Friday, September 28, 2012

ޖަނާޒާ ނަމާދު

އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައި ވަނީ، އެއްމުސްލިމަކު އަނެއް މުސްލިމު އަޚާއަށް ހެޔޮކޮށް ހިތުމަށެވެ. ތިމާގެ އަމިއްލަ ނަފްސައް ހެޔޮގޮތްވުމަށް އެދެވޭ ފަދައިން އަނެކާއަށްވެސް ހެޔޮގޮތްތަކަށް އެދުމަށެވެ. މިއީ ދިރިއުޅުމުގެ ކޮންމެކަމެއްގައިމެ ކަންކުރަން އަންގަވާފައިވާ ޢާންމު އުޞޫލެވެ. ހަމަ އެފަދައިން ތިމާގެ މުސްލިމު އަޚާއަށް އަދާކުރަންޖެހޭ ޚާއްޞަ ޙައްޤުތަކެއް ވާކަން ކިރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަސައްލަމަގެ ސުންނަތުން ޘާބިތުވެއެވެ. މުސްލިމު އަޚާ ދިރިދުނިޔޭގައި ވާހިނދުގައްޔާއި، ބަލިޙާލުގައި ވާހިނދުގައްޔާއި އަދި މަރުވުމުންވެސް އޭނާއަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ.
މިކަން ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއް މުސްލިމަކު އަނެއް މުސްލިމު އަޚާއަށް އަދާކުރަންޖެހޭ 6 ޙައްޤެއް ވެއެވެ. އެހިނދު ސުވާލުދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކޮން ޙައްޤުތަކެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. މުސްލިމަކާ ދިމާވެއްޖެނަމަ ސަލާމްގޮވާށެވެ! އަދި އޭނާ ތިބާއަށް ދަޢުވަތެއް ދީފިނަމަ އެ ދަޢުވަތަށް އިޖާބަދޭށެވެ! އަދި ތިބާގެ ފަރާތުން ނަޞީޙަތަކަށް އެދިއްޖެނަމަ ނަޞީޙަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން ﷲއަށް ޙަމްދުކޮށްފިނަމަ އޭނާއަށް ރަޙްމަތްލެއްވުން އެދި ދުޢާކުރާށެވެ. އަދި މުސްލިމު އަޚާ ބަލިވެއްޖެނަމަ އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ."


ކަށުނަމާދަކީ މުސްލިމަކު މަރުވުމުން އެމީހާއަށް ލިބިދޭންޖެހޭ ޙައްޤަކަށް ވުމުގެ އިތުރުން، އެނަމާދުގައި ބައިވެރިވާ ބަޔަކަށް ނުހަނު މަތިވެރި ދަރުމަޔާއި ޘަވާބު ލިއްބައިދޭނެ އަޅުކަމެއް ކަމުގައި ކިރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގިގެންދެއެވެ. އަބޫހުރައިރާ ރިވާކުރައްވާފައިވެއެވެ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( مَنْ شَهِدَ الْجَنَازَةَ حَتَّى يُصَلَّى عَلَيْهَا فَلَهُ قِيرَاطٌ ، وَمَنْ شَهِدَهَا حَتَّى تُدْفَنَ فَلَهُ قِيرَاطَانِ . قِيلَ : وَمَا الْقِيرَاطَانِ ؟ قَالَ : مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ ) رواه البخاري (1325) ومسلم (945) މާނައީ: "ޖަނާޒާއަކަށް ޙާޞިރުވެ، މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވެއްޖެ މީހާއަށް "قيراط" އެއްގެ މިންވަރަށް މާތް ﷲ ޘަވާބު ދެއްވާނެތެވެ. އަދި ހަމަ ނަމާދުން އަވަދިވުމަށްފަހު މައްޔިތާ ވަޅުލުމަށް ދާންދެން އެތަނުގައި ޙާޞިރުވެ ހުރެއްޖެނަމަ ދެ ޤީރާތުގެ މިންވަރަށް އެމީހަކަށް މާތްﷲ ޘްވާބު ދެއްވާނެތެވެ." އެހިނދު ސުވާލު ދެންނެވުނެވެ. ދެ ޤީރާތުގެ މިންވަރަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބޮޑު ދެ ފަދުބަދައިގެ މިންވަރަށެވެ."


ކަށުނަމާދުގައި ބައިވެރިވުމަކީ، މިފަދަ މަތިވެރި ދަރުމައާއި ޘަވާބުލިބޭ ފަދަ ކަމަކަށް ވާއިރު މިކަމުން ދުރުހެލިވުމަކީ އަމިއްލަ ނަފުސަށް ކުރެވޭ ވަރަށްބޮޑު އިހާނެތިކަމަކަށް ނޫނީ ނުވާނެއެވެ. މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުމުގެ އިތުރުން ވަޅުލުމަށްފަހު މައްޔިތާއަށް ފާފަފުއްސެވުމަށް އެދި ﷲގެ ޙަޞްރަތުގައި ދެންނެވުމާއި، މައްޔިތާގެ މައްޗަށް ހެޔޮދުޢާކޮށް، މައްޔިތާއަށް ކަށްވަޅުގައި ސުވާލުކުރެވޭ ހިނދު ސާބިތުކަން ދެއްވުން އެދި ދުޢާކުރުމަކީ ސުންނަތުން ސާބިތުވާ ކަންކަމެވެ.


