Monday, September 10, 2012

ދުނިޔޭގެ އެންމެ ބޮޑު ޢަޖައިބު! އިސްލާމްދީން

ހިތާ ހިތާ ސުވާލުކޮށްލާށެވެ! މުޅި ދުނިޔޭގައިވެސް އެދީނަކާއި ދެކޮޅަށް ހަތިޔާރާއި ކަނޑިބަޑިން ހަމަލާދީ ހަނގުރާމަ ކުރެވެނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނާއެވެ. މުޅި ދުނިޔޭގެ މީޑިޔާ އެދީނެއް ބަދުނާމް ކުރުމަށް އެންމެ ބުރަމަސައްކަތެއް ރެޔާއި ދުވާލު ކުރަނީ ކޮންދީނަކާއި ހެއްޔެވެ؟ އިސްލާމްދީނެވެ. ފިކުރީގޮތުން އެންމެ ގިނަ ރޭވުންތައް ރޭވެނީ އިސްލާމްދީނާއި އިދިކޮޅަށެވެ.

ތިބޭފުޅުންނަށް އެނގޭ ހެއްޔެވެ؟ 1970 އިން ފެށިގެން މިއަދާއި ހަމައަށް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 3 ފޮތް ދުނިޔޭގެ އެކިގައުމު ތަކުގައި އިސްލާމްދީނާއި އިދިކޮޅަށް ނެރެވެއެވެ. އެމެރިކާގައި މަހަކު 48 ފޮތް އިސްލާމް ދީނާއި އިދިކޮޅަށް ނިކުމެއެވެ. މިއީ ކުޑަ މިންވަރެއް ހެއްޔެވެ؟ ހުރިހާގޮތަކުން އެންމެ އުނދަގޫތަކާއި ދުއްޕާންތަކާއި ބަދުނާމް ކުރުންތައް އޮތީ އިސްލާމްދީނާއި ދެކޮޅަށެވެ. މިއީ އެންމެން ދަންނަ ކަމެކެވެ.
 
މިހިސާބުން ސުވާލަކީ މިހުރިހާ ކަމަކާއި އެކުވެސް އެންމެ ކުރިއަށް ދަނީ ކޮން ދީނެއް ހެއްޔެވެ؟ ކޮންދީނެއް ހެއްޔެވެ؟ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން ފެތުރެމުން އޮބިނޯވެގެން އަންނަނީ ކޮން ދީނެއް ހެއްޔެވެ؟ ޝައްކެއްނެތްގޮތުގައި އިސްލާމްދީނެވެ. ކްރިސްޓިއަން ނުވަތަ ޔަހޫދީންގެ ކިތައް ފާދިރީން އިސްލާމް ވެއްޖެ ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ ހޮލީވުޑްގެ ކިތައް ފަންނާނުން އިސްލާމްވިކަމެއް އެނގޭ ދިވެއްސަކު އެބަހުރި ހެއްޔެވެ؟  އެކަމަކު އިސްލާމުންގެ ޢިލްމުވެރިއަކު ދުވަހަކުވެސް އިސްލާމްދީން ދޫކޮށްލި ހެއްޔެވެ؟ ނޫނެކެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ އަޖާބެކެވެ!  އެންމެ ރަނގަޅެވެ. ކްރިސްޓިއަން ދީނުގެ މީހުން އަޅުކަން ކުރަނީ ހަފްތާއަކު އެންމެ ދުވަހަކު ނޫންހެއްޔެވެ؟ އެއީ އާދީއްތަ ދުވަހެވެ. އެކަމަކު ފައްޅިއަށް ދަނީ ކިތައް މީހުން ހެއްޔެވެ؟ އަހާށެވެ. ދުނިޔޭގެ ތަފާސްހިސާބު ބަލާށެވެ. ތިހެން ލޯކަނުވެގެން ނުހުންނާށެވެ! ކަމުގެ ޙަޤީޤަތާއި ކުރިމަތި ލާށެވެ. ފައްޅިއަށް ދާނީ މަދު ބަޔެކެވެ. އެކަމަކު މުސްލިމުން ކޮންމެ ދުވަހަކު ފަސްނަމާދު ކުރަން ޖެހޭއިރުވެސް އަބަދުވެސް މިސްކިތުގައި މީހުން ތިބޭނެއެވެ. މިއީ ޤުދުރަތުގެ ޢަޖާބު ނޫން ދެން ކޮން ކަމެއްތޯއެވެ؟ ބަޔަކު ފުންކޮށް ވިސްނިއްޔާތާއެވެ!

