Friday, September 14, 2012

ނޫޙުގެފާނުގެ ނާކޮޅު ފެނުނު އިރު....؟


ނޫޙުގެފާނުގެ ނާކޮޅު ބީހިހަމަޖެހުނުތަން
 

                      ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާލެއް ވަރަށް ފުރިހަމަ


ކީރިތި ޤުރްއާނަކީ ހުރިހާ ޢިލްމުތަކެއް ފަހަތަށް ޖަހާލައި ކުރި ހޯދާފައިވާ މުޢުޖިޒާތެކެވެ. މިފޮތުގައިވާ ކޮންމެ ސިފަކުރުމަކީ ވަރަށް ސާފު ވަރަށް ބަރާބަރު ސިފަ ކުރުމެކެވެ. އެހެނީ މިއީ ޙިކްމަތްވަންތަ އަރަހުށި މާތްﷲގެ ބާވައިލެއްވުމެކެވެ. އެފޮތާ ވާދަކުރާ ކޮންމެ މީހަކުވަނީ ބަލިވެ، އެކަމަށް އިޢުތިރާފު ވެފައެވެ.



ނުޙޫގެފާނުގެ ނާކޮޅާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ ވާހަކަތަކުން އެޤުރްއާނުގެ މަތިވެރިކަން ފާޅުވެގެން ދެއެވެ. އެންމެ މިޒަމާނުގެ ސައެންޓިފިކް ހޯދުންތަކުގެ އަލީގައި ކޮށްފައިވާ ދިރާސާތަކާއި، އާސާރީ ހޯދުންތައް ހޯދުމަށް މަސައްކަތްކުރާ ޓީމްތަކުގެ ހޯދުންތަކުން އެނގޭގޮތުގައި، ނޫޙުގެފާނުގެ ނާކޮޅު ބީހިހަމަޖެހިފައިވާތަން،  ކީރިތި ޤުރްއާނުގައި ސިފަކޮށްދީފައިވާ ގޮތް، ވަރަށް ފުރިހަމަކަން އެނގެއެވެ.


ނޫޙުގެފާނުގެ ނާކޮޅު
މާތްﷲގެ އަމުރުފުޅަށް، އަދި މާތްﷲ އެކަލޭގެފާނަށް އުނގަންނާ ދެއްވައިގެން ނޫޙުގެފާނު ބެންނެވި ނާކޮޅަކީ ލަކުޑިން ބެންނެވި ވަރަށްބޮޑު އޮޑިއެކެވެ. މިނާކޮޅު ބަންނާނެގޮތް ނޫޙުގެފާނަށް އުނގަންނާ ދެއްވީ މާތްﷲގެ އަމުރުފުޅަށް ޖިބްރީލުގެފާނުކަމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަފްސީރުން އެނގެއެވެ.

ނޫޙުގެފާނުގެ ވާހަކަ ތަވްރާތާއި އިންޖީލާއި ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގެ ނޫޙު ސޫރަތުގައި މިވާހަކަ ތަފްޞީލުކޮށް ދެއްވާފައި ވެއެވެ. މި ސޫރަތުގެ އިތުރަށް ޤުރްއާނުގެ އެތައް އެހެން އާޔަތް ތަކެއްގައިވެސް އެކަލޭގެފާނުގެ ވާހަކަ އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގައި ނޫޙުގެފާނުގެ ނަންފުޅު 33 ފަހަރު ވާރިދުވެފައިވެއެވެ. މިއާޔަތްތަކުގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވިގޮތާއި، އެމީހުން އެކަލޭގެފާނު ދޮގުކުރިގޮތާއި، އެމީހުންގެ ދޮގުކުރުމަށާއި ދުއްތުރާތަކަށް، އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންނެވިގޮތް، ބަޔާން ކޮށްދެއްވާފައި ވެއެވެ.
 
 ކީރިތި ޤުރްއާން ބުނާފަދައިން އެކަލޭގެފާނު 950 އަހަރު ، މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ދެމިހުންނެވިއެވެ. އަދި އެކަލޭގެފާނު އެއްހާސް އެތައް އަހަރަކު ދުނިޔޭގައި އުޅުއްވިއެވެ. މިޒަމާނުގެ ސައެންސް ކަށަވަރުކޮށްދޭ ގޮތުގައި ކުރީ ޒަމާނުގެ އިންސާނުންގެ ޢުމްރު މާދިގުވެފައި އިސްކޮޅުވެސް މާދިގެވެ.

