Sunday, September 30, 2012

އައްޒުބައިރު ބްނުލް ޢައްވާމް


އައްޒުބައިރު ބްނުލް ޢައްވާމް (الزبير بن العوام) އަކީ، އަސަދު ގެ ފުތް، ޚުވައިލަދުގެ ފުތް އައްޒުބައިރު ބްނުލްޢައްވާމް އެވެ. އެކަލޭގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ، ކީރިތި ރަސޫލާ ޞައްލަ ﷲޢަލައިހި ވަސައްލަމަ ހިޖުރައަށްވަޑައިގެންނެވުމުގެ ތިރީހަކަށް އަހަރު ކުރިންނެވެ. އެކަލޭގެފާނުއިސްލާމްވެވަޑައިގަތީ، ޢުމުރުފުޅުން 15 އަހަރުގަ އެވެ.
ޙަބްޝްކަރައަށް ހިޖުރަކުރެއްވި މުސްލިމުންނާއެކުއެކަލޭގެފާނު ޙަބްޝްކަރައަށް ހިޖުރަކުރެއްވި އެވެ. އަދި މަދީނާއަށް ވެސް ހިޖުރަކުރެއްވި އެވެ. އެކަލޭގެފާނު ކާވެނިބައްލަވައިގަތީ،އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެފާނާ އެވެ.

އައްޒުބައިރު ބްނުލް ޢައްވާމް ގެ ތުނބުޅިފުޅުގައި އިސްތަށިމަދެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ކުލަކަޅުވެފައި، ހަށިކޮޅުގައި އިސްތަށި ގިނަ އެވެ. އިސްކޮޅުފުޅު ދިގެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ،އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ހަތް ބޭކަލުންގެތެރެއިންނެވެ. މަންމާފުޅަކީ، ޢަބްދުމަނާފުގެ ފުތް، ޢަބްދުލްމުއްޠަލިބުގެ ދި ޞަފިއްޔާ އެވެ. އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ބަފައިފުށުގެ ބޮޑުދައިތާފުޅެވެ

އައްޒުބައިރު ބްނުލް ޢައްވާމް ގެ ބަފައިފުށުގެބޮޑުދައިތާފުޅަކީ، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނެވެ. އެކަލޭގެފާނަކީ، ބަދުރު ހަނގުރާމައިގައިބައިވެރިވެ ވަޑައިގެންނެވި އަޞްޙާބު ބޭކަލެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެއްވި އެހެން ހަނގުރާމަތަކުގައި ވެސްއިތުރުއެކަލޭގެފާނާއެކު، ބައިވެރިވެވަޑައިގެންނެވި އެވެ. މިޞްރު ފަތަޙަކުރުމުގައި، ޢަމްރު ބްނުލްޢާޞް އަށް ވާގިވެވެވަޑައިގަތުމަށްޓަކައި،މަދަދާއެކު ޢުމަރުގެފާނު ފޮނުއްވި ބޭކަލަކީ ވެސްއައްޒުބައިރު ބްނުލް ޢައްވާމެވެ.

ހަރުދަނާކަމާއި، ދީލަތިކަމާއި، ހިތްވަރުގަދަކަން ފަދަރިވެތި އެތައް ބަނިޔާދަން ސިފަފުޅުތަކެއްއައްޒުބައިރު ބްނުލް ޢައްވާމުގެ ކިބައިގައިވެ އެވެ. މިޞްރު ފަތަޙަވުމުގެ އެންމެ ބޮޑު އެއްސަބަބު ކަމުގައި ވީވެސް އެކަލޭގެފާނުގެ ކިބައިގައިވާ އެފަދަ މާތްސިފަފުޅުތައް ކަމަށް ބުނެވެ އެވެ. އަބޫލުއުލުއާ ދިން ހަމަލައިން ޢުމަރުގެފާނު ޝަހީދުވެވަޑައިގަތުމުން، އެކަލޭގެފާނަށްފަހު ވެރިޔަކު ޢައްޔަންކުރުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ހަބޭކަލުންގެ މައްޗަށް އެކުލެވޭ ޝޫރާ މަޖިލީހެއް އެކުލަވާލެވުނެވެ. އެ މަޖިލީހުގައި ވެސް އައްޒުބައިރު ބްނުލްޢައްވާމު ހިމެނިވަޑައިގެންނެވި އެވެ. އަދިއެކަލޭގެފާނަކީ، ސުވަރުގެވެރިއެއް ކަމުގެ އުފާވެރި ޚަބަރުވެސް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ.