ޖަރުމަނު ވިލާތުގައި ގަޑިއަކު 2މީހުން އިސްލާމްވެއެވެ. މިއީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ބަނގުރާ އުފައްދާ ޤައުމެވެ. އެތަނުގައި މިހާ ބާރަށް އިސްލާމްދީން ފެތުރޭއިރު ދެން އެހެން ޤައުމު ތަކުގައި ކިހާ ބާރަކަށް އިސްލާމްދީން ފެތުރޭނެހެއްޔެވެ؟ އަޅުގަނޑު ދަންނަވަން ހެއްޔެވެ؟ އިނގިރޭސި ވިލާތުގެ ފައްޅިއަކުން މިދިޔަ މަހު އިސްލާމްދީނާއި ބެހޭ ދިރާސާއެއް އިޓަލީގެ މައި ފައްޅިއާއި ގުޅިގެން ކުރިއެވެ. އެމީހުންގެ ބަޔާނުގައި ބުނާގޮތުން މީގެ 35 އަހަރު ފަހުން ފްރާންސަކީ އިސްލާމިކް ސްޓޭޓަކަށް ވާނެ ތަނެކެވެ. ސަބަބަކީތޯއެވެ؟ ފައްޅީގެ އަހުލުވެރިން ބަޔާން ކުރާގޮތުގައި އިސްލާމުންގެ އުފަންވާ ރޭޓް މާގިނައީއެވެ. މިއަހަރު އެނަކިވެސް ވިހެއި ނިސްބަތުގެ %50 އަކީ އިސްލާމުންގެ ދަރިންނެވެ. އަދި ބެލްޖިއަމް 35 އަހަރު ފަހުން އިސްލާމިކް ސްޓޭޓަކަށް ވާނެއެވެ.

ޖަރުމަނުން ފުރަތަމަ ފަހަރަށް އެމީހުންގެ ދަރިންގެ އުފަންވާ ރޭޓްވަނީ ބަޔާންކޮށްފައެވެ. އެމީހުން ބުނެފައިވަނީ އިސްލާމުންގެ ބާރތް ރޭޓަކީ 8.01 ކަމުގައެވެ. އަދި އެހެން ދީން ތަކުގެ މީހުންގެ ނިސްބަތަކީ މީގެ އިދިކޮޅެވެ. އެއީ 1.08 އެވެ. ޖަރުމަނުން ލަފާ ކުރާ ގޮތުގައި ބަރާބަރު 50 އަހަރު ފަހުން އެމީހުންނަކީވެސް އިސްލާމުންގެ އަޣްލަބިއްޔަތު ގިނަ އެހެން ދީންތަކުގެ މައިނޯރިޓީގެ ޤައުމަކަށް ވާނެއެވެ. އިނގިރޭސިންވެސް ހަމަ މިހެންނެވެ. އަދި އެމެރިކާވެސް 54 އަހަރުގެ މުއްދަތުގައި މި ބަދަލު އަންނާނޭ ކަމުގައި ފައްޅިން ހާމަ ކޮށްފައިވެއެވެ. އެމީހުން އިތުރަށް އިންޒާރުކޮށް ބުނެފައިވާ ޢިބާރާތުގެ ދިވެހި ތަރުޖަމާ ލިޔެލާނަމެވެ." ޔޫރަޕްގައި އަހަރެމެން މިހެން ނިދާފައި ތިއްބާ އެއްވެސް ހަތިޔާރަކާ ނުލާ އިސްލާމުން މިތަނަށް އިސާހިތަކު 50 އަހަރު ތެރޭގައި ގަދަވާނެއެވެ. މިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބަނގުރަލާއި މަސްތުވުމާއި އަދި ރޭގަނޑު ހޭލާ ތިބުމުގެ ސަބަބުންނާއި މަސައްކަތުގެ ލޯޑުގެ ސަބަބުން މުސްލިމުން ނޫން އެންމެންގެ ދަރިމައިވުން ވަނީ 0.28 ނިސްބަތުން ދަށަށް ގޮއްސައެވެ. މިއީ ޖީލެއް ހިފިހެއްޓޭނޭ ވަރަށް ވުރެ މާ ބޮޑަށް ދަށް އަދަދެކެވެ."