ޖަނާޒާއަށް ގޮވައިލެވޭހިނދު ވިސްނައިލަމާތޯއެވެ. ކުރިމަތީގައި ބޭއްވިފައި އެވަނީ ހިނަވައި ކަފުންކުރެވިފައިވާ ތިބާފަދަ މުސްލިމު އަޚެކެވެ. އެއްވެސް އާރެއް ބާރެއް ނެތް ޙާލު މާތްﷲގެ ޙަޟްރަތަށް ގެންދެވިފައިވާ ފުރާނައެއްގެ މަސްގަނޑެވެ. ތެދެކެވެ. އެއީ ތިބާގެ ރައްޓެހި ރަޙުމަތްތެރިއަކަށް ނުވެދާނެއެވެ. ގާތްތިމާގެ މީހަކަށްވެސް ނުވެދާނެއެވެ. އެހެންނަމަވެސް އެއީ ތިބާފަދަ މުސްލިމެކެވެ. އޭނާ ދުނިޔެ ދޫކޮށް އެދަނީ ކޮންފަދަ ފަތަކާއިގެން ކަމެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. ﷲގެ ރުއްސެވުން ލިބެނިވި ގޮތަށް އޭނާއަށް މި ބިންމަތީގައި ކުރެވިފައިވަނީ ކިހާ ޢަމަލެއްކަމެއް ނޭނގެއެވެ. އެ އަޚާއަށް އޯގާތެރިނުވެ ފަސްދީ ދަނީތޯއެވެ؟ މަރަކީ ކޮންމެ މީހަކާވެސް ކުރިމަތިވާނެ ކަމެކެވެ. ކޮންމެވެސް ދުވަހަކުން ތިބާއަކީވެސް މަރުވާނެ މީހެކެވެ. އެދުވަހުން ތިބާގެ ކަށުނަމާދަށް ގޮވައިލެވޭހިނދު، ތިބާގެ ފުރާނަނެތް މަސްގަނޑަށް ފަސްދީ އެއްވެސް މުސްލިމަކު ދާން ތިބާ ބޭނުންވާނެތޯއެވެ؟


އިމާމު މުސްލިމު ރިވާކުރެއްވި ހަދިޘްފުޅެއްގެ މާނައިގައިވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މާތްﷲ އަށް ޝިރުކުނުކުރާ ސާޅީސް ފިރިހެނުން އެ މައްޔިތެއްގެ މައްޗަށް ކަށުނަމާދުކޮށްފިނަމަ އެމީހަކަށް މާތްﷲ ޝަފާޢަތްތެރިވެ ވޮޑިގެންނުވާ މައްޔިތަކު ނުވާނެއެވެ." ވިސްނައިލަމާތޯއެވެ! އެފަދަ ޝަފާޢަތްތެރިކަމަށް ބޭނުން ނުވާނެ މީހަކު ހުންނާނެތޯއެވެ؟

އެހެންކަމުން ތިބާއަކީ ކަށުނަމާދަށް ފުރަގަސްދީ ދާ މީހަކަށް ވުމުގެ ބަދަލުގައި ވީވަރަކުން ކަށުނަމާދުގައި ބައިވެރިވާ މީހަކަށް ވަމާތޯއެވެ. ތިބާގެ މުސްލިމު އަޚާ މަރުވުމަށްފަހު ތިބާގެ މައްޗައްވާ އޭނާގެ މިޙައްޤު އަދާކުރާ މީހަކަށް ވަމާތޯއެވެ. ތިބާގެ ނަފްސަށް ހެޔޮއެދޭ ފަދައިން އަނެއް މުސްލިމު އަޚާއަށް ހެޔޮއެދޭ މީހަކަށް ވަމާތޯއެވެ. އެއީ އެ އަޚާ މިދުނިޔެ ދޫކޮށްފައިދާއިރު ތިބާއަށް ކޮށްދެވޭނެ އެންމެ ފަހުގެ ކަންތަކެވެ. އެކަމުގެ އަގު އެ އަޚާއަށް ވަރަށް ބޮޑުވާނެކަން ކަށަވަރެވެ.
 
ޖަނާޒާ ނަމާދުގައި އެކުލެވިގެންވަނީ 4 ތަކުބީރެވެ.
* ފުރަތަމަ ތަކުބީރަށް ފަހު ކިޔާނީ ފާތިހާ ސޫރަތެވެ. އެއީ الحمد އެވެ. ދެން ކިޔާނީ ކުރު ސޫރަތެކެވެ.

* ދެވަނަ ތަކުބީރުގައި رسول صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ލެއްވުމަށް އެދި ދުއާ ކުރާނީއެވެ.
ދުލުން ( މަޑުމަޑުން) ކިޔާނީ اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إنك حميد مجيد , اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد
ނުވަތަ اللهم صلِّ على محمد މިފަދައިން ކިޔާނީ އެވެ.

* ތިންވަނަ ތަކުބީރަށް ފަހު މައްޔިތާގެ މައްޗަށް ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާނީއެވެ.
ދުލުން ( މަޑުމަޑުން) ކިޔާނީ
اللهم اغفر له وارحمه ، وعافه واعفُ عنه ، ونقه من الخطايا كما ينقى الثوب الأبيض من الدَنَس , وأبدله داراً خيراً من داره , وأهلاً خيراً من أهله , وزوجاً خيراً من زوجه ، وأدخله الجنة , وأعذه من عذاب القبر ومن عذاب النار.

* ހަތަރުވަނަ ތަކުބީރަށް ފަހު އެއްވެސް އެއްޗެއް ނުކިޔައި ސަލާމް ދޭނީ އެވެ.
 

ads

ދާއިރާ:

0 comments:

Post a Comment

 
here it is