Sunday, September 2, 2012

ބޮޑެތިފާފަތައް ދެނެގަތުން

އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ބޮޑެތިފާފަތައް ޖަމާކުރައްވައި ލިޔުއްވާފައިވާ “އަލްކަބާއިރު” ގައި ބޮޑެތިފާފަތަކާބެހޭގޮތުން ވިދާޅުވެފައިވެއެވެ.
“ﷲ އަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ޤަދަރުފުޅަށް އީމާންވުމުގެ (ތަވްފީޤު) ދެއްވިކަމަކަށްޓަކައި އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަހަރެމެންގެ މާތްނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުންގެ އާލުންނަށާއި، އަންޞާރުންނަށް ﷲ ޞަލަވާތް ލައްވާށިއެވެ. އެޞަލަވާތަކީ ދާއިމަށް ދެމިގެންވާ ޞަލަވާތެއްކަމުގައި ލައްވައި، އެކަލޭގެފާނުގެ އަރިހުގައި ދެމިތިބެނިވި ގޯތީގައި އުޅުމުގެ ނަޞީބު ދެއްވާށިއެވެ!

މިފޮތަކީ (އެބަހީ: އަލްކަބާއިރު މިފޮތަކީ) އިޖުމާލީގޮތުންނާއި ތަފްޞީލީގޮތުން ބޮޑެތިފާފަތައް ދެނެގަތުމުގައި މަންފާކުރާނެ ފޮތެކެވެ. އެއިލާހުގެ ރަޙްމަތުން އަޅަމެން އެފާފަތަކުން ދުރުހެލިވުމުގެ (ތަވްފީޤު) ވަނީ ދެއްވަވާފައެވެ.

ﷲ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلاً كَرِيماً)) النساء:31 މާނައީ: “ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ.” ފަހެ، މިނައްޞުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ، ބޮޑެތިފާފަތަކުން ދުރުހެލިވާމީހަކު، އެއިލާހު ސުވަރުގެ ވައްދަވާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((وَالَّذِينَ يَجْتَنِبُونَ كَبَائِرَ الإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ)) الشورى: 37މާނައީ: “އަދި އެބައިމީހުންނީ ބޮޑެތިފާފަތަކާއި، ފާޙިޝްކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެބައިމީހުންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.” އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((الَّذِينَ يَجْتَنِبُونَ كَبَائِرَ الإِثْمِ وَالْفَوَاحِشَ إِلاَّ اللَّمَمَ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ)) النجم: 32 މާނައީ: “އެބައިމީހުންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، ފާޙިޝްކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((الصَّلَوَاتُ الخَمْسُ، وَالجُمُعَةُ إِلَى الجُمُعَةِ، كَفَّارَةٌ لِمَا بَيْنَهُنَّ، مَا لَمْ تُغْشَ الكَبَائِرُ)) (مسلم) މާނައީ: “ބޮޑެތިފާފަތަކުގައި ނުބީހޭކަމުގައިވާނަމަ (ފަރުޟު) ފަސްނަމާދާއި، އެއްހުކުރުން އަނެއްހުކުރުގެ ދެމެދަކީ، އެކަންތައްތަކުގެ ދެމެދުގައިވާ (ކުދިފާފަތަކުގެ) ކައްފާރާއެވެ.” އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވަނީ ބޮޑެތިފާފަތަކަކީ ކޮބައިތޯ ބަލާހޯދުމެވެ. އެއީ މުސްލިމަކު އެފަދަ ފާފަތަކުން ދުރުހެލިވެ ވުމަށެވެ.

ފަހެ، ބޮޑެތިފާފަތަކަކީ ކޮބައިކަމާމެދު ޢިލްމުވެރިން އިޚްތިލާފުވެފައިވެއެވެ. އެއީ ހަތްކަމެއްކަމުގައި ބުނެވިފައިވެއެވެ. (މިފަދައިން ވިދާޅުވާ ބޭކަލުން) ޙުއްޖަތެއްގެ ގޮތުގައި ނަންގަވަނީ ނަބިއްޔާ عليه الصلاة والسلام ގެ ޙަދީޘްފުޅެވެ. ((اجْتَنِبُوا السَّبْعَ الْمُوبِقَاتِ)) މާނައީ: “ހަލާކުކޮށްފަނިވި ހަތްފާފައަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ.” އެކަންތައްތަކުގެ ތެރޭގައި ޝިރުކުރުމާއި، ސިހުރުހެދުމާއި، ނަފްސު ޤަތުލުކުރުމާއި، ޔަތީމުންގެ މުދާ (ބާޠިލުގޮތުގައި) ކެއުމާއި، ރިބާ ކެއުމާއި، ހަނގުރާމައިގައި ދެލަޝްކަރު ބައްދަލުކުރާ ދުވަހު ފިލަންދުވުމާއި، ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރުން ގެންނަވާފައިވެއެވެ.(متفق عليه)

