Thursday, May 17, 2012

ތުނބުޅި ބެހެއްޓުމުގެ ޙުކުމާއިމެދު ބައެއްމީހުން އޮޅުވާލަމުންދާތީ ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި.




ތުނބުޅި ބެހެއްޓުމުގެ ޙުކުމާއިމެދު އަސްކަރިއްޔާގެ އަޚުންނަށް ބައެއް މީހުން އޮޅުވާލަމުންދާތީ ތުނބުޅީގެ ޙުކުމް ބަޔާންކޮށް ޖަމްޢިއްޔަތުއްސަލަފުން މިއަދު ބަޔާނެއް ނެރެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމްގެ އިތުރުން ޖަމްޢިއްޔާގެ ނާއިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙަމަދު ސަމީރު ބިން އިބްރާހީމް ސޮއިކުރައްވައި ނެރުއްވާފައިވާ މި ބަޔާނުގައި ތުނބުޅި ބެހެއްޓުމުގެ ޝަރުޢީ ޙައިޘިއްޔަތު ބަޔާންކުރައްވާފައިވެއެވެ.

އެގޮތުން ކީރިތި ޤުރްއާނުގައި ތުނބިޅިއާއި ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ، އެބޭކަލުންނަށް ތަބާވުމަށް އަމުރުވެވިގެންވީ އެންމެހައި ނަބީބޭކަލުން ތުބުޅި ބެހެއްޓެވިކަމުގެ މައްޗަށް ކީރިތި ޤުރްއާނުން ދަލީލު ދައްކަވާފައިވެއެވެ. ހަމައެފަދައިން ކީރިތި ޤުރްއާނަށް ފަހުގައި އެންމެ ޞައްޙަ ދެ ފޮތްކަމުގައިވާ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ވަރަށް ސާފު ޞަރީޙަ ޢިބާރާތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅުވެސް ހިމަނުއްވާފައިވެއެވެ.


 ހަމައެއާއެކު ތުބުޅި ބެހެއްޓުމަކީ ވާޖިބެއްކަމުގެ މައްޗަށް ދަންނަބޭކަލުންގެ އިޖްމާޢު ނަޤުލުކުރައްވާފައިވާ ބަސްފުޅުތަކާއި، އަދި ސުނަންތުގެ ފިޤުހީ ހަތުރު މަޛުހަބުގައިވެސް ތުބުޅި ބެހެއްޓުމަކީ ވާޖިބުކަމެއްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވާކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. ހަމައެފަދައިން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީގެ ދަށުންވެސް ޤުރްއާނާއި ސުންނަތާ ޚިލާފު އެންމެހައި ޤާނޫނަކާއި ޤަވާޢިދެއް ބާޠިލުކަމުގައި ބަޔާންކުރާ މާއްދާތަކުގެ މައްޗަށް ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އަދި ސިފައިންގެ ޤަވާޢިދުގައި ތުބުޅި ބޭލުމަށް އަމުރުކުރާ މާއްދާއަކީ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ފުށުއަރާ މާއްދާއެއްކަމުގައިވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މި ބަޔާން ނެރެފައިވަނީ ފުލުހުންނާއި ސިފައިގެން މުއައްސަސާގެ އެކިއެކި ފަންތީގެ އަޚުންނާއި އަދި އެނޫން މުއައްސަސާތަކުގައި އުޅުއްވާ ފަރާތްތަކުން މިމައްސަލައިގައި ޖަމްޢިއްޔަތުއްސަލަފުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް އެދެމުންދާތީއެވެ.

ތިރީގައިއެވަނީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނެރުނު ބަޔާނެވެ.

ތުނބުޅި ބެހެއްޓުމުގެ ޝަރުޢީ ޙައިޘިއްޔަތު

الحمد لله العليم الحكيم رب العالمين. والعاقبة للمتقين ولاعدوان إلا على الظالمين. والصلاة والسلام على المبعوث رحمة للعالمين، وقدوة للمؤمنين. وعلى آله وصحبه ومن والاهم بإحسان إلى يوم الدين. أما بعد!

ފިރިހެނުން ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގައި ކިހާވަރެއްގެ ކަމެއްތޯއާއި ، ޝަރުޢީ ދަލީލުތަކުގެ އަލީގައި ތުނބުޅި ބޭލުމުގެ ޙުކުމަކީ ކޮބައިތޯ؛ ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އެކިއެކި ފަންތީގެ އަޚުންނާއި އަދި އެނޫން މުއައްސަސާތަކުގައި އުޅުއްވާ ތަފާތު ފަރާތްތަކުންވެސް ޖަމްޢިއްޔަތުއްސަލަފަށް ތަކުރާރުކޮށް ސުވާލު ހުށައަޅަމުންދާތީ ފިރިހެނުން ތުނބުޅިބެހެއްޓުމުގެ ޙައިޘިއްޔަތަކީ ކޮބައިކަން ޝަރުޢީ ދަލީލުތަކުގެ އަލީގައި ބަޔާންކޮށް ޢާއްމުކޮށް ހާމަކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ޤަޞްދުކުރަމެވެ.


 ވަކީން ޚާއްޞަކޮށް ފިރިހެނުންނަށް އެއުރެންގެ ތުނބުޅި ބެހެއްޓުމަކީ އިސްލާމްދީނުގެ ޝިޢާރެއްކަމުގައިވެފައިވާތީ އެ ޝިޢާރަކީ އިސްލާމްދީނުގެ ޢަދާވާތްތެރީން އެންމެ ރުޅިއަރާ އެއް ޝިޢާރުކަމުގައިވެ، މި މުސްލިމް ދިވެހިރާއްޖޭގެ ލޮބުވެތި އަހުލުވެރީންކުރެގިނަ ބޭފުޅުންނަށްވެސް މައްސަލައިގެ ސީދާގޮތް މީގެކުރީން ވަރަށް ބޮޑަށް އޮޅުވައިލެވިފައިވުމާއި، އަދި މިހާރުވެސް ތަފާތު ފަރާތްތަކުން ތުނބުޅީގެ ޝަރުޢީ ޙަޤީޤަތް ޢާއްމު މުސްލިމުންނަށް ޤަޞްދުގައި އޮޅުވައިލާން މަސައްކަތްކުރަމުން ދާކަން ހާމަވަމުންދާތީ؛ ﷲ އަށް އީމާންވެ ބޯލަނބައި ކިޔަމަންވެގެންތިބި އެންމެހާ މުސްލިމުންނަށް ކަމުގެ ޙަޤީޤަތް ބަޔާންކޮށް، މުސްލިމުންނަށް އެއުރެންގެ ދީން އޮޅުވަމުންދާ މީހުންނާމެދު ހުޝިޔާރުވެތިބުމަށްޓަކައި ނަޞީޙަތެއްގެ ގޮތުންނެވެ. 