ނޫޙުގެފާނުގެ ވާހަކަޔާބެހޭ ބައެއް އާޔަތްތައް

1.    فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ    العنكبوت: ١٥- ފަހެ ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި ނާކޮޅުގެ އަހްލުވެރިން ސަލާމަތް ކުރެއްވީމެވެ. އަދި އެއީ ޢާލަމުތަކަށްވާ ޢިބްރަތެއް ކަމުގައި ތިމަން ރަސްކަލާގެ ލެއްވީމެވެ.

2.    فَكَذَّبُوهُ فَأَنجَيْنَاهُ وَالَّذِينَ مَعَهُ فِي الْفُلْكِ وَأَغْرَقْنَا الَّذِينَ كَذَّبُواْ بِآيَاتِنَا إِنَّهُمْ كَانُواْ قَوْمًا عَمِينَ الأعراف: ٦٤ – ފަހެ އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ޣަރަޤު ކުރެއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ، ޙައްޤުގެ މަގު ނުފެންނަ ކަނު ބަޔަކު ކަމުގައެވެ.

3.    فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلائِفَ وَأَغْرَقْنَا الَّذِينَ كَذَّبُواْ بِآيَاتِنَا فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ يونس: ٧٣ ފަހެ އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން ބިމުގައި އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމުއެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ޣަރަޤު ކުރެއްވީމެވެ. ފަހެ އިންޒާރު ކުރެއްވި މީހުންގެ ނިމުންހުރީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާނެއެވެ.

4.    وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلاَ تُخَاطِبْنِي فِي الَّذِينَ ظَلَمُواْ إِنَّهُم مُّغْرَقُونَ هود: ٣٧ – އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން އަދި ތިމަންރަސްކަލާނގެ ވަޙީއާއެކު ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ. އަދި އަނިޔާވެރިވި މީހުންނާ މެދުގައި ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ. ހަމަކަށަވަރުން އެއުރެންނީ ޣަރަޤު ކުރައްވާނޭ ބަޔެކެވެ.

5.    وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلأٌ مِّن قَوْمِهِ سَخِرُواْ مِنْهُ قَالَ إِن تَسْخَرُواْ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ هود: ٣٨- އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލައިފާ ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތް ކުރެއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. ތިޔަބައިމީހުން ތިމަންމެނަށް މަލާމާތް ކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތްކުރާ ނަމެވެ.

6.    فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ فَاسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلاَّ مَن سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ وَلا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُم مُّغْرَقُونَ المؤمنون: ٢٧- ފަހެ ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި ތިމަން ރަސްކަލނާގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ. ފަހެ، ތިމަން ރަސްކަލނާގެ ޢަޛާބުގެ އަމުރުފުޅު އައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފި ހިނދު، ފަހެ އެހިނދު ކޮންމެ އެއްޗަކުން އަންހެން ފިރިހެން ޖޯޑަކާއި އެއުރެންގެ ތެރެއިން ހަލާކުވުމުގެ އަމުރުފުޅު އިސްވެ ހިނގައްޖެ މީހަކު މެނުވީ، ކަލޭގެފާނުގެ އަހްލުވެރިން އެނާކޮޅަށް ލައްވާށެވެ. އަދި އަނިޔާވެރިވީ މީހުންނާ މެދު ތިމަން ރަސްކަލނާގެ ޙަޟްރަތަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ. ހަމަކަށަވަރުން އެއުރެންނީ ޣަރަޤު ކުރައްވާނޭ މީހުންނެވެ.

7.    فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ المؤمنون: ٢٨- ފަހެ ކަލޭގެފާނާއި ކަލޭގެފާނުގެ އަރިހުގައިވާ ބަޔަކު ނާކޮޅަށްއަރައި އޭގައި ހަމަޖެހޭހިނދު، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ﷲއަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ، އަނިޔާވެރިވީ މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ.

8.    فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ الشعراء: ١١٩- ފަހެ ބަރާވެވިފައިވާ ނާކޮޅުގައި ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ.

9.    فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ العنكبوت: ٦٥- ފަހެ އެއުރެން ނަވަށްއެރި ހިނދު އެކަލނާގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި ﷲއަށް އެއުރެން ދުޢާކުރެތެވެ. ފަހެ، އެކަލާނގެ އެއުރެން ސަލާމަތްކުރައްވައި އެއްގަމަށް ގެންނެވިހިނދު އެއުރެން އެކަލާނގެއަށް ޝަރީކު ކުރެތެވެ.