އިބްނު އައްބާސް ރަޟިޔަﷲ ތަޢާލާ އަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ބޮޑެތިފާފަތައް ހަތަކަށްވުރެ ހަތްދިހައާ ހަމައަށް ފޯރުން (ޞައްޙަކަމާ) ގާތްވެގެންވެއެވެ.” ﷲ ހެކިކޮށް ބުނަމެވެ. އިބްނު ޢައްބާސްގެ ބަސްފުޅު ތެދެވެ. (ކުރިންދެންނެވުނު) ޙަދީޘްގެ (މުރާދަކީ) ބޮޑެތިފާފަތަކުގެ ވަކި މިންވަރެއްކަނޑައެޅުއްވުމެއް ނޫނެވެ. ބުރަވެވޭ އަދި ދަލީލުލިބޭގޮތަކީ، ޤަތުލުކުރުން، ޒިނޭކުރުން، ވައްކަންކުރުން ފަދަ ދުނިޔެމަތީގައި ޙައްދެއްކަނޑައެޅިފައިވާ ފާފައެއް، ނުވަތަ އާޚިރަތްދުވަހު ޢަޛާބު ލިބޭނެކަމަށް އަދި ކޯފާއެއް އަދި ވަޢީދެއް އިސްފައިވާ ފާފައެއް، ނުވަތަ މީހަކު ފާފައެއްކުރުމުގެ ސަބަބުން އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދޫފުޅުން ލަޢުނަތް ލައްވަވާފައިވާ ފާފައަކީ ޝައްކެއްވެސްނެތްގޮތުގައި ބޮޑެތިފާފައެވެ. 

ހަމައެއާއެކު ބައެއްފާފަތަކަކީ އަނެއްބައި ފާފަތަކަށްވުރެ ބޮޑެތިފާފަކަންވެސް ދެނެގަންނަންޖެހެއެވެ. ހަމަކަށަވަރުން ޝިރުކަކީ ބޮޑުފާފައެއްކަމުގައި އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރައްވާފައިވާތަން ތިބާއަށް ފެންނާނެއެވެ. ހަމައެއާއެކު، (ބޮޑުޝިރުކަށް) އަރައިގެންފިމީހާއަކީ ނަރަކާގައި އަބަދުގެ އަބަދަށް ދެމިހުންނާނެމީހެކެވެ. އަދި ދުވަހަކުވެސް އޭނާއަށް ފާފަފުއްސެވުން ނުލިބޭހުއްޓެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ))النساء: 48 މާނައީ: “ހަމައަކަށަވަރުން ﷲ، އެއިލާހަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ)) المائدة: 72މާނައީ: “ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ.” ވުމާއެކު، ނައްޞުތައް ޖަމާކުރަން އެބަޖެހެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟)) قَالَ هَا ثَلاَثًا. قَالُوا: بَلَى يَا رَسُولَ اللهِ! قَالَ: ((الإِشْرَاكُ بِاللهِ، وَعُقُوقُ الْوَالِدَيْنِ)) وَكَانَ مُتَّكِئًا فَجَلَسَ فَقَالَ: ((أَلاَ وَقَوْلُ الزُّورِ)) فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ. (البخاري)މާނައީ: “ބޮޑެތިފާފަތަކަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަން ހެއްޔެވެ؟” މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އާދޭހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝިރުކުކުރުމާއި، މައިންބަފައިންނަށް އިހާނެތިކޮށްހިތުމެވެ.” އެކަލޭގެފާނު ލެނގިލައްވައިގެން އިށީނދެވަޑައިގެންއިންނަވާފައި ތެދަށް އިށީނދެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “އަދި ދޮގުހެކިދިނުމެވެ.” އެކަލޭގެފާނު މިކަލިމަ ޙަދީޘްކުރެއްވުން ހުއްޓަވައި ލައްވާނަމައޭ ތިމަންމެންގެ ހިތަށް އަރައްޖެއުމަށް ދާންދެން އެކަލޭގެފާނު މިފަދައިން ތަކުރާރުކުރެއްވިއެވެ.

މިޙަދީޘްގައި އެކަލޭގެފާނު عليه الصلاة والسلام ބަޔާންކޮށްދެއްވަނީ، ހަމަކަށަވަރުން ދޮގުހެކިދިނުމަކީ ބޮޑުފާފަތަކުގެ ތެރެއިންވެސް ބޮޑުފާފައެއްކަމެވެ. ދޮގުހެކިދިނުމުގެ ވާހަކަ ހަލާކުކޮށްފާނެ ހަތްފާފައިގެތެރޭގައި ޙަދީޘްކުރައްވާފައެއްނުވެއެވެ. މައިންބަފައިންނަށް އިހާނެތިކޮށްހިތުންވެސް ޙަދީޘްކުރައްވާފައެއް ނުވެއެވެ.” (މިހާހިސާބަށް ޛަހަބީ ރަޙިމަހުﷲގެ ބަސްފުޅު ނިމުނީއެވެ.)