އަޅު ދަންނަވަން ހެއްޔެވެ؟  ބަޔަކު ބިރުގަތަސް އަޅުގަނޑުމެން  ހާހެއް ނުވެއެވެ. ކާފަރުންނާއި ޔަހޫދީން ކޮންމެ ފަދަ ކަމެއް ކުރިއަސް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ  ގ ޑިއުޓީ އަދާ ކުރުމެވެ. އަޅުގަނޑުމެންނަށް އޮތީ އަހަރެމެންގެ އެކައުންޓް ރަނގަޅު ކުރުމަށް ވާޖިބު އަދާ ކުރުމެވެ. ދީން މަތިވެރި ކުރައްވަނީ ﷲ އެވެ. ދެން ކޮން ބިރެއް ހެއްޔެެވެ؟ އެއީ އެކަނލާގެ ވަޢްދުފުޅެވެ. މިއީ ޝަހާދަތް ކިޔައިގެން ހުރި އީމާންތެރި މުއުމިނަކު ކަހާތަން ހިރުވާލާނެ ކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އިސްތައްޓެކޭވެސް ހިޔެއް ނުވާނެއެވެ. ﷲގެ ކިބްރިޔާވަންތަ ވެރިކަމާއެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ! ހިކްމަތުގެ މޮޅުކަމާއިއެވެ.! ﷲ އަކްބަރު! ﷲ އަކްބަރު! ﷲ އަކްބަރު!

ދުނިޔޭގެ އެންމެ ބޮޑު ޢަޖާބު ކަމުގައި އަޅުގަނޑު މި ސިފަކުރަނީ އެތައްބައިވަރު ސަބަބުތަކާއި ހުރެއެވެ. މީޑިއާ އޮތީ ކާފަރުންގެ އަތުގައި ކަމުން އެމީހުން މުސްލިމުންގެ ޢަދަދު އޮޅުވައިލަނީއެވެ. ރަނގަޅަށް ހިސާބު ކުރާށެވެ. އެންމެ މީހުންގިނަވާނީ އިސްލާމްދީނުގައެވެ.. ވިސްނާށެވެ! މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން މައްކާގެ ސަހަރާތަކަށް އުފަން މުޙައްމަދުގެ ފާނުގެ ގޮވާލެއްވުން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންތޯ ނުވަތަ ނޫންތޯ އަމިއްލައަށް ޖަވާބު ދޭށެވެ! ހިތާ ހިތާ ސުވާލު ކުރާށެވެ! މިއީ އަޅެފަހެ ކޮން ސިސްޓަމެއް ހެއްޔެވެ؟ ކާކު ކުރާކަމެއް ހެއްޔެވެ؟ އިންސާނަކު މިކަން ކުރާނަމަ މިހާރު އަފްޣާނިސްތާނާއި ފަލަސްތީނާއި އިރާޤްކަރައިން އަދި މި ދިވެހިރާއްޖެއިން މި ދީން ފުހެވި ދިޔަތާ ކޮންޒަމާނެއް ހެއްޔެވެ؟ މިއީ ﷲގެ ނިޔާއެވެ. އެކަނލާގެ ނިޔާ ބަދަލު ކުރާނޭ އެއްވެސް ފަރާތެއް ނުވެއެވެ. ކާފަރުން ކިތަންމެ ނުރުހިފައި ރުޅިއަޔަސް ﷲ އެކަނލާގެ މި ދީން މަތިވެރިކުރައްވާ މި ދީން ފަތުރުއްވަވާނެއެވެ. މަތީގައިވާ ފޮޓޯއަކީ މަޝްހޫރު ނޫހެއްގައި ސީއައި އޭއިން ކޮށްފައިވާ ސިއްރު ރިޕޯޓެއް ޝާޢިއުކޮށްފައިވާ ތަން ދައްކުވައިދޭ ފޮޓޯއެކެވެ. އެ ނޫހުގައި ސީއައިއޭ އާއި ޙަވާލާދީ ބުނެފައިވެއެވެ. ކިތަންމެ ހަނގުރާމައެއް ކުރިއަސް 20 އަހަރު ފަހުން އިޒްރޭލުގެ ޔަހޫދީންގެ މައްޗަށް ފަލަސްތީނުގެ އިސްލާމުން ގަދަވެގަންނާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. އަފްޣާނިސްތާނުން މީގެ ފެށުން އެ ފެންނަނީއެވެ. އެމީހުން ގަދަވެގެން ދެން ފައިބާނީ އެ މައިދާނަށެވެ.. ﷲ އަކްބަރު! ﷲ އަކްބަރު! ﷲ އަކްބަރު! ﷲ އަކްބަރު!