ނަސަބުފުޅު

އައްޒުބައިރު ބްނުލް ޢައްވާމުގެ ބައްޕާފުޅަކީ އަލްޢައްވާމް (العوام) އެވެ. އަލްޢައްވާމަކީ، ޢަދުނާނުގެ ފުތް،މުޢައްދުގެ ފުތް، ނިޒާރުގެ ފުތް، މުޟަރުގެ ފުތް، އިލްޔާސްގެ ފުތް، ޢާމިރުގެ ފުތް، މުދުރިކާގެ ފުތް،ޚުޒައިމާގެ ފުތް، ކިނާނާގެ ފުތް، އައްނަޟިރުގެ ފުތް،މާލިކުގެ ފުތް، ފިހުރުގެ ފުތް، ޣާލިބުގެ ފުތް، ލުއައްޔުގެ ފުތް،ކަޢުބުގެ ފުތް، މުއްރާގެ ފުތް، ކިލާބުގެ ފުތް، ޤުޞައްޔުގެ ފުތް،ޢަބްދުލްޢުއްޒާގެ ފުތް، އަސަދުގެ ފުތް، ޚުވައިލަދުގެ ފުތް،އަލްޢައްވާމެވެ. މި އަލްޢައްވާމަކީ، އުއްމުލްމުއުމިނީންޚަދީޖަތުގެފާނުގެ އަޚެކެވެ.

އައްޒުބައިރު ބްނުލް ޢައްވާމުގެ މަންމާފުޅަކީ، މާތް އަޞްޙާބުބޭކަނބަލެއް ކަމަށްވާ، ޞަފިއްޔަތުގެފާނެވެ. އެކަމަނާއަކީ، ޢަދުނާނުގެ ފުތް، މުޢައްދުގެ ފުތް، ނިޒާރުގެ ފުތް، މުޟަރުގެ ފުތް، އިލްޔާސްގެ ފުތް، ޢާމިރުގެ ފުތް، މުދުރިކާގެ ފުތް،ޚުޒައިމާގެ ފުތް، ކިނާނާގެ ފުތް، އައްނަޟިރުގެ ފުތް،މާލިކުގެ ފުތް، ފިހުރުގެ ފުތް، ޣާލިބުގެ ފުތް، ލުއައްޔުގެ ފުތް،ކަޢުބުގެ ފުތް، މުއްރާގެ ފުތް، ކިލާބުގެ ފުތް، ޤުޞައްޔުގެ ފުތް،ޢަބްދުމަނާފުގެ ފުތް، ހާޝިމުގެ ފުތް، ޢަބްދުލްމުއްޠަލިބުގެ ދިޞަފިއްޔާ އެވެ. އެކަމަނާއަކީ، ޝަހީދުންގެސާހިބާ ޙަމްޒަތުގެފާނާ އެއްބަނޑު އެއްބަފާއުޚުތެކެވެ. އަދި އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ގެ ބަފައިފުށުގެ ބޮޑުދައިތާފުޅެވެ.


