Friday, October 28, 2011

ވަޅުލެވިފައިވާ ތޮއްޑޫގެ ތަރިކަ


މީގެ 800 އަހަރުކުރިން ރާއްޖެ އިސްލާމްވުމުގެ މާކުރިން ވެސް ތޮއްޑޫ ގައި މީހުން ދިރިއުޅެމުން އައިސްފައިވެއެވެ. މިކަމަށް ހެކިދޭ ދިރިހުރި ހެކިތައް ވެއެވެ. ތޮއްޑޫގެ ދާގަބާ (ބޮޑުގާފުނި) އެވެ. ތޮއްޑޫގެ އެކި ސަރަހައްދުތަކުގައި އެކިނަންނަމުގައި ހުރި ޒިޔާރަތް ތަކެވެ. ތޮއްޑޫ ދެކުނުފަރާތު  އަތިރި ކައިރީ ހުރި މަގާންފުޅެވެ. ތޮއްޑޫ ދާގަބާ އާ ދިމާ ބޭރުން ތޮށިމަތިން ކެނޑިފައިވާ ގަދީމީ ނެރެވެ. ދެބަފައި މަހާނައެވެ.ކުލަ ބަދަލުވާ ހިރުނދު ގަހެވެ. މާބަނޑު އަނހެނުންގެ ޒިޔާރަތާ ލެއްގިޒިޔާރަތެވެ. އަދި ރަށުގެ ވަށައިގެންކަހަލަ ގޮތަކަށް ވަޅުލެވިފައިވާ ގަބުރު ތަކެވެ. ރަށުގައިވާ ބާހުކުރު މިސްކިތެވެ. އަދިވެސް މިފަދަ އެތައް ތަނެކެވެ. ހާދިސާ އެކެވެ. ވާހަކަ ތަކެވެ. މަޢުލޫދު ހަރުގެ އަށް ކަނޑުންއެރިކަމަށް ބުނާ ބޭރިއެވެ. މާގާންފުޅުގައި އެލުވައިފައިވާ އުނދޯލި އަމިއްލައަށް ހެއްލޭ ވާހަކަ އެވެ. އެތަނުން ފެނުނު ކަނޑުފެއްތުނު ކަމަށް ބުނާ ސީދީ އެވެ. މަގާންފުޅަށް ކަންޖާ ދިއުމުން ފަޅުތެރެއަށް ކަނޑުމަސް ވަންނަވާހަކަ އެވެ. 

މިއީ މާޒީއެވެ. އާޡާރެވެ. އަދި މިއަދު ގެއްލިފައިވާ ތޮއްޑޫގެ ތަރިކައެވެ. ދާގަބާ ކޮބައިތޯއެވެ؟ ދޮންވެލިލާ ވަށައިގެން ހުދު ދިދަ ޖަހައިފައިވާ މަގާންފުޅު ކޮބައިތޯއެވެ؟ ރަށުގެ އެތައްމިތަނުގާ ހުރި ޒިޔާރަތް ތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ޒިޔާރާތް ތަކަކީ އިހުތިރާމް ކޮށް ނަދުރު ބުނަންޖެހޭ ތަންތަނެއް ނޫނެވެ. ނަމަވެސް އެއީ ތަޅާ ސުންނާފަތި ކޮށް އެތަންތާ މަތީ (ގަބުރުމަތީ) އަލިފާން ރޯކޮށް އަންދަންޖެހޭ ތަންތަން ތޯއެވެ؟
އާޡާރުތަކާ ތަރިކަތައް ރައްކާތެރިކުރެވިފައިވާ ގައުމުތަކަށް މިއަދުދަނީ މިލިއަންޑޮލަރުގެ ފައިދާ ތައް ވަމުންނެވެ. އެއީ އެބައިމީހުންގެ ކާބަފައިން މިޖީލަށް ދޫކޮށްފައިވާ އަގު ނުކުރެވޭފަދަ ވިޔަފާރިއަކަށް ވަނީ ވެފައެވެ. އަހަރެމެންނަކީ ކޮންބައެއްކަމާ އަހަރެމެންގެ ކާބަފައިންގެ ދިރިއުޅުމާ އެބައިމީހުންގެ ވާހަކަތަކާ މަސައްކަތްތަކަށް އަހަރެމެން އިހުތިރާމް ކުރަންޖެހެއެވެ. އަހަރެމެން އެތަން ދެކުނު ފަދައިން އަދި ފައިދާ ހޯދާ ފަދައިން އަންނަން އޮތ ޖީލުތަކަށް އެއަމާނާތް ރައްދުކޮށްދެން ޖެހެއެވެ.  އަޅުގަނޑުމެންގެ ތަރިކަތަކާއި ތާރީޚާ ޡަގާފަތް ރައްކާތެރިކޮށްދޭނޭ ބަޔަކަށް މިއަދު މިވަނީ ނުހަނު ބޭނުންވެފައެވެ. އިމާރާތް ކުރުމުގަޔާ ދަނޑުވެރިކަން ކުރުމާ ކުނި އުކާ އެންދުމުގާ ގަބުރުސްތާނަކަަަށް ޒިޔާރަތަކަށް ބެލުމެއްނެތެވެ. އެގަސްތަކުގެ ހިޔާ ކާބަފައިން ހޯދި ދުވަސްވީ ބޮޑެތި ގަސްތަކަށް ހިމާޔަތެއް ނެތެވެ. 

ރަށްރަށުގެ "ހެރިޓޭޖު" ހިމާޔާތް ކުރުމަކ  ލާމާރުކަޒީ ގާނޫނުގެ ދަށުން ލާޒިމް ކުރާ ކަމަކަށް ވީނަމަވެސް އެކަން ކައުންސިލްތަކަށް ވެސް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމުގާ ލިބިގެންނެވެ. ޚާއްސަކޮށް ޒުވާނުންގެ އެއްބާރުލުން މިކަމުގާ ނިހާޔަތަށް ބޭނުންވެއެވެ.
 .

ads

ދާއިރާ:

0 comments:

Post a Comment

 
here it is