Tuesday, July 31, 2012

ދީންވެރިކަމާއި ބުއްދިވެރިކަން

މިލިޔުމުގައި އަޅުގަނޑު މިބަލައިލަނީ، ދީންވެރި ވުމުގެ ސަބަބުން މުސްލިމުންގެ ބުއްދިއާއި ވިސްނުމަށް އަންނަ ކުރިއެރުންތަކާއި ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. ނަމަވެސް، ދުނިޔޭގެ އާއްމު ދިރިއުޅުމުގެ ސަބަބުން، މުސްލިމު މީހާއާއި އެނޫން މީހާގެ ބުއްދިއަށް އަންނަ ބަދަލުތަކުގެ ވާހަކަ މިލިޔުމުގައި ނުހިމެނޭނެއެވެ.

އެހެންކަމުން ފުރަތަމަވެސް އަޅުގަނޑު ބަލާލާނީ ބުއްދިވެރި ކަމަށެވެ. ބުއްދިވެރިކަމަކީ، އެކިމީހުން އެކިގޮތަށް މާނަކުރާ އެއްޗެކެވެ. އެގޮތުން، އެމެރިކާގެ ސައިކޮލޮޖިސްޓުންގެ ޚާއްސަ ޓީމަކުން ނެރެފައިވާ މަޝްހޫރު ރިޕޯޓް ‘މެއިންސްޓްރީމް ސައިންސް އޮން އިންޓެލިޖެންސް’ ގައި ވަނީ މިފަދައިންނެވެ. “ބުއްދިވެރިކަމަކީ، ތަފާތު ގިނަގުނަ ދާއިރާތަކުން މީހާގެ ސިކުނޑިއަށް ލިބިފައިވާ ގާބިލުކަމެވެ. އޭގެތެރޭގައި، ދުރުވިސްނުމާއި، ރޭވުންތެރިކަމާއި، ސަބަބު ދަނެގަތުމާއި، މައްސަލަތައް ހައްލު ކުރުމާއި، ތަފާތު އެކި އެކި ޚިޔާލާއި ވިސްނުމަށް އިޙުތިރާމު ކުރުމާއި، ތޫނުފިލިކަމާއި، އިބްރަތް ހާސިލުކުރުން ފަދަކަންކަން ހިމެނެއެވެ.

 ބުއްދިވެރިކަމަކީ ހަމައެކަނި ފޮތުން ކިޔެވުމެއްނޫނެވެ. ބުއްދި ވެރިކަމަކީ، އެއަށްވުރެ މާ ފުޅާއެއްޗެކެވެ. ފުޅާދާއިރާއެގައި ތިމާގެ މާޙައުލުގައިވާ ގިނަގުނަ ތަކެއްޗާއި ކަންކަން ދަނެ އޮޅުން ފިލުވުމުގެ ޤާބިލުކަމެވެ. ފައިހަމަކުރުމާއި އޮއްޓަރު ހުރުމާއި ހޭލުންތެރިކަމާއި ދެން ހަދަންވާގޮތް އެނގުމެވެ.” އެއަށްފަހު، ދީންވެރިކަމަށް ބަލައިލާނަމެވެ. ދީންވެރިކަމަކީ ﷲ އަށް އީމާންވެ، އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތައް ދުނިޔޭގެ ދުވަސްތައް ހޭދަކުރުމެވެ.

ދެން އަޅުގަނޑު ބަލާލާނީ، ދީނައް ވަނުމުގައްޔާއި، ދީނައް އުޅުމުގައި، ހުރި ބުއްދި އާއި މެދުގައެވެ. ފެންވަރު ރަނގަޅު ކާރަކާއި އިންސާނަކާއި އަޅުވައި ކިރައިފިނަމަ، ކާރައްވުރެ އިންސާނާގެ ހަށިގަނޑު ނުވަތަ މެޝީން، މާބޮޑައްވެސް ފުރިހަމަވެފައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާތަން ފެންނާނެއެވެ. އަޅުވައި ނުވެސް ކިޔޭނެއެވެ.