ހަނގުރާމަތަކުގައި

އައްޒުބައިރު ބްނުލް ޢައްވާމް ގެ ހިތްވަރުފުޅުގަދަކަންފެނިގެން ދިޔަ އެއް ހަނގުރާމައަކީ، އުޙުދު ހަނގުރާމަ އެވެ. އެހަނގުރާމައިގައި، މައްކާގެ މުޝްރިކުންގެ ދިދަ އުފުލީ،ޢަބްދުއްދާރު ވަންހައިގެ މީހުންނެވެ. އެ ހަނގުރާމަފެށުމަށްޓަކައި، ޠަލްޙަތު ބްނު އަބީ ޠަލްޙަތު ޖަމަލެއްގެ މަތީގައިހަނގުރާމައިގެ މައިދާނުގެ މެދަށް ނިކުމެ،ކުރިމަތިލުމަށް ގޮވާލި އެވެ. އޭނައަކީ، ހަށިގަނޑު ވަރުގަދަ، އަދިއެހައިމެ ބާރުވެސް ގަދަ މީހެކެވެ. އޭނާނިކުތުމުން މުޅިތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އެހިނދު، އައްޒުބައިރު ބްނުލް ޢައްވާމް ނިކުމެވަޑައިގެން އޭނާއާ ކުރިމަތިލެއްވި އެވެ. އަދި އޭނާއާ ހަނގުރާމަކުރައްވައި،ޖަމަލުމަތިން އޭނާ ވައްޓަވައިލެއްވި އެވެ. އެއަށްފަހު، އޭނާގެ ކަރުބުރިކުރައްވައިޤަތުލުކުރެއްވި އެވެ. މިކަންވެގެން ދިޔައީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އެގޮތުގެ މަތިން ޠަލްޙަތުގެ ދުވަސްދުއްވާލެވުނުހިނދު، މުސްލިމުންނާއެކު، ކީރިތި ރަސޫލާ ޞައްލަ ﷲޢަލައިހި ވަސައްލަމަ، ﷲ އަކުބަރު ވިދާޅުވެތަކުބީރުގެ އަޑު އުފުއްލެވި އެވެ.

ޚައިބަރު ހަނގުރާމައިގައި، ޔަހޫދީންގެ ތެރެއިންނިކުތީ މުރުޙިބެވެ. އޭނާއާ ކުރިމަތިލެއްވީ ޢަލީގެފާނެވެ. އެކަލޭގެފާނު މުރުޙިބު ޤަތުލުކުރެއްވި އެވެ. ދެން ޔަހޫދީންގެ ތެރެއިން ނިކުތީ މުރްޙިބުގެ އަޚު ޔާސިރެވެ. އޭނާއާ ކުރިމަތިލެއްވީއައްޒުބައިރު ބްނުލް ޢައްވާމެވެ. އެހިނދު، އެކަލޭގެފާނަށްދެރަގޮތެއް ވެދާނެތީ އެކަލޭގެފާނުގެ މަންމާފުޅުޞަފިއްޔަތުފާނު ކަންބޮޑުވެވަޑައިގެންނެވި އެވެ. އެކަމަނާގެ ހިތްޕުޅަށް ތަސައްލީއެއް ދެއްވަމުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަޙަދީޘްކުރެއްވި އެވެ. (بل ابنك يقتله) "ކިއެއްހެއްޔެވެ. (އޭނާގެމައްޗަށް ގަދަވެވަޑައިގެން) ކަމަނާގެ ދަރިކަލުން އޭނާ ޤަތުލުކުރައްވާނެ އެވެ." އެ ކުރިމަތިލުން ނިމުނުއިރު،އިތުރުއެކަލޭގެފާނު ޙަދީޘްފުޅުކުރެއްވި ފަދައިން އެކަލޭގެފާނު،ޔާސިރު ގެ މައްޗަށް ގަދަވެވަޑައިގެން އޭނާ ޤަތުލުކުރެއްވި އެވެ.


ފިތުނައިން ނިކުމެވަޑައިގަތުން

ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމާ ގުޅިގެން ހިނގައިދިޔަކަންތައްތަކުގެ ތެރޭގައި، އައްޒުބައިރު ބްނުލްޢައްވާމާއި، ޢަލީގެފާނާ ދެމެދުގައި ފިތުނައިގެއަލިފާންގަނޑެއް ރޯވާން އުޅުނެވެ. ނަމަވެސް ޢަލީގެފާނު ނުހަނުޙިކުމަތްތެރިކަމާއެކު، އައްޒުބައިރު ބްނުލް ޢައްވާމާ ވާހަކަފުޅުދެއްކެވި އެވެ. ޢަލީގެފާނުގެބަސްފުޅުތައް އިވިވަޑައިގަތުމުން އައްޒުބައިރު ބްނުލްޢައްވާމަށް ޙަޤީޤަތް އެނގިވަޑައިގަތެވެ. އަދި ޢަލީގެފާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގައި ދުވަހަކުވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށްވިދާޅުވެ، އެ ފިތުނައިގެ ތެރެއިން ނިކުމެވަޑައިގަތެވެ.


