރަސޫލާ(صلى الله عليه وسلم)  މަދީނާއިން ބޭރަށް ވަޑައިގަންނަވާނަމަ އަބްދުﷲ ބިން އުންމު މަކްތޫމާ(رضي الله عنه)   މަދީނާގެ ކަންކަން ހަވާލު ކުރަށްވައެވެ. ކީރިތި ރަސޫލާ(صلى الله عليه وسلم)  މިފަދައިން އެތައް ފަހަރަކު ކަންތައް ކުރެއްވެވިއެވެ.

ބަދުރުގެ ހަނގުރާމަ ނިމުމާއެކު މާތް ﷲ ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  ،މުޖާހިދުންގެ ދަރަޖަ، ހަނގުރާމައަށް ނިކުމެ ވަޑައި ނުގެން ރަށުގައި ތިއްބެވި މީސްތަކުންނަށްވުރެއް މަތިވެރިކޮށް ވަހީއެއް  ބާވާލެއްވެވިއެވެ. އެއީ މުޖާހިދުންނަށް ހިތްވަރު ދެއްވާ ހަނގުރާމައަށް ނުކުމެ ވަޑައި ނުގެއް ތިއްބެވި ބޭކަލުންވެސް ކަންނެތްކަން ދޫކޮށްލުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް މި ވަހީގެ ސަބަބުން އަބްދުﷲ ބިން އުންމު މަކްތޫމަށް(رضي الله عنه)   ވަރަށް ބޮޑަށް އަސަރު ކުރެއްވިއެވެ. އެހިނދު އެކަލޭގެ ފާނު ކީރިތި ރަސޫލާއާ(صلى الله عليه وسلم)  މުހާތަބު ކޮށް ވިދާޅުވިއެވެ.

“އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަށް ޖިހާދަށް ދެވޭނަމަ، ކަލޭގެ ފާނާއެކު ޖިހާދަށް ވަޑައިގަތީމުހެވެ”
ބަދުރުގެ ހަނގުރާމަ ނިމުމާއެކު މާތް ﷲ ކީރިތި ރަސޫލާއަށް(صلى الله عليه وسلم)  ،މުޖާހިދުންގެ ދަރަޖަ، ހަނގުރާމައަށް ނިކުމެ ވަޑައި ނުގެން ރަށުގައި ތިއްބެވި މީސްތަކުންނަށްވުރެއް މަތިވެރިކޮށް ވަހީއެއް  ބާވާލެއްވެވިއެވެ. އެއީ މުޖާހިދުންނަށް ހިތްވަރު ދެއްވާ ހަނގުރާމައަށް ނުކުމެ ވަޑައި ނުގެއް ތިއްބެވި ބޭކަލުންވެސް ކަންނެތްކަން ދޫކޮށްލުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް މި ވަހީގެ ސަބަބުން އަބްދުﷲ ބިން އުންމު މަކްތޫމަށް(رضى الله عنه)  ވަރަށް ބޮޑަށް އަސަރު ކުރެއްވިއެވެ. އެހިނދު އެކަލޭގެ ފާނު ކީރިތި ރަސޫލާއާ(صلى الله عليه وسلم)  މުހާތަބު ކޮށް ވިދާޅުވިއެވެ.

“އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަލޭގެ ފާނަށް ޖިހާދަށް ދެވޭނަމަ، ކަލޭގެ ފާނާއެކު ޖިހާދަށް ވަޑައިގަތީމުހެވެ”
އެހިނދު ، އެމީހެއްގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން ޖިހާދަށް ވަޑައިނުގެންނެވުނު މީސްތަކުންނާ ބެހޭގޮތުން ވަހީއެއް ބާވާލެއްވުން އެދި ކީރިތި ރަސޫލާ މާތް ﷲ އަށް ދެންނެވިއެވެ. އަދި ކީރިތި ރަސޫލާގެ(صلى الله عليه وسلم)  ދުއާ އިޖާބަކުރަށްވާ މާތް ﷲ ނިސާ ސޫރަތުގެ 95 ވަނަ އާޔަތް ބާވާލެއްވިއެވެ. އެ އާޔަތުގައި ވަނީ:

“މުއުމިނުންގެ ތެރެއިން އުނދަގޫތަކާއި އުޒުރުތަކުގެ ވެރީން މެނުވީ، ހަނގުރާމަ ނުކޮށް ތިބޭ މީހުންނާއި، އެބައިމީހުންގެ ފުރާނަ ތަކާއި، މުދާތަކުން މާތްﷲގެ މަގުގައި ޖިހާދުކުރާ މީހުންނާ ހަމަހަމަ ވެގެން ނުވެއެވެ. އެމީހުންގެ ފުރާނަތަކާއި، މުދައުތަކުން ޖިހާދުކުރާ މީހުން ހަނގުރާމައަށް ނުގޮސް ތިބޭ މީހުންނަށްވުރެން، ދަރަޖައިގެ ގޮތުން މާތް ﷲ މާތް ކުރަށްވައިފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮ ދަރުމަ ދެއްވުމަށް މާތްﷲ ވައުދު ކުރައްވާފައިވެއެވެ. ހަނގުރާމައަށް ނުގޮސްތިބޭ މީހުންނަށްވުރެއް ޖިހާދުކުރާ މީހުން،  ބޮޑުވެގެންވާ ދަރުމަ ދެއްވުމުން މާތްﷲ މާތްކުރެއްވިއެވެ.”