އަދި އެންމެހާ މުސްލިމުންނީ އެއްބަނޑުއެއްބަފާ އަޚުންކަމުގައި ވީއިރު، އެމީހުންގެ މެދުގައި އޮންނަންޖެހޭ؛ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ކަންކަމުގައި  އެހީތެރިވުމުގެ ރިވެތި މަގުން  ހިނގުމުގެ ގޮތުންވެސް މެއެވެ. وبالله التوفيق!

ދަންނައެ، މާތް ﷲ ގެ ޙަޟްރަތުން ފަހުޒަމާނުގެ ޝަރީޢަތާއިގެން ވަޑައިގެންނެވި މިއުއްމަތަށް ކައުކުރެއްވި މާތް ނަމޫނާ صلى الله عليه وسلم ގެ އަރިހުން އެއްވެސް އޮޅުމެއްނެތި، ސާފުކޮށް ޞައްޙަ މަގުން ޘާބިތުވާން އޮތް، ދެބަސްނުވެވޭނޭ ޙަޤީޤަތަކީ ފިރިހެނުން ތުނބުޅި ދިގުކުރުމަށް ހަމަކަށަވަރުން އެކަލޭގެފާނު މުސްލިމު އުއްމަތަށް އަމުރުކުރައްވާފައިވާ ކަމެވެ. ތުނބުޅި ދިގުކުރުމަކީ ﷲ ގެ ފޮތާއި އެކަލާނގެ ނަބިއްޔާ صلى لله عليه وسلم ގެ ސުންނަތާއި އުންމަތުގެ ޢިލްމުވެރިންގެ އިޖްމާޢުންފާޅުވާން އޮތްކަމެކެވެ.

ކީރިތި ޤުރްއާނުގެ ދަލީލު

1- ތުނބުޅި ދިގުކުރުމަކީ އިންސާނުންނަށް ތެދުމަގުދެއްކެވުމަށް މާތް ﷲ ފޮނުވި އެންމެހާ ނަބިއްޔުންނާއި ރަސޫލުބޭކަލުންގެ މަގެވެ. މާތް ﷲ ޥަޙީކުރައްވާ ބަޔާންކުރައްވާފައިވެއެވެ. قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي " (طه 94) "އޭ މަންމާގެ ދަރިކަލުންނޭވެ. ތިމަންގެ ތުނބުޅީގައްޔާއި، އަދި ބޮލުގެއިސްތަށިގަނޑުގައި ނުހިއްޕަވާށެވެ."


 
މި އާޔަތުގެ ތަފްސީރު ލިއުއްވަމުން العلامة القرآني الإمام الشنقيطي رحمه الله އެކަލޭގެފާނުގެ أضواء البيان ގައި ލިއުއްވާފައިވާ މުހިއްމު ޢިބާރާތްކޮޅެއްގެ ޚުލާޞާ ތަރުޖަމާ ހިމަނައިލަމެވެ. ވިދާޅުވެފައިވެއެވެ. "މި މާތް އާޔަތާއި الأنعام ސޫރަތުގެ އާޔަތާއި އެކު ދަލީލުކުރަނީ ތުނބުޅި ދިގުކޮށް ދޫކޮށްލުމުގެ މައްޗަށެވެ. ފަހެ މިއީ ތުނބުޅި ބެހެއްޓުމާއި، ނުބާލައި ދޫކޮށްލުމުގެ ޤުރްއާނީ ދަލީލެކެވެ. الأنعام ސޫރަތުގައި نوح ، إبراهيم ، اسماعيل ، اسحاق، هارون ، دَاوُد، سُلَيْمَان ، أَيُّوب ، يُوسُف ، مُوسَى، إِسْمَاعِيل ، الْيَسَع ، يُونُس ، لُوط عليهم الصلاة والسلام މިބޭބޭކަލުންގެ ނަންގެންނެވުމަށްފަހު އެބޭކަލުންނާމެދު ޥަޙީކުރައްވާފައިވަނީ أُولَئِكَ الَّذِينَ هَدَى اللَّهُ فَبِهُدَاهُمُ اقْتَدِهْ " (الأنعام:90) "އެމީހުންނީ ﷲ އެބަޔަކަށް ތެދުމަގުދައްކަވާފައިވި މީހުންނެވެ. ފަހެ އެހެންވެ އެބޭކަލުންގެ މަގާއި ކަލޭގެފާނު އިޤްތިދާވެލައްވާށެވެ."

އެހެންކަމުން هارون ގެފާނަކީ އެ ނަބިއްޔެއްގެ ތެދުމަގަށް އިޤްތިދާވުމަށް އަހަރެމެންގެ ނަބިއްޔާއަށް އަމުރުކުރެއްވިގެންވާ ނަބިއްޔެކެވެ. އަދި އަހަރެމެންގެ ނަބިއްޔާގެ މައްޗަށް އޮތް އަމުރަކީ އަހަރެމެންގެ މައްޗަށްވެސް އޮތް އަމުރެކެވެ. ސަބަބަކީ އެކަލޭގެފާނަކީ ނަމޫނާކަމަށްވުމުން ނަމޫނާއަށް ކުރެވޭ އަމުރަކީ ނަމޫނާއަށް ތަބަޢަވާންޖެހޭ މީހުންނަށް އޮތް އަމުރެއް ކަމުގައިވާނޭތީއެވެ. އަދި "لا تَأْخُذْ بِلِحْيَتِي" މިދަލީލުން هارون ގެފާނު ވަނީ ތުނބުޅި ދިގުކުރައްވާފައިކަން އެނގެން އެބައޮތެވެ.


 އެހެނީ އެކަލޭގެފާނު ތުނބުޅިބާލުއްވައިގެން ހުންނެވިނަމަ އެކަލޭގެފާނުގެ އަޚާ އެކަލޭގެފާނުގެ ތުނބުޅީގައި ހިއްޕަވާ ވާހަކައެއް ނޯތީހެވެ. ވީމާ ވަރަށް ސާފުކޮށް ތިބާޔަށް އެނގެންތިޔައޮތީ ތުނބުޅި ދިގުކުރުމަކީ އެގޮތަކަށް އުޅުމަށް އަހަރެމެނަށް މާތްވެގެންވާ ޤުރުއާނުގައި އަމުރުކުރައްވާފައިވާ ގޮތުގެތެރެއިންވާ ކަމެއްކަމުގައެވެ. އަދި އެކަމަކީ އެބޭކަލުންނަށް ޞަލަޥާތްލައްވާފައިވާ މާތްވެގެންވާ ނަބިއްޔުންގެވެސް މަގު ކަމެވެ. ޢަޖައިބަކީ އެބައެއްގެ ޟަމީރާއި ފިޠުރަތުގެ ރަހަ ތަޣައްޔަރުވެގޮސްފައިވާ މީހުން ފިރިހެނުންގެ މާތްކަމުގެ ޝަރަފުކަމުގައިވާ ފިރިހެންވަންތަ ޞިފައިންވެސް ރެކިގޮސް، އަންހެންދުޅައިގެ ރަނޑުޞިފައަށް ބަދަލުވާން އުޅެގަތުމެވެ.