ކަލޭމެންނަށް އަހުރެން ހަދާންކޮށްދެމެވެ! ފަހެ މާތް ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ފަހުންވާނެ ބޮޑެތި ކަންކަމާއި ބެހޭގޮތުން އިންޒާރު ނުކުރައްވާ ހެއްޔެވެ؟ ކުރެއްވިއެވެ. މާތްވެގެންވާ ޙަދީޘް ފޮތްތައް ކިޔައިބަލާށެވެ. އެކަލޭގެ ފާނު ޙަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަ އަނެއްކާވެސް ތަކުރާރު ކޮށްލާނަމެވެ." ފަހު ޒަމާނުގައި ޚުރާސާނުން އިސްލާމުންގެ ލަޝްކަރެއް ﷲ ގެ ދީން މަތިވެރި ކުރުމަށްޓަކައި ނިކުންނާނެއެވެ. ފަހެ އެމީހުން ބަލިކޮށްލާނޭ އެއްވެސް ބަޔަކު މި ބިންމައްޗަކު ނުތިބޭނެއެވެ." މިއީ އެ ޙަދީޡުން އެއްބަޔެވެ. ތިޔަ ބޭކަލުންނަށް އެނގޭ ހެއްޔެވެ؟ އަސްލު ޚުރާސާން ފެށެނީ އަފްޣާނިސްތާނާއި ޕާކިސްތާނުން އެއްބަޔާއި އީރާނުންގެ ބަޔަކާ އެކުގައެވެ. ނަމަވެސް ޚުރާސާނުގެ ނަމުން ނަން ދެވިފައިވާ ބައި މިހާރު އޮތީ އީރާނުގެ ތެރޭގައެވެ. މިހާރު ހިނގަމުން މިދާ ހަނގުރާމަ ތަކުގައި ކަންވެގެންދާނެ ގޮތާއި މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ. މުސްލިމުންނަކީ ބައި މަދުކޮށް ގަދަވެފައިވާ ބަޔެއްކަން މުޅި ތާރީޚް ހެކިދޭނެއެވެ. އެހެނީ އެމީހުންނަށް ނަސްރު ދިނުމަށް ޓަކައި ޖައްބާރު ވަންތަ އިލާހު އުޑުން މަލާއިކަތުން ބާވާލައްވަތެވެ. މިއީ ކޮންމެ ހަނގުރާމައަކު މިކަންވާނޭ ގޮތެވެ. ދެން ލަހެއް ނެތެވެ. ދިވެހިރާއްޖޭގައިވެސް އިސްލާމް ދީނާއި އިދިކޮޅަށް ނިކުތް ކޮންމެ މީހަކު ﷲ ފަޞީޙަތް ކުރައްވާ ނިކަމެތި ކުރައްވާނެއެވެ. ހަތްއުޑުގެ މަތިން އިންސާނަކު ނިކަމެތިކޮށްފިނަމަ ދެން އޭނާއަށް މަދަދުގާރަކު ނުވާނެއެވެ. އޭނާގެ ދެ ދުނިޔެ ގެއްލޭނެއެވެ. އުފާކުރާށެވެ. އިސްލާމުންގެ ގޮތުގައި ހަމަޖެހިގެން ﷲއަށް ކިޔަމަންތެރިވެ ﷲގެ ދީނަށް އިޚްލާސްތެރިވާށެވެ. ކާމިޔާބު އޮތީ ދާދި ކައިރީގައެވެ.