ޙަވާރިއްޔަ ބޭކަލެއް

އައްޒުބައިރު ބްނުލް ޢައްވާމަކީ، ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވަރަށް މަތިވެރި މަޤާމެއް ލިބިވަޑައިގެންފައިވާ މާތް ބޭކަލެކެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

(
الزُّبَيْرُ ابْنُ عَمَّتِي وَحَوَارِيَّ مِنْ أُمَّتِي)
ރިވާކުރެއްވީ: އަލްބުޚާރީ

މާނައީ، "އައްޒުބައިރަކީ، ތިމަންކަލޭގެފާނުގެބޮޑުދައިތާފުޅުގެ ދަރިކަލުންނެވެ. އަދި މި އުންމަތުގެ މީސްތަކުންގެ ތެރެއިން ތިމަންކަލޭގެފާނުގެޙަވާރިއްޔަ ބޭކަލަކީ، އެކަލޭގެފާނެވެ."


ޝަހީދުވެވަޑައިގަތުން

އައްޒުބައިރު ބްނުލް ޢައްވާމް ނަމާދުކުރައްވަންހުންނަވަނިކޮށް އެކަލޭގެފާނަށް ޣަދަރުވެރިވެ،އެކަލޭގެފާނު ޝަހީދުކޮށްލީ، ޢަމްރު ނަމަކަށް ކިޔާ މީހެކެވެ. ކީރިތި މާތް ނަބިއްޔާ ވަނީ، އެމީހާ ނަރަކައަށްދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ޝަހީދުވެވަޑައިގަތުމަށްފަހު އެކަލޭގެފާނު ފަސްދާނުލެވުނީ، ޢިރާޤުގެއަލްބަޞްރާ ގެ އެއްފަރާތެއްގަ އެވެ. އެކަލޭގެފާނު ފަސްދާނުލެވުނު ތަނުގައިޒިޔާރަތެއް ބިނާކޮށް އާރާސްތުކުރެވުނެވެ. އަލްބަޞްރާއަށް ދެވުނު ޢަސްކަރީ ޙަމަލަތަކުގައި އެތަން ހަލާކުވި އެވެ. އެއަށްފަހު، 2007 ވަނައަހަރު އެ ޒިޔާރަތުގެ ބިނާ އަލުންއާސްރުކުރެވުނެވެ. މިހާރު އެތާނގައިވަނީ، އައްޒުބައިރު ނަމަކަށްކިޔާ ރަށެއް ވެސް އުފެދިފަ އެވެ. އެރަށަށް ނަންކިއުނީ އެކަލޭގެފާނުގެ ނަންފުޅުންނެވެ. އެއީތާރީޚީ ގޮތުން މަޤާމެއް ލިބިގެންވާ މުހިންމު ރަށެކެވެ.

އައްޒުބައިރުގެފާނު ޝަހީދުވެވަޑައިގަތީ، ހިޖުރައިން 36 ވަނައަހަރު، ޖުމާދަލްއޫލާ މަހުގަ އެވެ. އޭރުއެކަލޭގެފާނުގެ ޢުމުރުފުޅަކީ، 66 އަހަރެވެ. ނުވަތަ 67އަހަރެވެ.


ލިބިވަޑައިގެންނެވި ބޭފުޅުން

އައްޒުބައިރު ބްނުލް ޢައްވާމަށް ދިހަ ބޭފުޅުން ލިބިވަޑައިގަތެވެ. އެހުރިހައި ބޭފުޅުންނަން ނަންދެއްވީ، ޝަހީދުންގެ ނަންފުޅުތަކުންނެވެ. އެއީ، ޢަބްދު ﷲ އާއި، ޖަޢުފަރު އާއި، ޢުބައިދާ އާއި، ޢަމްރު އާއި، ޚާލިދު އާއި، ޢުރުވާ އާއި، މުޞްޢަބު އާއި،ޢާޞިމު އާއި، ޙަމްޒާ އެވެ.
 