 ޚަލްޤުތަކުންކުރެ އެންމެ ރިވެތި ނަލަ ބުރުޞޫރަ ލިބިވަޑައިގެންފައިވާ ރަސޫލާ صلى الله عليه وسلم އަކީ ބޯ ތުނބުޅިފުޅެއްގެވެރި ބޭކަލެއްމެއެވެ. އަދި ކިސްރާއާއި ޤައިޞަރުގެ ޚަޒާނާތައް ފަތަޙަކުރައްވައި، މަޝްރިޤާއި މަޣްރިބުގެ މީސްތަކުން އެމީހުންނަށް ބޯލަނބައިގެންދިޔަ ފިރިހެނުންތެރޭގައި ތުނބުޅިބާލައިފާހުރި ހަމަ އެންމެ ބޭކަލަކުވެސް ނުމެވޭމެއެވެ." 

 
2- ތުނބުޅި ބޭލުމަކީ މާތް ﷲ ގެ އިންސާނާ އެގޮތެއްގައި އުފައްދަވާފައިވާ ފިޠުތަރު ބަދަލުކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. އެކަން ކީރިތި ޤުރްއާނުގައި ވަނީ މަނާކުރެވިފައެވެ. މާތް ﷲ ވަޙީކުރައްވިއެވެ. " "وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا " (النساء 119)
3- ތުނބުޅި ބެހެއްޓުމަކީ އިސްލާމުންގެ ޝިޢާރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވާއިރު، ﷲ ގެ ޝިޢާރުތަކަށް ޤަދަރުކުރުމަކީ އެއީ ތަޤްޥާވެރި ހިތްތަކުގެ ޢަލާމާތެއްކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. " "وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ"  (الحج 32) މާނައީ "އަދި ﷲ ގެ ޝިޢާރުތަކަށް  މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ."

ސުންނަތުގެ ބައެއް ދަލީލުތައް:

1- عبد الله بن عمر رضي الله عنهما ގެ އަރިހުން الإمام البخاري رحمه الله އެކަލޭގެފާނުގެ ޞަޙީޙްގައި ރިޥާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "وَفِّرُوا اللِّحى وَأَحْفُوا الشَّوَارِبَ." މާނައީ: "ތިޔަބައިމީހުން ތުބުޅި ދިގުކޮށް މަތިމަސް ކުރުކުރާށެވެ."
2- އަދި އެހެން ރިޥާޔަތެއްގައި "أنهكوا الشوارب وأعفوا اللحى" އައިސްފައިވެއެވެ. މާނައީ: "ތިޔަބައިމީހުން މަތިމަސް ކުރުކޮށް ތުނބުޅި ދިގުކޮށް ދޫކޮށްލާށެވެ". މިފަދަ އެތައް ޙަދީޘްފުޅެއް ޞަޙީޙުލްބުޚާރީ އާއި ޞަޙީޙް މުސްލިމް އާއި، އަދި އެހެން ފޮތްފޮތުގައި ރިޥާވެގެން އައިސްފައި އެބަވެއެވެ.
3- أَحْفُوا الشَّوَارِبَ وَأَعْفُوا اللِّحَى" (رواه مسلم) މާނައީ "ތިޔަބައިމީހުން މަތިމަސް ކުރުކޮށް، ތުނބުޅި ދޫކޮށްލާށެވެ."
4- އަދި އެހެން ރިވާޔަތެއްގައި ވެއެވެ. "خَالِفُوا الْمُشْرِكِينَ وَفِّرُوا اللِّحَى وَأَحْفُوا الشَّوَارِبَ" (البخاري ومسلم) މާނައީ "ތިޔަބައިމީހުން މުޝްރިކުންނާ ތަފާތުވާށެވެ! ތުނބުޅި ދިގުކުރާށެވެ! އަދި މަތިމަސް ކުރުކުރާށެވެ!"
5- عَنِ ابْنِ عُمَرَ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ أَمَرَ بِإِحْفَاءِ الشَّوَارِبِ وَإِعْفَاءِ اللِّحْيَةِ (رواه مسلم) މާނައީ "ابن عمر رضي الله عنهما ވިދާޅުވިއެވެ. މާތްނަބިއްޔާ صلى الله عليه وسلم މަތިމަސް ކުރުކުރުމަށާއި ތުނބުޅި ދިގުކުރުމަށް އަމުކުރުކުރެއްވިއެވެ."
6- ތުނބުޅި ބެހެއްޓުމަށް މި އުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަމުރުކުރައްވައި އަންގަވާފައިވުމާއެކު؛ އަދި އެ އަމުރުފުޅު އެހެންގޮތަކަށް ފުރޮޅައިލުމަށް ޝަރުޢީ އެހެން ދަލީލެއް ޝަރީޢަތުގައި އައިސްފައި ނުވުމުން، އެއީ އިސްލާމް ދީނުގައި ޥާޖިބު ކަންކަން ދެނެގަތުމަށް އޮތް އުޞޫލުކަމުގައި ވާތީ، ތުނބުޅި ބެހެއްޓުމަކީ ޥާޖިބެއްކަމާއި، ބޭލުން ޙަރާމްވާނެކަން ޝައްކެއްނެތި ޝަރުޢީ ޢިލްމު ދަންނަ ކޮންމެ މީހަކަށްމެ ޔަޤީންވާ ހުއްޓެވެ. މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. "... فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ " (النور 63) މާނައީ: "އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފްވާ މީހުން؛ އެމީހުންނަށް ފިތުނައެއް ޖެހި ނުވަތަ ވޭންދެނިވި ޢަޛާބެއް އައިސް ލައިގަނެދާނެ ކަމަށް ފަހެ އެމީހުން ބިރުގަންނަ ހުށިކަމެވެ."