 ސަބަބަކީ، އިންސާނާގެ ހަށިގަނޑު މާބޮޑައްވެސް ފުރިހަމަވެފައި އޮޅުންބޮޅުން ބޮޑު ވީމައެވެ. ކާރުގައި އަޅުގަނޑުމެންނަށް ނޭނގޭ، ނުވިސްނޭ، އެއްވެސް އެއްޗެއް ނުހުރެއެވެ. ނަމަވެސް، އިންސާނާގެ ހަށިގަނޑުގައި އަޅުގަނޑުމެންނައް ނޭނގޭ، ނުވިސްނޭ، ނުހޯދޭ އެތައްބައިވަރު ކަންތައްތަކެއް ވެއެވެ. ވީމާ، ކާރެއް އަމިއްލަޔައް އުފެދިގެން ނާންނާނެކަން ޤަބޫލު ކުރާއިރު، އިންސާނާގެ މިއޮތް ވަރުގަދަ މެޝީން، އަމިއްލަޔައް އުފެދިގެން ނާންނާނެކަން، މާބޮޑައްވެސް ބުއްދި ޤަބޫލުކުރެއެވެ. ކާރުގެ މޮޅުކަން ކާރު އެފެއްދި އިންސާނާއަށް ނިސްބަތް ކުރާއިރު، އިންސާނާގެ މޮޅުކަމާއި ފުރިހަމަކަން އެއިސްސާނާ ހެއްދެވި ފަރާތައް، ނިސްބަތް ނުވާންވީ ސަބަބެއް ނެތެވެ. 

ވީއިރު އިންސާނާގެ މޮޅުކަމާއި ކުޅަދާނާކަމަކީ އޭނާހެއްދެވި ފަރާތުން އޭނާއަށް ދެއްވާފައިވާ ތަކެތިކަމާއިމެދު ޝައްކެއް ވަސްވާހެއްނެތެވެ. އެއީ އެފަރާތުގެ ކުޅަދުންވަންތަ ކަމުގެ ހެއްކެކެވެ.  ބުއްދިހަމަޖެހޭ އިންސާފަކީ، މިއީއެވެ. އެއައްފަހު، ކާރު އުފެއްދި ކުންފުނިން ފޮނުވާފައިވާ ފޮތާއި އެއްގޮތައް ކާރު ގެންގުޅުން އެއީ އެއްމެ ބުއްދިވެރި ގޮތައްވީއިރު، އިންސާނާ ހެއްދެވި ފަރާތުން، އިންސާނާގެ ކަންކަން ކުރަންވާގޮތް އަންގަވައި، ފޮނުއްވާފައިވާ ފޮތާއި އެއްގޮތައް އޭނާގެ ކަންތައްތައް ކުރުން، މާބޮޑައްވެސް ބުއްދި ޤަބޫލު ކުރެއެވެ.

ދުރު ވިސްނުމަށް ބަލާލާއިރު، ދުރުވިސްނުމަކީ ކުރިމަތީގައި ފެންނަށް ނުހުންނަ ކަންކަމާއި، ތަކެއްޗާއި މެދު، ވިސްނައި ފިކުރުކުރުމުގެ ޤާބިލުކަމެވެ. ވީއިރު، އެއްމެ ދުރައް ވިސްނޭ މީހަކީ އެއްމެ ދުރު ވިސްނޭ މީއާއެވެ. ރާޒުވާ ކުޅޭއިރު ސިކުނޑިން، އެމެ ގިނަ ކުޅި، ކުރިއަށް ކުޅެލެވޭ މީހާއަކީ އެމެ މޮޅުމީހާއެވެ. ނުވަތަ އެއްމެ ދުރަށް ވިސްނޭ މީއާއެވެ. 