***
ނޯޓް: ބުރަވެވޭ އަދި ދަލީލުލިބޭގޮތަކީ، ޤަތުލުކުރުން، ޒިނޭކުރުން، ވައްކަންކުރުން ފަދަ ދުނިޔެމަތީގައި ޙައްދެއްކަނޑައެޅިފައިވާ ފާފައެއް، ނުވަތަ އާޚިރަތްދުވަހު ޢަޛާބު ލިބޭނެކަމަށް އަދި ކޯފާއެއް އަދި ވަޢީދެއް އިސްފައިވާ ފާފައެއް، ނުވަތަ މީހަކު ފާފައެއްކުރުމުގެ ސަބަބުން އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދޫފުޅުން ލަޢުނަތް ލައްވަވާފައިވާ ފާފައަކީ ޝައްކެއްވެސްނެތްގޮތުގައި ބޮޑެތިފާފައެވެ. މިއީ ކުދިފާފައާއި ބޮޑެތިފާފަ ވަކިކުރުމުގެ މަޝްހޫރުގޮތެވެ. ނަމަވެސް ބޮޑެތިފާފައިގެ ތެރެއަށް އަންނަނިވި ފާފަތައް ހިމެނެއެވެ.

1. އިމާންކަން ނަފީކޮށްފައިވާ ފާފަ.

2. “ބޮޑުފާފައެއް” ނުވަތަ “ހަލާކުކޮށްފަނިވި ފާފައެއް” ނުވަތަ “ފާޙިޝްކަމެއް” ނުވަތަ “ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް” މިފަދައިން ނަންދެވިފައިވާ ނުވަތަ މިނަންތަކުގެ ތެރެއަށް ޞިފަކޮށްފައިވާ ފާފަ.
3. ފާފައެއްކުރުމުން އެފާފަކުރިމީހާ އެކުރީ ފާސިޤުކަމުގެ ޢަމަލެއްކަމުގައި ނުވަތަ ފާސިޤެއްކަމުގައި ޞިފަކޮށްފައިވާ ފާފަ.

4. އެފާފައެއްކުރިމީހާގެ ކިބައިން ޛިއްމާ ބަރީއަވެގެންވާކަމުގައި ވާރިދުވެފައިވާ ފާފަ.

5. އެފާފަކުރާމީހަކީ ތިމަންމެންގެ ތެރެއިންވާމީހެއް ނޫންކަމުގައި ޞިފަކޮށްފައިވާ ފާފަ.

6. އެފާފައިގެ ސަބަބުން އެފާފަކުރާމީހާގެ ހިތުގައި ސިއްކަޖައްސަވާނެކަމަށް އައިސްފައިވާ ފާފަ.

7. އެފާފަކުރާމީހާގެ ޢަމަލުތައް ބާޠިލުވާނެކަމަށް ވާރިދުވެފައިވާ ފާފަ.
8. ﷲ ކޯފާލިބޭނެކަމަށް ވާރިދުވެފައިވާ ފާފަ.

9. އެފާފަކުރާމީހާގެ ހިތް (ޙައްޤު މަގުން) ބަންދުކުރެވޭނެކަމަށް ވާރިދުވެފައިވާ ފާފަ.

10. އެފާފައެއް ކުރާމީހާގެ ތަޥްބާ ޤަބޫލުނުކުރައްވާނެކަމަށް ވަރިދުވެފައިވާ ފާފަ.

11. ކުރަފަތުން ބޯބޭލޭފަދައިން ދީން މަޑުމަޑުން ނިގުޅައިގަންނަކަމަށް ވާރިދުވެފައިވާ ފާފަ.

12. އެފާފައެއްކުރާމީހާއަށް ސުވަރުގެ ޙަރާމްވެގެންވާކަމަށް ނަންގަނެވިފައިވާ ފާފަ.

13. އެފާފައެއްކުރާމީހަކަށް ޤިޔާމަތްދުވަހުން ﷲ ބައްލަވާވޮޑިގެންނުވާނެކަމަށް ވާރިދުވެފައިވާ ފާފަ.

14. އެފާފަކުރުމަކީ މަގުފުރެދުމެއްކަމަށާއި، ގެއްލެނިވެގެންވާކަމަށް ޞިފަކޮށްފައިވާ ފާފަ.

އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ ބޮޑެތިފާފަތަކާބެހޭގޮތުން އެކުލަވާލައްވާފައިވާ މިފޮތުގައި މިނަންނަގެނެވުނު ފާފަތައް ބޮޑެތިފާފަތައް ކަމުގައި ހިމަނުއްވާފައިވެއެވެ. މިފޮތުގެ އިނގިރޭސި ތަރުޖަމާ ހޯއްދެވުމަށް އަންނަނިވި ލިންކަށް ފިއްތަވާލައްވާ!
 އަލްކަބާއިރު- އަލްޙާފިޡް އައްޛަހަބީ (އިނގިރޭސި ތަރުޖަމާ)
___________________________
މަރުޖިޢު:
* الكبائر: للحافظ الذهبي (تحقيق: مشهور بن حسن آل سلمان)

ads

ދާއިރާ:

0 comments:

Post a Comment

 
here it is