ތުނބުޅިބޭލުން ހުއްދަވެގެން ނުވާކަމަށާއި ތުނބުޅި ދިގުކުރުމަކީ ވާޖިބެއްކަމަށް ވިދާޅުވެ އިޖުމާޢު ނަޤުލުކުރައްވާފައިވާ ބޭކަލުންގެބަސްފުޅުތައް:

1- ފިރިހެނުން އެކީއެކައްޗަކަށް ތުނބުޅި ބޭލުމަކީ ސިފަ ބަދަލުކުރުމެއް ކަމުގައްޔާއި، އަދި އެއީ ޙަރާމްކަމެއް ކަމުގައި މުޅި އިސްލާމީ އުއްމަތް އިއްތިފާޤުވެފައިވާކަމަށް އަލްއިމާމް އިބްނު ޙަޒުމް رَحِمَهُ الله އެކަލޭގެފާނުގެ "مَرَاتِبُ الإجْمَاع" ގައި ވަނީ އިޖުމާޢު ނަޤުލުކުރައްވާފައެވެ. އަދި މި ނަޤުލްކުރެއްވުމުގެ މައްޗަށް شَيْخُ الإسْلام الحافظُ ابنُ تَيْمِيَّة رَحِمَهُ الله ވެސް ވަނީ އިޤްރާރުވެލައްވާފައެވެ.
2- ހަމައެފަދައިން الحَافظُ المُفَسِّـُر عِمَادُ الدِّين ابنُ كَثِير رَحِمَهُ الله ވެސް ވިދާޅުވެފައިވަނީ އެއީ އިޖްމާޢުން ޙަރާމްކަމެއް ކަމުގައެވެ.
3- ޝައިޚުލްއިސްލާމް އަލްޙާފިޡް އިބްނު ތައިމިއްޔާ رحمه الله "الاختيارات" ގައި ވިދާޅުވެފައިވެއެވެ. "  يحرم حلق اللحية للأحاديث الصحيحة , ولم يُبِحْهُ أَحَدٌ " މާނައީ: " ތުނބުޅި ބޭލުން ؛ ޞައްޙަ ހަދީޘްތަކުގެ މައްޗަށް ބިނާކޮށް ޙަރާންވެގެން ވެއެވެ. އަދި އެކަން ހަމައެކަކު ހުއްދަކޮށްފައި ނެތްމެއެވެ. "
4- الإمام أبو الحسين بن القطان  رحمه الله "الإقناع في مسائل الإجماع" (2/3953) ގައި ވިދާޅެވެއެވެ.  "واتفقوا أن حلق اللحية مثلة لا تجوز" މާނާއީ:" ތުނބުޅިބޭލުމަކީ ހުއްދަނޫންކަމެއްކަމާއި، އެއީ ޚަލްޤު ބަދަލުކުރުމުގެ (ގުނަވަނެއްބުރިކޮށް ލުމުގެ)  ތެރެއިންވާކަމެއްކަމުގައި އެބޭކަލުން އިއްތިފާޤުވެލައްވާފައި ވެއެވެ."
5- الشيخ محمود خطاب رحمه الله ވެސް المنهل العذب المورود ގައި ވިދާޅުވެފައިވެއެވެ. "އިސްލާމީ އުއްމަތުގެ މުޖްތަހިދުންކަމުގައިވާ އަބޫޙަނީފާ، މާލިކު، ޝާފިޢީ، އަދި އަޙްމަދު، މި އެންމެބޭކަލުންގެ އަރިހުގައިވެސް ތުނބުޅިބޭލުންވަނީ ޙަރާމްކަމެއް ކަމުގައެވެ.
6- الإمام العلامة ابن دقيق العيد رحمه الله (702ހ. ނިޔާވީ) ވިދާޅުވެފައިވަނީ "ރަސޫލާ صلى الله عليه وسلم "ތުނބުޅި ދޫކޮށްލާށޭ!" މިފަދައިން ކުރައްވާފައިވާ އަމުރުފުޅަކުން ، ތުނބުޅި ފިލައިދާނެގޮތެއްހަދައި ކުރުކުރާން ވިސްނިވަޑައިގެން ހަމައެއްވެސްބޭކަލަކު ހުރިކަމެއް އަހުރެނަކު ނުދެނެހުރީމެވެ."

ހަތަރު މަޛުހަބުގެ ޢިލްމުވެރިންގެ ބަސްފުޅުތައް

ޙަނަފީ މަޛްހަބު:

1- ތުނބުޅި ބޭލުން އެއްވެސް މީހަކު ހުއްދަކޮށްފައިނުވާކަމުގައި އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވާގޮތަށް العلامةُ ابن الهمام رحمه الله (މިޞްރުގެ ޤާހިރާއަށް ނިސްބަތްވެލައްވާ - ޙަނަފީ މަޛްހަބްގެ މަޝްހޫރު އިމާމެއް – ދުނިޔެދޫކުރައްވާފައިވަނީ 861 ހ. ގައި) ވަނީ ވިދާޅުވެފައެވެ.
2- އަދި ޙަނަފީ މަޛްހަބްގެ އެންމެހައި ފިޤްހު ފޮތެއްގައިވެސް މިބަސް ހަމަ މިހެން ނަޤްލުކުރައްވާފައިވެއެވެ. އޭގެތެރޭގައ المرغيناني ލިއުއްވާފައިވާ ޙަނަފީ މަޛްހަބްގެ އެންމެ މަޝްހޫރު ފޮތް الهداية ،އަދި الحصفكي ލިއުއްވާފައިވާ الدر المختار ، އަދި ابن نجيم ގެ البحر الرائق ފަދަ ފޮތްތަކާއި އެނޫން ފޮތްތައް ހިމެނެއެވެ.
3- زين الدين ابن نجيم الحنفي رحمه الله އެކަލޭގެފާނު ގެ ފިޤްހުފޮތް "البحر الرائق شرح كنز الدقائق" ލިއުއްވާފައިވެއެވެ. (زين الدين ابن نجيم އުފަންވީ  926هـ އަދި ނިޔާވީ 970هـ ގައެވެ.)
"وَأَمَّا الْأَخْذُ منها وَهِيَ دُونَ ذلك كما يَفْعَلُ بَعْضُ المغاربة وَالْمُخَنَّثَةِ من الرِّجَالِ فلم يُبِحْهُ أَحَدٌ" މާނައީ "ބައެއް މަޣްރިބީންނާއި ފިރިހެނުންކުރެ އަންހެންދުޅައިގެ ރަނޑުމީހުން ހަދާހެން ގޮށްމުށަކަށްވުރެ ކުރުކޮށް ތުނބުޅީން ކޮށުން ދަންނައެ، ފަހެ އެކަން ހަމައެއްވެސް މީހަކު ހުއްދަކޮށްފައި ނުވެއެވެ."

މާލިކީ މަޛްހަބު:

1- الشيخ علي محفوظ "الإبداع" ގައި މާލިކީ މަޛްހަބުގެ ދަންނަބޭކަލުންގެ ބަހަކީވެސް ތުނބުޅިބޭލުމަކީ ޙަރާމްވެގެންވާ ކަމެއްކަމުގައި ލިއުއްވާފައިވެއެވެ. އަދި ކޮށުންވެސް ޚަލްޤު ބަދަލުވެގެންދާނަމަ ހަމައެފަދަކަމުގައި ވިދާޅުވިއެވެ."
2- الدسوقي المالكي رحمه الله ވެސް މިފަދައިން ނަޤުލްކުރައްވާފައިވެއެވެ.
3- އަދި الإمَام القُرْطُبِيُّ  رحمه الله "المفهم" ގައި ވިދާޅުވެފައިވެއެވެ.: "لاَ يَجُوزُ حَلْقُهَا ولا قَصُّهُا ولاَ نَتْفُهُا"  މާނައީ "ތުނބުޅިބޭލުމާއި، ކޮށުމާއި، އަދި އުފުރުންވެސް ޖާއިޒްވެގެން ނުވެއެވެ."