ބައެއް ޚާއްޞަ ކަންތައްތައް

1.
އައްޒުބައިރު ބްނުލް ޢައްވާމް އިސްލާމްވެވަޑައިގަތީއަބޫބަކުރުފާނުގެ އަތްޕުޅު މައްޗަށެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން،މައްކާގެ މުޝްރިކުން އެކަލޭގެފާނުގެމޫނުފުޅަށް އަލިފާނުން ދުންއަރުވައި، ހޫނުކޮށްއެތައް އަނިޔާތަކެއް ކުރި އެވެ. އެއަނިޔާތަކުގެކުރިމަތީގައި އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތީގައިދެމިހުންނެވި އެވެ. އެކަލޭގެފާނު ވިދާޅުވީ، (لا أكفر أبدًا) "ތިމަންކަލޭގެފާނުދުވަހަކުވެސް ކާފިރުވެވަޑައެއް ނުގަންނަވާނަމެވެ."

2.
މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު،އަޞްޙާބުބޭކަލަކަށް މަދީނާގައި ލިބިވަޑައިގަތް އެންމެފުރަތަމަ ބޭފުޅާ ލިބިވަޑައިގަތީ އައްޒުބައިރު ބްނުލްޢައްވާމަށެވެ.

3.
އައްޒުބައިރު ބްނުލް ޢައްވާމަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ އާ ނުހަނު އަރިހުގައި އުޅުއްވި ބޭކަލެކެވެ. ނަމަވެސްއެކަލޭގެފާނު ރިވާކުރައްވާފައިވަނީ މަދު ޙަދީޘްފުޅުތަކެކެވެ. އެކަލޭގެފާނުގެ ދޫފުޅުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ގޮތް ނޫންގޮތަކަށް ބަސްފުޅެއް ވިދާޅުވެވިދާނެތީ،ޙަދީޘްފުޅުތައް ރިވާނުކުރެއްވީ އެވެ. އެހެނީ، އެކަލޭގެފާނު ގިނައިން ޙަދީޘްފުޅުތައްވިދާޅުނުވާތީ ސުވާލު ދެންނެވުނު ހިނދު ވިދާޅުވި އެވެ. ކީރިތިރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަޙަދީޘްކުރެއްވި އެވެ. (مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ) "ތިމަންކަލޭގެފާނުގެ މައްޗަށް ޤަސްދުގައި ދޮގުހަދައިފި މީހާ، ފަހެ،އޭނާ އިށީންނާނެ ތަން ނަރަކައިންހޯދާހުށިކަމެވެ."

4.
މުސްލިމުންގެ ތެރެއިން މާތް ﷲ ގެ މަގުގައި އެންމެ ފުރަތަމަކަނޑިއެއް އުރައިން ދަންމަވައިލެއްވީ އައްޒުބައިރު ބްނުލްޢައްވާމް އެވެ.

5.
އައްޒުބައިރު ބްނުލް ޢައްވާމް ގެ ސިފަފުޅުގައި މަލާއިކަތުން އުޑުން ފައިބައިވަޑައިގެންފައިވެ އެވެ. ބަދުރު ހަނގުރާމައިގެ ދުވަހުގައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ރީނދޫ ކުލައިގެފަގުޑިކޮޅެކެވެ. އެދުވަހު ޖިބުރީލުގެފާނު ފައިބައިވަޑައިގެންނެވީ،އެކަލޭގެފާނު ހެދުންކޮޅު ތުރުކުރައްވައިގެންހުންނެވި ގޮތަށެވެ.
 
http://www.bahuru.com/img/madu_vilu_line_818.jpg 

ބްދުލްމުޢީދު ޙަސަން

ads

ދާއިރާ:

0 comments:

Post a Comment

 
here it is