10.     وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ يس: ٤١- އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން ބަރާވެގެންވާ ނަވުގައި ތިމަން ރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައި ދެއްވިކަމެވެ.

އިސްވެ ބަޔާންކުރެވުނު އާޔަތްތަކުންނާއި އަދި އެހެންއެތައް އާޔަތްތަކަކުން ޠޫފާނަށް ތައްޔާރުވެ ވަޑައިގަތުމަށްޓަކައި ނާކޮޅު ބެންނެވުމަށް ނޫޙުގެފާނަށް މާތްﷲ އަމުރު ކުރެއްވިކަން އެނގެއވެ. އަދި މިނާކޮޅު ބެންނެވީ މާތްﷲ އުނގަންނާ ދެއްވި ގޮތަށެވެ. އަދި މިއާޔަތްތަކުން މި ނާކޮޅުވަނީ ބަރާކުރެވިގެންކަން އެނގެއެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ހޭދަކުރެއްވި ކަންވެސް ޤުރްއާނުން އެނގެއެވެ. 
 
މާތްﷲ ވަޙީކުރައްވަނީ وَلَقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلاَّ خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ    العنكبوت: ١٤ –ހަމަކަށަވަރުން ތިމަންރަސްކަލނާގެ ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލު ކަމާއިގެން ފޮނުއްވީމެވެ. ނޫޙުގެފާނަށް ނާކޮޅު ބެންނެވުމަށް މާތްﷲ އެންގެވީ އެކަލޭގެފާނަށް އީމާންނުވާ މީހުން ޠޫފާނުގެ ސަބަބުން ހަލާކު ކުރައްވާނެކަން އަންގަވާފައި ވާތީއެވެ.

ނޫޙުގެފާނު އުޅުއްވިޒަމާނަކީ އިންސާނީ ތާރީޚުގެ ވަރަށްކުރީކޮޅެވެ. އެކަލޭގެފާނު ނާކޮޅު ބެންނެވުމަށް ބޭނުންކުރެއްވި މޭސްތިރިކަމަކީ މާތްﷲ އެކަލޭގެފާނަށް އުނގަންނާދެއްވި ކަމެކެވެ. އެކަލޭގެފާނު މިގެންނެވި މޭސްތިރިކަމާއި ވަޑާންކުރުމުގެ ހުނަރުތަކުގެ ސަބަބުން އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްތެރިކަން ވަރަށްބޮޑަށް ކުރިއަރިގެން ދިޔަކަމަށް ތާރީޚު ބުނެއެވެ. ނޫޙުގެފާނަށްފަހު ތާރީޚު ދުށް ޒަމާނުގައި މި މަސައްކަތް ވަރަށް ބާރަށް ތަރައްޤީވެފައި ވެއެވެ.

ނޫޙުގެފާނު ދީނަށް ގޮވައިލެއްވުމުގައި ހޭދަކުރެއްވި 950 އަހަރުގެ ތެރޭގައި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ތަވްޙީދުގެ މަގު ދެއްކެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އުޅުއްވިކަމަށް ބުނެވެނީ ޤަދީމީ ޢިރާޤުގައެވެ. އެބައިމީހުން އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ހުރަސްއަޅައި މަލާމާތް ކުރިއެވެ.
 
 މާތްﷲ ވަޙީކުރައްވަނީ قَالُواْ يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ هود: ٣٢- އެއުރެން ދެންނެވޫއެވެ. އޭ ނޫޙުގެފާނެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެންނާ ޖަދަލު ކުރައްވައިފީމުއެވެ. އަދި ތިމަންމެނާ ޖަދަލު ކުރެއްވުން ގިނަކުރައްވައި ފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ ތިމަންމެންނަށް ތިޔަ ވަޢުދު ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ. ނަމަވެސް ނޫޙުގެފާނު ކެތްތެރި ކަމާއެކު ދީނަށް ގޮވައިލެއްވުމުގައި ކުރިއަށް ވަޑައިގަތެވެ. އެންމެފަހުން އެމީހުން އީމާންވެދާނެ ކަމަށް އުއްމީދު ނުކުރެއްވުމަށް މާތްﷲ އެންގެވިއެވެ.
 