ޝާފިޢީ މަޛްހަބު:

1- الشيخ أحْمَدُ بْنُ قَاسِم العَبَّادِي رحمه الله ـ (ޝާފިޢީ މަޛްހަބުގެ ނަންހިނގާބޭކަލެއް) الإمَامَ الشَّافِعِيُّ رحمه الله އެކަލޭގެފާނު ލިއުއްވި މަޝްހޫރު ފޮތް الأُمّ ގައިވެސް ތުނބުޅިބޭލުން ޙަރާމްކަމުގައި ވިދާޅުވެފައިވާކަމުގައި حَاشِيَةِ الكَافِيَة  އާއި ޙާޥާލާދެއްވާ ލިއުއްވާފައި ވެއެވެ.

2- الإمام النووي رحمه الله (676ހ. ގައި ނިޔާވި- މިއީ ޝާފިޢީ ގެފާނަށްފަހު އެމަޛްހަބުގައި އެންމެ ބޮޑު އެންމެ މުޢުތަބަރު އިމާމެވެ.) އާއި الحافظ ابن حجر العسقلاني رحمه الله  852ހ. ނިޔާވި) ހަމަ މިބީދައިން ވިދާޅުވެ ލިއުއްވާފައިވެއެވެ. އަދި މިބޭބޭފުޅުންގެ އަރިހުގައި ކޮށުންވެސް ގޯހެވެ. ނަވަވީ އިމާމުގެއަރިހުން އިބްނު ޙަޖަރު ނަޤުލުކުރައްވާފައިވާ ބަސް ބައްލަވާށެވެ. "الْمُخْتَارُ تَرْكُهَا عَلَى حَالِهَا ، وَأَنْ لاَ يُتَعَرَّضَ لَهَا بِتَقْصِيرٍ وَلاَ غَيْرِهِ" މާނައީ "މީގައި އިޚްތިޔާރުކުރެވޭގޮތަކީ ތުނބުޅި ހުރިގޮތަށް ދޫކޮށްލުމެވެ. އަދި ކޮށަންވިއަސް އެނޫންގޮތަކަށްވިއަސް ތުނބުޅިއާއި ހުށަހޮޅި ނުގަތުމެވެ."

3- މަޝްހޫރު الإمام الغزالي رحمه الله އާއި الإمام الزبيدي رحمه الله އާއި  الإمام العراقي رحمه الله ފަދަ ޝާފިޢީ މަޛްހަބުގެ ނަންހިނގާ އެންމެހާ ބޭކަލުންވެސް ޞަރީޙަ ޢިބާރާތުން މިކަން މިގޮތަށްވަނީ ބަޔާންކުރައްވާފައެވެ.

ޙަންބަލީ މަޛްހަބު:

1- السفاريني "غذاء الألباب" ގައި ވިދާޅުވިއެވެ. "ޙަންބަލީ މަޛްހަބުގައި އިތުބާރުހުރި ބަހަކީ ތުނބުޅިބޭލުން ޙަރާންކަމެވެ." الإقناع ގައި ތުނބުޅިބޭލުން ޙަރާމްކަމެއްކަމުގައި ނައްޞުކޮށް ބަޔާންކުރައްވާފައިވެއެވެ.

ތުނބުޅިބޭލުމުގައި ޝަރުޢީ އިންތަކާ ފުށުއަރާކަންކަން

• ތުނބުޅި ބޭލުމުގައި ﷲ ގެ ޚަލްޤު ބަދަލުކުރުން ވެއެވެ.
• ތުނބުޅި ބޭލުމުގައި ފިޠްރަތު ބަދަލުކުރުން ހިމެނެއެވެ.
• ތުނބުޅި ބޭލުމުގައި މުޝްރިކުންނާއި މަޖޫސީންނާ ވައްތަރުވުން ހިމެނެއެވެ.
• ތުނބުޅި ބޭލުމުގައި ފިރިހެނުން އަންހެނުންނާ ވައްތަރުވުން ހިމެނެއެވެ.
• ތުނބުޅި ބޭލުމަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުގެތެރޭގައި ހިމެނޭކަމެކެވެ.

އެއާޚިލާފަށް ތުނބުޅި ބެހެއްޓުމުގައި:


*ތުނބުޅި ބެހެއްޓުމުގައި އެންމެހާ ނަބިއްޔުންގެ މަގަށްތަބާވުން ހިމެނެއެވެ.
* ތުނބުޅި ބެހެއްޓުމުގައި ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވުން ވެއެވެ.
* ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވުމަކީ ޝަރުޢީ އަޅުކަމެކެވެ. އަޅުކަމަކީ ޘަޥާބު އޭގެ މައްޗަށް ތަރުތީބުވެގެންދާނޭ ކަމެކެވެ.
* ތުނބުޅި ބެހެއްޓުމުގައި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ލޯބިކުރުން ހިމެނެއެވެ.
* އެކަލޭގެފާނަށް ލޯބިކުރުމުގެ ގޮތުން އެއްވެސް ސުންނަތެއް އަދާކުރުމަކީ މާތް ﷲ ލޯބިވެވޮޑިގެންނެވުމުގެ ސަބަބުތަކުގައިވާ ކަމެކެވެ.
* ތުނބުޅިބެހެއްޓުމަކީ އިސްލާމީ ޝިޢާރެކެވެ.
* ގޮށްމުށަށްވުރެ ދިގުވެއްޖެނަމަ ޙައްޖާއި ޢުމްރާގައި ކޮށޭނެތޯ ނުވަތަ ޢާއްމު ޙާލަތްތަކުގައިވެސް ކޮށޭނެތޯ ނުވަތަ އެއްވެސް ޙާލަތެއްގައި ތުނބުޅީގެ އިސްތަށި ނުކޮށޭނެތޯ މިއީ އުއްމަތުގެ ތެރޭގައި ޚިލާފްހުރި ހިސާބުހިސާބެވެ.

ވީމާ މިޒަމާނުގެ މީހުން މިދާއިރާތަކުގައި ތަޙްޤީޤްކޮށް، ދަލީލްތަކުގެ އަލީގައި ބަޙުޘްކޮށްހެދުމީ ބަލައިގަނެވޭނޭ ކަމެކެވެ. ނަމަވެސް އެދާއިރާ ފަހަނައަޅައިގޮސް އުއްމަތުގެ ޢިލްމުވެރީންނަށް ނިސްބަތްކޮށް ތާރީޚީގޮތުންވެސް ޞައްޙަކޮށް ފެންނާންނެތް ވާހަކަތައް ހަދަހަދައިގެން ދެއްކުމީ ޝަރުޢީ ޢިލްމާއި، އަދި އިސްލާމީ ތާރީޚަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތެކެވެ.