ސްޕޭނުގެ އަންދަލުސްގެ ފަތަހައިގެ ވާހަކައަކީ މަޝްހޫރު ވާޤިއާއެކެވެ. އެންމެ ދިހަހާސް މީހުންގޮސް އެއްލައްކަ މީހުން ތަޅާ ތިރިކޮށް އިސްލާމުން ސްޕޭން ހިފީ އެމީހުން ދީނަށް އިޚްލާސް ތެރިވީމައެވެ. މިއަދުވެސް އެ ﷲ އެއީ ހަމަ ﷲ އެވެ. މާތް ނަބިއްޔާއާއި ސަހާބީންނަށް ނަސްރުދެއްވީ ވަކިއިތުރު ފަރާތެއް ނޫނެވެ. ބާވައިލެއްވި ފޮތް އެއީ ހަމަ އެފޮތެވެ. އެކަން އަހަރެމެންނަށް އެގެންވީއެވެ. އީމާން ވާންވީއެވެ. އެހިސާބުން ﷲގެ މަދަދު ބާވާލައްވާނެއެވެ. ރޯމަނުންގެ ދުވަސްވަރު މިސްރުގެ އެއްމިލިޔަން ކާފަރުންނާއި ހަނގުރާމަ ކުރުމަށް ޢުމަރުގެފާނު ފޮނުއްވީ އެންމެ 4 ހާސް ސިފައިންނެވެ. އެނހިދު މުސްލިމުންގެ ޖެނެރަލް ސިޓީ ލިޔުއްވާ އިތުރު މީހުން ދެއްވުމަށް ދެންނެވިއެވެ. ދެން އުމަރުގެ ފާނު އަނެއްކާވެސް 4 ހާސް މީހުން ފޮނުއްވިއެވެ. މިކަމާއި އަނެއްކާވެސް އިސްލާމުންގެ ޖެނެރަލް ޢުމަރު ޚަލީފާއަށް ސިޓީ ފޮނުއްވިއެވެ. ޖަވާބުގައި އެކަލޭގެ ފާނު ލިޔުއްވިއެވެ. ފަހުން ފޮނުވި މީހުންގެ ތެރޭގައި ހަތަރު މީހަކު ވާނެއެވެ. އެއިން ކޮންމެ މީހަކީ ހަތަރު ހާސް މީހުންނެވެ. އެމީހުން ފުދޭނެއެވެ. މުސްލިމުންގެ އީމާނާއި ﷲ ގެ މަދަދު ނިކަން ދެކޭށެވެ. އެއްމިލިޔަން ހަތިޔާރުއެޅި އިޓަލީގެ ރޯމަނުން 3މަސް ދުވަހުގެ ތެރޭގައި ތަޅާ ސުންނާފަތިކޮށް މުޅި މިސްރު ހިފީ އިސްލާމުންނެވެ. މި ދިވެހިންނަކީވެސް އެދީނަށް ނިސްބަތްވާ ހިތްވަރުގަދަ ދީނަށް ނަސްރު ދޭނޭ ބަޔެކެެވެ. ޝައްކެއް ނެތެވެ.
 އީމާނުގައި އެކަތަ އަޅާ ހަރުކުރަންވީއެވެ..އިސްވެދިޔަ ވާހަކަ ތަކުން އިސްލާމްދީނަކީ އަޖާބެއް ނޫން ދެން ކޮން އެއްޗެއްތޯއެވެ؟
އިންޒާރާއި އެކު ދަންނަވަމެވެ. ހިތުގައި ބަލިކަށިކަމެއް އުޅެންޏާ އަވަހަށް ދީނަށް އެނބުރި ރުޖޫޢަވާށެވެ. މިބައި ދަގަވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މިއަދާއި މާދަމާވެސް އޮތީ ހަމަ ހުސްމޮޅެވެ. ޢިއްޒަތެއް ހާސިލު ކުރަން ބޭނުންނަމަ ދީނަށް ޚިދްމަތް ކުރާށެވެ. އޭގެން ޢިއްޒަތް ލިބިގަންނާށެވެ. ދުނިވެސް ހެޔޮގޮތުގައި ލިބޭނީ އޭރުންނެވެ. ﷲ އަކްބަރު ! ﷲ އަކްބަރު ! ﷲ އަކްބަރު

ads

ދާއިރާ:

0 comments:

Post a Comment

 
here it is