Tuesday, October 25, 2011

އެފްއޭއޯގެ ދަނޑުވެރިކަމުގެ އެންމެ ޝަރަފުވެރި އިނާމް ގަމީރާ އަށް


ދަނޑުވެރިކަމުގެ ދާއިރާ އިން ދުނިޔޭގައި އެންމެ ޝަރަފުވެރި އިނާމު ދިވެއްސަކަށް ލިބިފައިވޭ ހެއްޔެވެ؟ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގިނަ ބަޔަކު ތިބި ނަމަވެސް މިކަން "ޒަމާނީ ފެންވަރަށް" ކުރަނީ މަދު މީހެކެވެ. ނަމަވެސް އއ. ތޮއްޑޫ މަޝްހޫރު ދަނޑުވެރިއެއް ކަމަށްދާ ގަމީރާ އާދަމް މިކަން ކުރަނީ މުޅިން ތަފާތު ކޮށެވެ. އޭނާގެ އެ މަސައްކަތް ފާހަގަކޮށް، ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާއިން ދޭ އެންމެ ޝަރަފުވެރިއެއް އިނާމު ވަނީ ލިބިފަ އެވެ. އެއީ "މޮޑެލް ފާމާ"ގެ އެވޯޑެވެ.

"އަޅުގަނޑަށް ބުނަން ވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއް ލިބުނު މި އެވޯޑް ލިބުނީމަ. މިއީ ދަނޑުވެރިކަމުގެ ދާއިރާ އިން ލިބުނު އެންމެ މުހިންމު އެވޯޑް،" ހަތް ކުދިންގެ މަންމަ ގަމީރާ ބުންޏެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) އިން ދޭ މި އެވޯޑް، ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އެއް ފަރާތް ކަމަށްވާ ގަމީރާއާ ހަވާލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކްގައި ދުނިޔޭގެ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތެގައި އެ ގައުމުގެ ރާނީގެ އަތްޕުޅުންނެވެ.

އޭޝިއާ ޕެސިފިކްގެ ކުދި ގައުމުތަކުގެ ދަނޑުވެރިންގެ ތެރެއިން "މޮޑެލް ފާމާ" ގެ މަގާމަށް ހޮވުނު އއ. ތޮއްޑު އަށް އުފަން ގަމީރާ އަށް މި އިނާމު ލިބުމުގައި އޭނާ ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އަންނަ ފުޅާކަމާއި އެ ކަމުގައި ހޯދާފައިވާ ކާމިޔާބީތައް އެފްއޭއޯ އިން ފާހަގަކޮށްފައިވެ އެވެ. އަދި އެ މަސައްކަތްކޮށްގެން އޭނަ ގިނަ ބާވަތްތަކެއް ރާއްޖޭގެ ބާޒާރަށް ނެރެމުން ދިއުން ފަދަ ކަންތައްތައް އެފްއޭއޯ އިން ފާހަގަކޮށްފައިވެ އެވެ.

'ހަވީރަ'ށް ވާހަކަ ދައްކަމުން، ދަނޑުވެރިކަމުގެ ދާއިރާގައި ސަރުކާރުން ދޭ ގައުމީ އިނާމު ވެސް ލިބިފައިވާ ގަމީރާ، ،43 ބުނީ ދަނޑުވެރިކަމުގެ ދާއިރާގެ އިނާމު ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ މިއީ ދުނިޔޭގެ ފެންވަރުގައި ލިބުނު އިނާމެއް ކަމަށް. މި އިނާމު މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިފަދަ އިނާމެއް މީގެ ކުރިން ދިވެހި ދަނޑުވެރިއަކަށް ލިބިފައެއް ނެތް،" ގަމީރާ ބުންޏެވެ.

ގަމީރާ އަށް މި އެވޯޑް ލިބުނުއިރު އޭނާ އަންނަނީ ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އަންހެނުންފުށި ކުއްޔަށް ހިފައިގެން އެ ރަށުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންނެވެ. އަދި އެ ރަށުގައި ދަނޑުވެރިކަމުގެ ދާއިރާގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އެ މަސައްކަތުގައި އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވަނީ ފިރިމީހާ އަލީ ވަހީދު ކަމަށް ގަމީރާ ބުންޏެވެ.

ގަމީރާ ބުނީ އަންހެނުންފުށީގައި ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމްކުރަން ހަތަރު މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މި މަސައްކަތްކުރަމުން އަންނަތާ މިހާރު 22 އަހަރު ވެއްޖެ. އަދި މި މަސައްކަތްކުރުމަށް އަންހެނުންފުށީގައި ދަނޑުވެރިކަމުގެ ސާމާނުވެސް ލިބޭނެ ގޮތް ހަދާފައިވާނެ،" ގަމީރާ ބުންޏެވެ.

އޭނާ އަންނަނީ ދަނޑުވެރިކަން ކުރުމުގެ ގޮތުން އެ މަސައްކަތް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަންކުރާ ރަށުގައި ގިނަ ވަސީލަތްތަކެއް ގާއިމްކުރުން ހިމެނެ އެވެ.

"އެ މަސައްކަތްކުރުމަށް އެ ރަށަށް ކަރަންޓު ވެސް މިހާރު ދެން. އަދި އިމާރާތްތައް އެންމެ ރަނގަޅަށް ވާނީ ހަދާފައި. ގަހަށް ބޭސް ޖަހަން ވެސް އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާނީ،" ގަމީރާ ބުންޏެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is