ތުނބުޅިބޭލުމަށް އަމުރުކުރުމަކީ ޤާނޫނީގޮތުންވެސް ކުރެވޭނެކަމެއް ނޫން

ދެންފަހެ، ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއްކަމަށް އުންމަތުގެ ޢިލްމުވެރިން ބަޔާންކުރައްވާފައިވާއިރު އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން މާތް ﷲ ޥަޙީއާއިގެން މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައި މެނުވީ ނުވާ ހުއްޓެވެ.

އެހެންކަމުން ތުނބުޅި ބެހެއްޓުން މަނާކުރާ ޤަވާޢިދަކީ އިސްވެ ބަޔާންކުރެވުނުފަދައިން އިސްލާމް ދީނާ ފުށުއަރާ އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާވެސް ފުށުއަރާ އެއްޗެކެވެ. ހިތާމައަކީ ތުނބުޅި ދިގުކުރުމަށް އިސްލާމީ ޝަރީޢަތުގައި އެތައް އަމުރުފުޅުތަކެއް އައިސްފައިހުރި އިރުވެސް ސައްތައިންސައްތަ އިސްލާމީ ޤަޥުމެއްގެ ސިފައިންގެ ޤަވާޢިދުގައި ވަނީ މިފަދައިންނެވެ.
    
ސިފައިންގެ ޤަވާޢިދުގެ 2.1.3 މި މާއްދާގައި ވަނީ މިފަދައިންނެވެ. "ސިފައިންގެމީހާގެ ތުބުޅި ހުންނަންވާނީ މަދުވެގެން 24 ގަޑިއިރަކުން އެއްފަހަރު ރީތިކޮށް ބާލާފައެވެ. ބާލަން އެންމެ ރަގަޅު ގަޑިއަކީ، ހެނދުނު މަސައްކަތު ދިޔުމުގެ ކުރިންނެވެ. ސިފައިންނަށް މަތިމަސް ބެހެއްޓިދާނެއެވެ. ނަމަވެސް މަތިމަސް ހުންނަންވާނީ، ރީތިކޮށް ކޮށާ އަނގައަށް ނުވަންނަވަރަށް ރީތިކޮންނެވެ. އަދި، މަތީތުންފަތުގެ މަތީ ލައިނުން ތިރިއަށް ނާންނަ ވަރަށެވެ." فلا حول ولا قوة إلا بالله !

އާދެ! ޤާނޫނީގޮތުންވެސް އެފަދަ ކަމަކަށް އަމުރުނުކުރެވޭނެކަމުގެ ހެތްކަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމެވެ. އަދި ހަމަ އެ މާއްދާގެ ށ ގައި ބުނެފައިވަނީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ.

ދެންފަހެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އެވާ އަޞްލަކީ ކޮބައިތޯ ބަލާލާއިރު ހަމަ މިޤާނޫނު އަސާސީގެ 274 ވަނަ މާއްދާގެ ހ ގައި  ބުނެފައިވަނީ މިފަދައިންނެވެ. "އިސްލާމްދީނުގެ އަޞްލުކަމުގައި ބުނެފައި އެވަނީ ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ އުޞޫލުތަކާއި މި އަޞްލުތަކުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ."

ތުނބުޅި ބެހެއްޓުމަކީ އޭގެ ޞައްޙަކަމާމެދު އެއްވެސް މީހަކު ޝައްކު ނުކުރާ ބީދައިން އިސްލާމީ ޝަރީޢަތުގައި ވާރިދުވެގެން އައިސްވާ ކަމެކެވެ. އަދި އިސްވެ ބަޔާންކުރެވުނީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގެ ހ ގައި އިސްލާމީ ޝަރީޢަތް މާނަކުރަމުން ބުނެފައިވަނީ "އިސްލާމީ ޝަރީޢަތްކަމުގައި ބުނެފައި އެވަނީ ކީރިތި ޤުރްއާނާއި ސުންނަތުގައިވާ ޖިނާއީ، މަދަނީ ،އަލްއަޙްވާލުއް ޝަޚްޞިއްޔާ އާއި މިނުންވެސް ކަންތައްތަކާ ގުޅިފައިވާ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ."  ތުނބުޅީގެ މައްސަލައިގައި أهل السنة والجماعة ގެ ޢިލްމުވެރިންގެ ބަސްފުޅުތައް ވަރަށް ސާފުކޮށް ބަޔާންވެގެން ހިނގައްޖެއެވެ.

ވީމާ އިސްވެބަޔާންކުރެވުނު ޤަވާޢިދަކީ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތްކަމަށް ބުނެފައި އެވާ ޝަރީޢަތާ ފުށުއަރާ ޤަވާޢިދެކެވެ. ވީމާ އެޤަވާޢިދަކީ ޤާނޫނީގޮތުންވެސް ޢަމަލުކުރެވޭނެ ޤަވާޢިދެއްނޫނެވެ. އެހެނީ ޤާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ. "މިޤާނޫނު އަސާސީއާ ޚިލާފުވާގޮތަށް ހަދާކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލު އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މިޤާނޫނުއަސާސީއާ ޚިލާފަށް ކުރާކޮންމެ ކަމަކީ ބާޠިލުކަމެކެވެ." މިހެންނެވެ.

އަދި ތުނބުޅި ބެހެއްޓުމަށް އިސްލާމްދީނުގައި އަމުރުކުރެވިފައިވީހިނދު އަމުދުން އެކަމަކީ އެއްވެސް ގޮތަކަށް އިސްލާމީ ޝަރީޢަތުގައި މަނާކަމަކަށް ނުވުމާއި ތުނބުޅި ދިގުކުރުމަކީ ދިވެހިރާއްޖޭގައި ހެދިފައިވާ އެއްވެސް ޤާނޫނެއްގައި މަނާކަމެއްކަމުގައި ނުވާހިނދު ތުނބުޅި ބެހެއްޓުން އެއްވެސް މީހަކަށް މަނައެއް ނުކުރެވޭނެއެވެ. އަދި އެކަން މަނާކުރާ އެއްވެސް ޤަވާޢިދެއްވެސް ނުހެދޭނެއެވެ.

އެހެނީ ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނާގޮތުން "އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެންނޫނީ އެއްވެސްމީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެއެވެ." އަދި ކިއެއްތަ އެފަދަ ޤާނޫނެއް އޮތަސް އެއެއްޗެއްވެސް ވާނީ ބާޠިލު އެއްޗަކަށެވެ.