 وَأُوحِيَ إِلَى نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلاَّ مَن قَدْ آمَنَ فَلاَ تَبْتَئِسْ بِمَا كَانُواْ يَفْعَلُونَ هود: ٣٦- އަދި ނޫޙުގެފާނަށް ވަޙީކުރެއްވެވިއެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން މިހާތަނަށް އީމާންވި މީހުން މެނުވީ އީމާނެއް ނުވާނެތެވެ. ފަހެ އެއުރެން ކޮށްއުޅޭ ކަންތަކާމެދު ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.] އެހިނދު ނޫޙުގެފާނު އެމީހުންގެ މައްޗަށް އެކަލޭގެފާނަށް ނަޞްރު ދެއްވުމަށް މާތްﷲ އަށް ދުޢާ ދެންނެވިއެވެ. كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ القمر: ٩- އެއުރެންގެ ކުރިން ނޫޙުގެފާނު ޤައުމުގެ މީހުންވެސް ދޮގުކުރޫއެވެ. ފަހެ އެއުރެން ތިމަންރަސްކަލާނގެ އަޅާ ދޮގުކުރޫއެވެ. އަދި އެއުރެން ބުނޫއެވެ. މޮޔައެކެވެ. އަދި އެއުރެން އެކަލޭގެފާނަށް ބިރު ދައްކައި ހެދިއެވެ. ފަހެ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް އެކަލޭގާފނު ދުޢާކުރައްވާ ވިދާޅުވިއެވެ. ހަމަކަށަވަރުން މިއަޅާވަނީ ދެރަކޮށްލާފައެވެ. ފަހެ މިއަޅާއަށް ނަޞްރު ދެއްވާނދޭވެ.]
 
 އެހިނދު މާތްﷲ އެލޭގެފާނަށް ނާކޮޅު ބެންނެވުމަށް އެންގިއެވެ. ޠޫފާނުގެ ސަބަބުން މުޅި އެސަރަޙައްދު ޣަރަޤުވެގެން ދާނެކަމުގެ ޚަބަރު މާތްﷲ ދެއްވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނާ ދަރިކަލުން ފިޔަވައި އެހެން އަހްލުންނާއި އެކަލޭގެފާނަށް އީމާންވި މީހުންނާއި ހުރިހާ މަޚްލޫޤާތުތަކުގެ ތެރެއިން ކޮންމެ ބާވަތަކުން ޖޯޑެއް އެނާކޮޅަށް ލެއްވުމަށް އެންގެވިއެވެ. އެކަލޭގެފާނު ނާކޮޅަށް އަރާވަޑައި ގަތުމުން އެވަރުގަދަ ޠޫފާން އައެވެ. މި ޠޫފާން އައިސްފައިވަނީ ޢިރާގުގެ ދެކޯރު (ފުރަތު ކޯރާއި ދިޖްލާ ކޯރު) ސަރަޙައްދަށާއި މިސަރަޙައްދުގެ ވަށައިގެންވާ ހިސާބުތަކެވެ. މިސަރަޙައްދުގައި ކުރެވުނު އާސާރީ އަދި ޖިޔޮލޮޖިކަލް ދިރާސާތައް ބުނާގޮތުގައި އެހިސާބުގެ މައްޓާއި ކިސަނޑުންއެހިސާބަށް ޤަދީމީ ޢިރާޤުގެ ސޫމަރުންގެ ޒަމާނުގައި ވަރުގަދަ ޠޫފާނެއް އައިސްފައިވާކަން އެނގެއެވެ.


ނާކޮޅުބީހުނުތަން

މާތްﷲ ނޫޙުގެފާނުގެ ޤައުމަށް ފޮނުއްވި ކޯފާގެ ޠޫފާނު ނިމުމުން އުޑުން ވެހެމުންދިޔަ ވާރޭއާއި ބިމުން އަރަމުންދިޔަ ފެންގަނޑު އެރުންހުއްޓި ޖޫދިއްޔު ފަރުބަދަމަތީ ނާކޮޅު ހަމަޖެހިލިއެވެ. އެހިނދު ނޫޙުގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވީ ބަޔަކު ފައިބާ އިންސާނިއްޔަތު އައުދަތުރެއް ފެށިއެވެ. 