 ވީއިރު، އެއްމެ ދުރު ވިސްނޭ މީހަކީ، މާތް ﷲ އަށް އީމާންވެ، އާޚިރައްދުވަހަށް އީމާން ވެގެން ހުންނަ މީހާ ކަމުގައި އެއްބަސް ވާންޖެހެއެވެ. ސަބަބަކީ، އާޚިރަތަކީ އެއްމެ ދުރު ކަމައްވާތީއެވެ. ނިމުމެއް ނުވާ ޙަޔާތަކަށް ވެފައި އެތަނުގެ ފައިދާ ނުވަތަ ގެއްލުން ހިސާބު ނުކުރެވޭތީއެވެ. ނުވަތަ ‘އިންފައިނައިޓް’ ވީމައެވެ. ކަންމިހެން ހުރުމާއެކު، ދުނިޔެވީ ހުރިހައި ވިސްނުންތަކެއް ވިސްނުމުގެ އިތުރަށް، މުސްލިމު އަޅާ މިފަދަ ވިސްނުންތައް ވިސްނައެވެ. ސުވަރުގޭގެ އަރާމާއި ލައްޒަތާއި އެތަނުގެ ބިޔަ ގަނޑުވަރުތަކާއި މެދު ފިކުރު ހިންގައެވެ.

 ނަރަކައިގެ ޢަޒާބާއި އެތަނުގެ ހިއްދަތިކަމާއި ވޭނާއި ކެކުޅުމާއި ދޭތެރޭގައި ވިސްނާ ފިކުރު ކުރެއެވެ. ކައްވަޅުގެ ޢަޒާބާއި ސަވާބާއި މެދު ވިސްނައެވެ.
މީގެ އިތުރަށް މުސްލިމުން ކުރާ ކޮންމެ އަޅުކަމެއްގައި، އޭނާގެ ހިތްނިޔަތް ތެދު ކުރެއެވެ. އިޚްލާސްތެރިކަމާއި އިޙްސާންތެރި ކަމާއެކު ﷲ ދެކެދެކެ ހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރެއެވެ. މިފަދަ އަޅުކަން ތަކުގެ ސަބަބުން، ﷲ މަތިން ހަނޑުމަކޮށް، ވިސްނައި ފިކުރު ކުރުމަށް، މުސްލިމުންނަށް ފުރުސްތު ލިބެއެވެ. ޤުރުއާން ކިޔެވުމާއި ނަމާދު ކުރުން ފަދަ ކޮންމެ އަޅުކަމެއްގައިވެސް، ޚުޝޫއަތްތެރިވެ، ﷲ މަތިން ހަނދުމަކުރުމުގައި ސިކުނޑި ހިންގަންޖެހެއެވެ.

 އޭގެ އިތުރައް، މުސްލިމުންގެ އާއްމު ދިރިއުޅުމުގައިވެސް، ﷲ ގެމަތިން ހަނދުމަކުރުމަށާއި ވިސްނައި ފިކުރު ކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. ކުރާ ކޮންމެ ކަމެއް، ﷲ އައްޓަކައި ކުރުމަށާއި، ގިނަގިނައިން ޒިކުރު ކުރުމަށާއި، ވީކޮންމެ ތަނެއްގައި ﷲ އަށް ބިރުވެތިވެ ވިސްނައިގެން އުޅުމަށް އިސްލާމް ދީން މަގުދައްކައެވެ. ދިރި އުޅުމުގެ ހުރިހައި ކަމަކަށް ވިސްނައި ފިކުރު ކުރުމުގެ އިތުރަށް، މިފަދަ ވިސްނުންތައް ވިސްނުމުގެ ސަބަބުން، މުސްލިމުންގެ ސިކުނޑިއަށް އިތުރު ކަސްރަތު ލިބި، ދުރު ވިސްނުން ތަރައްޤީވެއެވެ.