އާދެ! ތުނބުޅިއަކީ މުޅި އިސްލާމް ދީނެއް ނޫނެވެ. އަދި އެއީ އިސްލާމް ދީނުގެ ރުކުނެއްވެސް ނޫނެވެ. ނަމަވެސް އެއީވެސް ދީނުގެ ތެރެއިންވާ ކަމެއްކަން ހަނދާންކުރާހުށިކަމެވެ. ދީނުގެ ތެރެއިން އެކަން ނެރެވޭނޭ ޖާގައެއް މިދީނަކު ނެތެވެ. އީމާންކަމުގެ ހަތްދިހަ އެތައް ބައެއް ޝަރީޢަތުގައިވުމާއި އެއިން ކޮންމެ ބަޔަކަށް ވަކި ދަރަޖައެއް ދެވިފައިވާއިރު މިއީ އޭގެ ތެރެއިން އެއް ބައެވެ.

ދަންނައެވެ! ކޮންމެ ޙަރާމްކަމެއް ޝިރުކުރުމާއި އެއްފަދައެއް ނުވާނެއެވެ. އަދި ޒިނޭކުރުމާ އެއްފަދައެއްވެސް ނުވާނެއެވެ. އަދި ކޮންމެ ޙަރާމްކަމަކީ އޭގެމައްޗަށް ދުނިޔޭގައި ޙައްދެއް ކަނޑައެފައިވާކަމެއްވެސް ނުމެނޫނެވެ. ދޮގުހެދުމަކީ ޙަރާމްކަމެކެވެ. ނަމަވެސް އެއީ ޙައްދު ކަނޑައެޅިފައިވާ ކަމެއްނޫނެވެ. އޭގެ ޢުޤޫބާތް ޙައްޤުވާހުށީ ޤިޔާމަތް ދުވަހުންނެވެ. ވާޖިބުކަންކަމުގައި ތަފާތު ދަރަޖަ ވާފަދައިން ޙަރާމް ކަންކަމުގައިވެސް ތަފާތު ދަރަޖަތައް ވެއެވެ.

އިސްލާމްދީނުގެ ފަރާތުންއައިސްވާ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަކީ އެންމެންގެ މައްޗަށް ޢާންމުވެގެންވާ ކަމަކަށްވީހިނދު، ފުލުހުންނާއި ސިފައިންނައިންނަކީ މިޙުކުމުން އިސްތިޘްނާ ކުރެވިފައިވާ ބައެއްނޫނެވެ. އަދި ކިއެއްތަ ދުނިޔޭގެ ބޮޑެތި ބާރުތައް އޮއްވައި، އިސްލާމްދީނާއިގެން ގިނިކަންޏާ ނިކުމެވަޑައިގެން، އެއްވެސް ވަރެއްގެ ތަހުޛީބުކަމެއް ނެތް، ޖާހިލިއްޔަ ޤަޥުމެއްގެ ތެރެއަށް ވަޑައިގެން، ޤުރައިޝް ވަންހައިގެ ޢަރަބި ފަހުލަވާނު محمد بن عبد الله صلى الله عليه وسلم އެ ޤަޥުމާއިގެން އިސްލާމްދީން ފެތުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި ދުނިޔޭގެ ތާރީޚުދުށް ހަނގުރާމަވެރި އެންމެ ވަރުގަދަ ލަޝްކަރާއި ދަޥުލަތް އުފައްދަވައި، މަޝްރިޤާއި މަޣްރިބަށް އެ ކަލޭގެފާނުގެ އަސްވާރުންތައް ރިސާލަތާއިގެން ވަޑައިގެންނެވި ގެންނެވުމަކީ ހަރުދަނާ ސިޔާސީ ނިޒާމެއް ކަމުގައި މުޅިދުނިޔެއިން ބަލައިގަނެ، ޤަބޫލުކޮށްފައި ވީހިނދު އެބޭކަލުންގެ ޞިފަފުޅުތަކުގައި ވެސް ވަނީ މާތް ނަބިއްޔާ صلى الله عليه وسلم ގެންނަވާފައިވާ ޞިފަފުޅުތައްކަމުން މިއީ ދުނިޔެވީ، ޢަސްކަރީ، އަދި ތަހުޛީބީ ގޮތުންވެސް ޙަސަދަވެރިޔަކުނޫނީ އިންކާރުނުކުރާނޭ ޙަޤީޤަތެއްކަން ދަންނަންޖެހެއެވެ.


 އެހެނީ އެބޭކަލުން ދުނިޔެއަށް އިސްލާމީ ރިސާލަތު ފެތުރެއްވުމުގެ ބުރަ މަސައްކަތް ކުރައްވާފައިވަނީ ހަމަ ތުނބުޅި ބަހައްޓަވައިގެންނެވެ. އަދި އަމުދުން މިޒަމާނުގެ ޙާލަތަށް ބެލިޔަސް މުޒާހަރާއާއި ހަނގުރާމައާއި އަދި ބޮޑެތި ނުރައްކާތެރި ޙާދިޘާތައް މިދިވެހި ރާއްޖެއަށްވުރެ މާގިނައިން ހިނގަމުންދާ އިންޑިޔާއާއި ޕާކިސްތާނާއި އަދި އެނޫންވެސް ބައެއް ޤައުމުތަކުގައި ސިފައިންނާއި ފުލުހުން އެބޭފުޅުންގެ ވާޖިބު އަދާކުރައްވަމުން އެގެންދަވަނީ  ތުބުނޅި ބޭލުން މަނާ ކޮށްގެނެއްނޫނެވެ.

މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަމުރުކުރައްވާފައިވާ އެއްވެސް ކަމެއް ނައްތައިލުމަށް ޤާނޫނެއް ހެދުން ވިޔަސް، އެކަމަށް ބާރުއަޅައި ހިތްވަރު ދިނުން ވިޔަސް، އަދި އެކަމަށް ރުހިގެން ހުރުން ވިޔަސް އެއީ އެއްވެސް ޙާލެއްގައި ހުއްދަވާނޭ ކަމެއްނޫނެވެ. އެއީ އިންސާނުންނަށް އޮތް ޙައްޤެއް ނޫނެވެ. ރައްބުލްޢާލަމީންގެ ޝަރީޢަތުގެ މައްޗަށް ގޮތްކިޔައި، އެޝަރީޢަތުން ބައެއްވިއަސް ނަފީކުރާ އެއްވެސް ޤާނޫނެއް އެކަލާނގެ އަޅުން ކަމުގައި ވެތިބެ، ހެދުމަށް ރުހުން ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއްކޮޅުން އިންސާނީ ޙައްޤުތައް ހޯދައިދޭ ދަޢުޥާ ކުރަމުން، އަނެއްކޮޅުން އިންސާނުންގެ ފިޠުރީ ޙައްޤެއް ނިގުޅައިގަނެ، ޝަރީޢަތުގެ މައްޗަށް އަތްފޯރުވުމަށް ޤާނޫނުތައް ހަދައި، އެކަށައަޅާ ބަޔެއްގެ ޢަދާޥާތްތެރިކަމާއި، ހުރި އަނިޔާވެރިކަމާއެވެ! 