މާތްﷲ ވަޙީކުރައްވަނީ قِيلَ يَا نُوحُ اهْبِطْ بِسَلامٍ مِّنَّا وَبَرَكَاتٍ عَلَيْكَ وَعَلَى أُمَمٍ مِّمَّن مَّعَكَ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ هود: ٤٨- އެންގެވިއެވެ. އޭ ނޫޙުގެފާނެވެ. ތިމަން ރަސްކަލނާގެ ޙަޟްރަތުން އަމާންކަމާއެކު އަދި ކަލޭގެފާނާއި ކަލޭގެފާނުގެ އަރިހުގައިވާމީހުންގެ ތެރެއިން އުފެދޭ އުއްމަތްތަކަށް ބަރަކާތާއެކު ނާކޮޅުން ފައިބާވަޑައިގަންނަވާށެވެ. އަދި އުއްމަތްތަކެއް ވެއެވެ. ތިމަން ރަސްކަލނާގެ އެ އުއްމަތްތަކަށް ދުނިޔޭގައި އުފަލާއި އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންނަށް ވޭންދެނިވި ޢަޛާބެއް އައިސް ޖެހޭނެތެވެ." 


މިވާހަކަތައް ސަމާވީ އެހެން ފޮތްތަކުގައިވެސް އައިސްފައިވެއެވެ. ނަމަވެސް އެފޮތްތަކުގައި އައިސްފައިވާ ވާހަކަތަކަށްވުރެ ކީރިތި ޤުރްއާނުގެ ވާހަކަތައް ސާފުވެފައި ފުރިހަމައެވެ. މިސާލަކަށް އޯލްޑް ޓެސްޓަމެންޓް ބުނާގޮތުގައި ނޫޙުގެފާނުގެ ނާކޮޅު ބީހި ހަމަޖެހުނީ އަނާޟޫލުގެ އިރުމަތީގައި ހުންނަ އަރާރާތު ފަރުބަދަ މައްޗަށެވެ. އަރާރާތު ފަރުބަދަހުންނަނީ ތުރުކީ ވިލާތުގެ ސަރަޙައްދު ތެރޭގައި އަރްމަނުން އުޅޭ ސަރަޙައްދު ތެރޭގައެވެ. 


ނަމަވެސް ކީރިތި ޤުރްއާން ބުނާގޮތުގައި ނުޙޫގެފާނުގެ ނާކޮޅު ބީހި ހަމަޖެހުނު ފަރުބަދައަކީ އަރާރާތު ފަރުބަދަ ކައިރީގައި ހުންނަ ޖޫދިއްޔު ފަރުބަދައެވެ. ކީރިތި ޤުރްއާނު ބުނާގޮތުގައި މި ނާކޮޅު މާތްﷲގެ މުޢުޖިޒާތެއްގެ ގޮތުގައި ދެމިހުންނާނެއެވެ. ސައެންޓިފިކް ދިރާސާތުތައް ކުރާ ތަފާތު ޤައުމުތަކުގެ ޢިލްމީ ޓީމްތަކުން މިނާކޮޅު ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިޓީމްތަކުގައި ހިމެނެނީ ކްރިސްޓިއަނުންނެވެ. އެމީހުން ފުރަތަމަ ބެލީ މިނާކޮޅު އަރާރާތު ފަރުބަދަމަތިން ފެނޭތޯއެވެ. ނަމަވެސް އެމީހުން ޙައިރާންވެގެން ދިޔަ އެއްކަމަކީ އެ ނާކޮޅު އެތަނުގެމަތިން ފެނުނު ފަރުބަދައަކީ ޖޫދިއްޔު ފަރުބަދަ ކަމުގައި ވީކަމެވެ.


ކުރިންވެސް ދެންނެވި ފަދައިން ނޫޙުގެފާނު ނާކޮޅު ބެންނެވީ މާތްﷲ އުނގަންނާދެއްވި ގޮތަށެވެ. ތަފްސީރު ފޮތްފޮތް ބުނާގޮތުގައި މިނާކޮޅު ބެންނެވުމަށްޓަކައި ސަތޭކަ އަހަރު ވަންދެން ގަސް ހައްދަވާ ގަސްކަނޑުއްވާ ގަހުގެ ލަކުޑިތައް ހިއްކެވުމުގައި ހޭދަކުރެއްވިއެވެ. އަދި މިނާކޮޅު ބެންނެވުނީ ސަތޭކަ އަހަރުންނެވެ.  އަލްއަޚްފަޝްއާއި އަލްކިސާއީ ވިދާޅުވާ ގޮތުގައި ނޫޙުގެފާނު ނާކޮޅު ބަންނަވަން ފެއްޓެވުމުން އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތްކުރަން ފެށިއެވެ. އެމީހުން އެކަލޭގެފާނަށް މަލާމާތްކުރި އެއް ސަބަބަކީ އެކަލޭގެފާނު ނާކޮޅު ރަށުގެ އެތެރޭގައި ބަންނަވަމުން ގެންދެވީތީއެވެ. 


