2012 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ތޮއްޑޫގައި ފާހަގަ ކުރުމަށް ތޮއްޑޫގެ ޒުވާނުންގެ ފަރާތުން ރަޢީސް މުހައްމަދު ނަޝީދު އަރިހުން އެދެފިއެވެ. މިކަމަށް އެދިލެއްވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ނ.ކެނދިކޮޅުދޫގައި ފާހަގަ ކުރުމަށް ފަހު އޮކްޓޯބަރ 17 ވަނަ ދުވަހު އެމަނިކުފާނު ތޮއްޑުއަށް ވަޑައިގަތުމުންނެވެ. ތޮއްޑޫ ސޯސަންކުލަބުގައި ޒުވާނުންނާ ބޭއްވި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން 2012 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ތޮއްޑޫގައި ފާހަގަ ކޮށްދިނުމަށް އެދުމުން ރައީސްވަނީ އެކަން ކޮށްދެއްވާނެ ކަމުގެ ފެހިސިގުނަލްވެސް ދެއްވާފައެވެ. އަދި މާލެ ދެވުނުހާ އަވަހަކަށް ދަނޑުވެރިކަމުގެ ވުޒާރާގެ މިނިސްޓަރާ މަޝްވަރާ ކުރުމަށްފަހު ޖަވާބެއްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތޮއްޑޫ އަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު އިންސައްތަ ހިއްސާ ކުރާ ރަށެވެ. މިގޮތުން ދަނޑުވެރިކަމުގެ އެތައް ބައިވަރު ވައްތަރު ތަކެއް ތޮއްޑޫގައި އުފައްދައެވެ. މީގެ ތެރޭގައި ކަރާ،ކިޔުކަމްބާ،ފަޅޯ،މިރުސް،ޗައިނީސްކެބެޖު،ރެޑިޝް،ތޮރާ،ފާގަ،ޗިޗަންޑާ،ބަށި އަދި ލެޓިއުސް ފަދަ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ލެމަން ގްރާސް ، މޭބިސްކަދުރު ފަދަ ބާވަތްތައް މިއަދު ކާމިޔާބު ކަމާ އެކީ ތޮއްޑޫގެ ބިމުގާ ދަނީ ހައްދަމުންނެވެ.
ދަނޑުވެރިންގެ ދުވަސް ތޮއްޑޫގައި ފާހަގަކުރުމަށް ތޮއްޑޫގެ ގިނަ މުއައްސަސާ ތަކުން ދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގާ އެދެމުންނެވެ. މިގޮތުން ތޮއްޑޫ ސްޓާރޓް ޖަމިއްޔާ އިން ވަނީ ދަނޑުވެރިކަމުގެ ވުޒާރާގެ މިނިސްޓަރަށް ސިޓީ އެއްވެސް ފޮނުވާފައެވެ.
0 comments:
Post a Comment