އަބްދުﷲ ބުން އުންމު މަކްތޫމު(رضى الله عنه)   މެން ފަދަ ނުކުޅެދޭ ބޭކަލުންގެ ކިބައިން ޖިހާދުގެ ވާޖިބު އުފުއްލެވިގެން ވީނަމަވެސް ، މުސްލިމުން ޖިހާދު ކުރާއިރު ރަށުގައި ތިބޭ މީހުންގެ ތެރެއިން ވުމަކަށް އެކަލޭގެ ފާނުންގެ ހިތްޕުޅެއް ނުރުހެއެވެ. އެހެން ކަމުން ކޮންމެ ހަނގުރާމައެއްގައި ބައިވެރިވުމަށް އެކަލޭގެ ފާނު އަޒުމް ކުރެއްވިއެވެ. އަދި އެކަލޭގެ ފާނު ވިދާޅުވިއެވެ.”ތިމަންނާއަކީ ލޯފަން މީހެކެވެ. އަހަރެންނަކަށް ތިޔަބައިމީހުން ދުވާ ފަދައިން ދުވެ ވަޑައެއް ނުގެންނެވޭނެއެވެ. އަހަރެން މުސްލިމުންގެ ދެސަފުގެ މެދަށް ލަހަރެވެ. އަހަރެން މުސްލިމުންގެ ދިދަ ހިފަހަށްޓާނަމެވެ. އަދި އަހަރެން އެ ދިދަ ރައްކައުތެރިކޮށް ، އެ ހިފައިގެން ދާނަމެވެ.”

ހިޖުރައިގެ 14 އަހަރުފަހެވެ. މުސްލިމުން ދިޔައީ އެ ދުވަސްވަރުގެ އެންމެ ގަދަ އެއްބާރުކަމުގައިވި، ފާރިސީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންނެވެ. އެހިނދު މުސްލިމުންގެ އިމާމު އުމަރު ބުނުލް ހައްޠާބު(رضى الله عنه)  މުސްލިމުންގެ ގަވަރު ނަރުންނަށް ސިޓީއެއް ލިޔުއްވިއެވެ. އެ ސިޓީގައި ވަނީ މިފަދައިންނެވެ.” އެމީހެއްގެ އަތުގައި ހަތިޔާރެއް ނުވަތަ އަހެއް ނުވަތަ އަހަރުމެންނަށް އެއްވެސް އެހީއެއް ލިއްބައިދެވޭނެ މީހަކު ނަމަ އަވަހަށް ތިމަންގެ އަރިހަށް ފޮނުވާށެވެ.” އުމަރުގެ ފާނުންގެ(رضى الله عنه)  މި ގޮވާލެއްވުމަށް އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން މަދީނާއަށް ޖަމާވިއެވެ. އެމީޙުންގެ ތެރޭގައި އަބްދުﷲ ބިން އުންމު މަކްތޫމުވެސް(رضى الله عنه)   ހިމެނި ވަޑައިގަންނަވައެވެ.

މުސްލިމުންގެ ލަޝްކަރުގެ މަށްޗަށް އުމަރުގެފާނު ސަޢުދު ބިން އަބީ ވައްޤާޞް އިސްކުރަށްވާ އެކަލޭގެ ފާނަށް ނަސޭހަތް ދެއްވާ ހިތްވަރު ދެއްވެވުމަށްފަހު ލަޝްކަރު ފޮނުވާލެއްވެވިއެވެ. މުސްލިމުންގެ ލަޝްކަރު ޤާދިސިއްޔާ އާ ހަމަށް ދެވުނު އިރު އަބްދުﷲ ބިން އުންމު މަކްތޫމު(رضى الله عنه)   ހުންނެވީ ހަނގުރާމައިގެ ދަހަނާކޮޅު ތުރުކުރަށްވާ ފުރިހަމައަށް ތައްޔާރުވެ ވަޑައިގެންނެވެ. އަދި އެކަލޭގެ ފާނު ޝަހީދު ވަންދެން މުސްލިމުންގެ ދިދަ ހިމާޔަތް ކުރައްވާ ރައްކައުތެރި ކުރެއްވުމަށް ހުވާކުރެއްވިއެވެ.

މުސްލިމުން ފާރިސީންނާ ބައްދަލުވެ 3 ދުވަހުގެ މުއްދަތަށް ހަނގުރާމަ ދެމިގެން ދިޔައެވެ. އެހަނގުރާމަ ވެގެންދިޔައީ މުސްލިމުންގެ ތާރީހުގައިވެސް އެންމެ އުނދަގޫ އަދި އެންމެ ގެއްލުންބޮޑު އެއް ހަނގުރާމައަށެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު މުސްލިމުން ފާރިސީންގެ މަށްޗަށް ކާމިޔާބު ހޯދާ އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ކިއްލާ ފުނޑު ފުންޑު ކޮށްލެއްވިއެވެ.
 އެ ހަނގުރާމައިގެ ސަބަބުން ބުދަށް އަޅުކަން ކުރަމުން ދިޔަ ޤައުމެއް އިސްލާމީ ހިޔާވަހިކަމުގެ ދަށަށް ގެނެވުނެވެ. ނަމަވެސް އެއީ ދީނަށްޓަކައި ޤުރުބާންވި އެތަށް ސަތޭކަ މުސްލިމުނެއްގެ ބަދަލުގައެވެ. އެމަތިވެރި ޝަހީދުންގެ ތެރޭގައި އަބްދުﷲ ބިން އުންމު މަކްތޫމުވެސް(رضى الله عنه)   ހިމެނި ވަޑައިގެންނެވިއެވެ. އެކަލޭގެ ފާނު ޝަހީދުވެވަޑައިގެން އޮންނެވީވެސް  މުސްލިމުންގެ ދިދަ އެކަލޭގެފާނުންގެ އަތްޕުޅުގައި ވާ ހާލުގައެވެ
 ތަރުޖަމާ: ހުސެއިން ސާލިމް

ads

ދާއިރާ:

0 comments:

Post a Comment

 
here it is