އެމީހުން އެކަލޭގެފާނަށް މަލާމާތް ކުރަމުން ދެންނެވިއެވެ. އޭ ނޫޙެވެ! ނަބީކަން ދޫކޮށްލައިފާ މިހާރު ވަޑިއަކަށްވީ ހެއްޔެވެ؟ އެމީހުންނަށް މީގެކުރިން މީހަކު އޮޑިއެއް ބަންނަތަން ފެނިފައެއް ނުވެއެވެ. އެމީހުން ބުންޏެވެ. އޭ ނޫޙު! ތިޔަކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނޫޙުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. މި ހަދަނީ ފެންމަތީ ދުވާނެ ގެއެކެވެ. ނޫޙުގެފާނު ވިދާޅުވިއެވެ. މިއަދު މިއޮޑި ބަންނާތީ މަލާމާތް ކުރާގޮތަށް މާދަމާ ކަލޭމެން ޣަރަޤުވާތީ މަލާމާތް ކުރާނަމެވެ.

އަސާރީ ހޯދުންތައް ހޯދުމަށް މަސައްކަތްކުރި ޓީމްތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ނޫޙުގެފާނުގެ ނާކޮޅު ބީހި ހަމަޖެހިފައިވަނީ ތުރުކީގެ ފަރުބަދައެއް ކަމުގައިވާ ޖޫދިއްޔު ފަރުބަދަ މަތީގައެވެ. އެނާކޮޅު ބީހި ހަމަޖެހިފައިވާ ގޮތުގެ އަސަރު މިހާރުވެސް އެފަރުބަދަ މަތީގައި އެބަހުއްޓެވެ.


މައްކާއާ ނުވަތަ މަދީނާއާ މިނާކޮޅު ބީހި ހަމަޖެހިފައިވާ ފަރުބަދައާ ދެމެދުގައި އެތައްހާސްކިލޯމީޓަރެއްގެ ދުރުމިންވެއެވެ. އަދި މައްކާއާ ނުވަތަ މަދީނާއާ މިނާކޮޅު ބީހި ހަމަޖެހިފައިވާ ފަރުބަދައިގެ އުސްމިނުގެ ތަފާތުކަންވެސް ތަޞައްވުރު ކުރައްވާށެވެ. ކީރިތި ރަސޫލާގެޒަމާނުގެ ގިނަބަޔަކަށް ނޫޙުގެފާނު ވާހަކައެއް ނުވެސް އެނގޭނެއެވެ. ވީމާ، رسول الله صلى الله عليه وسلم އަށް،  މިނާކޮޅު ބީހި ހަމަޖެހިފައިވާ ތަން އެނގިވޑައިގަތީ ކިހިނަކުންތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި، އެއީ،  މާތްﷲގެ ސީދާ ވަޙީބަސްފުޅުން އެނގިވަޑައިގެން ކަމެކެވެ.

މި ޙަގީޤަތް ދުނިޔޭގެ މީހުންނަށް އެނގިފައި މިވަނީ ކީރިތި ޤުރްއާން ބާވައިލެއްވިތާ  1300 އަހަރު ވީ ފަހުންނެވެ. މިޒަމާނުގެ މީހުންނަށް މި ޙަޤީޤަތް އެނގުނީ ރިމޯޓް ސެންސިންގާއި، ޖޯގްރަފީ މަޢުލޫމާތުގެ ނިޒާމުތަކާއި، ޖީޕީއެސް ނިޒާމާއި، އިންފްރާ ރެޑް ދޯއްޖާއި، މެގްނެޓިކް ރިސޮނެންސް ފަދަ، ޢިލްމީ ޓެކްނޮލޮޖީގެ ސަބަބުންނެވެ. ރަސޫލުﷲގެފާނަކީ މިއިން އެއްވެސް އެއްޗެއް އެނގިވަޑައިގެންފައިވާ ބޭކަލެއްނޫނެވެ. ވީމާ އެކަލޭގެފާނުގެ ބަސްފުޅުތައް ޤަބޫލުކުރުމާ އިންކާރުކުރާނީ ކިހިނެއްތޯއެވެ.






އިބްރާހީމް ރަޝީދު މޫސާ

ads

ދާއިރާ:

0 comments:

Post a Comment

 
here it is