ރޭވުންތެރި ކަމަކީ ފުރިހަމަ މުސްލިމެއްގެ އެއްމެ ޚާއްސަ އެއް ސިފައެވެ. މަރުވާނެކަމާއި މަރުވުމަށްފަހުގައި، ދާން އޮތް ތަނަކީ ސުވަރުގެ އާއި ނަރަކަ ކަމާއި، އެއީ ނިމުމެއް ނުވާ ޙަތާތެއްކަން އޭނާ ދަންނާނެއެވެ. އަދި ދެދުނިޔޭގެ ޙަޔާތާއި މެދު ވިސްނައި ފިކުރުކޮށް، މިނެކިރާނެއެވެ. އެއަށްފަހު ރޭވުންތައް ރާވާނެއެވެ. އާމްދަނީ ހޯދުމުގެ ކަންތަކާއި، ﷲ އަށް އަޅުކަންކުރާނެ ގޮތްތައް، އޭނާގެ ސިކުނޑީގައި ރާވަމުން ކުރަހަމުން ދާނެއެވެ. ދުވަހުގެ ތާވަލްގައި ނުވަތަ ‘ޓުޑޫ’ ލިސްޓުގައި ފަސްނަމާދު ކުރުން ހިމަނާނެއެވެ. އެއައްފަހު، އެއްކަން އަނެއްކަމަމާއި ފުށު ނާރާގޮތައް، ކަންތައްތައް ރާވަމުން ހިންގަމުން ތަންފީޒުކުރަމުން ދާނެއެވެ.

 ޙަޤީޤީ ރޭވުންތެރިންނަކީ މިއީއެވެ. ދުނިޔެވީ ރޭވުންތަކުގެ އިތުރައް، ވިސްނައި ފިކުރުކޮށް، މިފަދަ ހެޔޮ ރަނގަޅު ރޭވުންތައް ރޭވުމުގެ ސަބަބުން، މުސްލިމުމީހާގެ ސިކުނޑި އިތުރައް ތަރައްޤީވެ ހެޔޮބަދަލުތަކެއް އާދެއެވެ.
އިސްވެ ބަޔާންކުރި ފަދަ މުސްލިމެއްނަމަ، ބުއްދިވެރި ކަމުގެ އެއްމެހައި ސިފަތައް، އެމީހެއްގެ ގައިގައި  މަޑުމަޑުން އަށަގަންނަމުންދާނެއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. ނުވަތަ ހެއްދެވިފަރާތުން ބާވައިލައްވާފައިވާ އޮޕަރޭޝަންސް މެނުއަލް ގެ އެހީގައެވެ. ލޮބުވެތި ރަސޫލާގެ މޫރިތި ސުންނަތާއި މަކާރިމުލް އަޚްލާޤާއި ވިސްނުންތެރި ނިންމުންތައް ދަސްކުރާނެއެވެ. އަދި އެއަށް ޢަމަލުކުރަން ފަށާނެއެވެ. 

 ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފަން ފަށާނެއެވެ. ނަރަކަ އާއި ދިމާލައް ޖަހާފައިހުރި މިސްރާބު ބަދަލުކޮށް، ސުވަރުގެއާއި ދިމާލައް ސީދާކޮއްލާނެއެވެ. ތިމާ ކޮއްއުޅުނު މޮޔަކަންތަކުގެ މައްޗައް ހިތާމަ ކުރާޙާލު، ހެޔޮޢަމަލު ކުރުންމަތީ ދެމިހުންނާނެއެވެ. ހިތްހަމަ ޖެހުމާއި، މިނިވަންކަމާއި ބުއްދިވެރިކަމާއި އަބުރުވެރިކަމާއިއެކު ދުނިޔޭގެ ދުވަސްތައް ހޭދަކޮށް، ސުވަރުގެ ކާމިޔާބު ކުރާނެއެވެ. ބުއްދިވެރިކަމުގެ އިނާމު ލިބިގަންނާނެއެވެ. ޙަޤީޤީ ބުއްދިވެރިންނަކީ މިއީއެވެ.

ލިޔުނީ:  

ads

ދާއިރާ:

0 comments:

Post a Comment

 
here it is