ދުނިޔޭގެ ފަނާވެދަނިވި މުދަލާއި ފައިސާއާއި، ޖާހާއި މަންޞަބަށްޓަކައި ތިމާމެންގެ ޢަޤީދާއާއި މާތް ﷲ ބާވައިލެއްވި ޝަރީޢަތުގެ ކުލަ ފުހެލުމަށްޓަކައި މަސައްކަތް ކުރާ ކޮންމެ މީހަކުމެ އާޚިރުގައި ނިކަމެތިވެ، ދުނިޔެއާއި އާޚިރަތުގައި އޭނާ އަބާއްޖަވެރިވާ ހުއްޓެވެ. "بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16)وَالْآخِرَةُ خَيْرٌ وَأَبْقَى" (الأعلى 16-17) "އަދި ކިއެއްތަ! ތިޔަބައިމީހުން ތިޔަ އިސްކަން ދެނީ ދުނިޔޭގެ ޙަޔާތަށެވެ. އެހެނަސް ހެޔޮވެފައި ދެމިހުންނަ ހުށީ އާޚިރަތުގެ ގޮވައްޗެވެ."

ދަންނާށެވެ! ތުނބުޅި ބެހެއްޓެވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ދާއިމީ ޞިފަފުޅުކަމުގައި އެނގިހުރި ޙާލު އަދި އެކަމަށް އަމުރު ކުރައްވާފައިވާކަންވެސް ދެނެހުރި ޙާލު އެކަމަށް ފުރައްސާރަކުރުމާއި، އަދި ސުންނަތް ޙާޞިލްކުރުމުގެ ގޮތުން ތުނބުޅި ބަހައްޓައިގެން ތިބި މުސްލިމުންނާމެދު އެކަންފާހަގަކޮށް ނިކަމެތިކޮށް ބަސްބޭރުކުރުމަކީ ކަނޑައެޅިގެން އިސްލާމްދީނުން މީހާ ބޭރުވެ މުރުތައްދުވެގެންދާނޭ ކަމެއްކަމާމެދަކު ޝައްކެއްވެސް ނެތެވެ. އެފަދަ މީހުންއެމީހުންނަށް އަތުވެދާނެ ކޯފާއަކާމެދު ބިރުވެތިވެ، މަރުވުމުގެ ކުރީން ތަޥުބާވުން ހުއްޓެވެ. ތަޥުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވުމުގެ ބަދަލުގައި ނުކިޔަމަންތެރިވެ، ބޮޑާވެއްޖެނަމަ ދުނިޔޭގެ ދިރި އުޅުމުގައިވެސް އެފަދަމީހުންނަށް އަބާއްޖަވެރިކަމާއި، ނުތަނަވަސްކަން ފެންނާނެކަމީ އެނގެންހުރިކަންކަމެވެ. އަދި އާޚިރަތުގައި ﷲ ގެ ޢަޛާބު މާ ގަދަފަދަވެގެންވެއެވެ.

މިކަންކަމުގެ ޙުކުމް އޮތްގޮތް ނޭނގޭނަމަ އެބައެއްގެ މައްޗަށް ލާޒިމްވެގެންވަނީ ކަން އޮތްގޮތް އޮޅުން ފިލުވައި، ޙައްޤުގެ މަގަށް ރުޖޫޢަވުމެވެ. ފަހެ، ޙައްޤަށް ރުޖޫޢަވުން، ބާޠިލުގައި ގޮތްދޫނުކޮށް ތިބުމަށްވުރެ ކާއިނާތްތަކުގެވެރި މަތިވެރިވަންތަ އިލާހުގެ ޙަޟްރަތުގައި މާތްވެފައި ހެޔޮކަން ބޮޑުވެގެންވެއެވެ. މާތް ﷲ ޥަޙީކުރައްވާފައިވެއެވެ: "وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا" " ( الأحزاب 36) މާނައީ: "ކަމަކާއި މެދު މާތް ﷲ އާއި އެކަލާނގެ ރަސޫލާ ގޮތެއް ނިންމަވައި ކަނޑައަޅުއްވައިފި ނަމަ އެކަމާމެދު މުއުމިނު ފިރިހެނަކަށްވިޔަސް، މުއުމިނު އަންހެނަކަށްވިޔަސް އެހެން ގޮތެއް އިޚްތިޔާރުކުރުމުގެ ޙައްޤެއް އެއުރެނަކަށް ނުވެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ ހަމަކަށަވަރުން ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ."

ދަންނައެ، އެންމެހާ މުސްލިމް އަޚުންނާއި އުޚްތުން ދަންނަން ޖެހޭ ޙަޤީޤަތަކީ އިސްލާމްދީނުގެ ރުކުންތަކާއި، ވާޖިބުތަކަށްފަހު މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ ރިވެތި އަޚްލާޤްކަމެވެ. ފަހެ މީހެއްގެ އަޚްލާޤް ނުބައިވުމުގެ ސަބަބުން އެމީހަކާ މީސްތަކުން ފޭވެފައިވާމީހާއީ އެންމެ ނުބައި މީހާ ކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. އަދި އެންމެ ގިނައިން މީސްތަކުން ސުވަރުގެ ވައްދާ ހުށީ ﷲ އަށް ބިރުވެތިވުމާއި، ރިވެތި އަޚްލާޤުން ކަމުގައިވެސް ވަނީ ޙަދީޘްކުރައްވާފައެވެ. އެހެންކަމުން ދީނުގައި އެކި ކަންކަމަށް ދެއްވާފައިވާ މަޤާމަށް ރިޢާޔަތްކޮށް ކެތްތެރިކަމާއި ނަމާދުން ވާގިއެދި ކަންކަން އިޞްލާޙުކުރުމަށް މަސައްކަތް ކުރުމަށް ތިޔަ އެންމެހާ މުސްލިމުންނަށް ޖަމްޢިއްޔަތުއްސަލަފުން ޥަޞިއްޔަތް ކުރަމެވެ.

އެއްބަޔަކު އަނެއްބަޔަކާ ހެޔޮކަންކަމުގައި ޥާޤިވެރިވެ އުޅޭ އަޚުންތަކެއް ކަމުގައިލައްވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރީން ކަމުގައި މާތް ﷲ އަހަރެމެން ލައްވާށި! އަދި ޙައްޤު އެއީ ޙައްޤުކަމުގައި ދައްކަވައި އެއަށް ތަބަޢަވުމުގެ ތަޥްފީޤް ލިބި، ބާޠިލް އެއީ ބާޠިލް ކަމުގައި ދައްކަވައި އެއިން އެއްކިބާވުމުގެ ތަޥްފީޤް ދެއްވާށި! އެންމެހާ އަޚުންނާއި އުޚްތުން މާތް ﷲ އަށް ތަޤްވާވެރިވުމަށް ޥަޞިއްޔަތްކުރަމެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ  (سورة الحجرات 1)

24 جمادى الآخرة 1433 هـ.
15 މެއި 2012 م

ads

ދާއިރާ:

0 comments:

Post a Comment

 
here it is