Wednesday, July 4, 2012

އެންމެ ވަރުގަދަ ލަޝްކަރު

މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ.

 
ތިމަން ކަލޭގެފާނު ދަގަނޑާ މެދު ވިސްނާލި އިރު ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ދަގަނޑު ކަމުގައި ދުށީމެވެ.
ދެން ތިމަން ކަލޭގެފާނު އަލިފާނާ މެދު ވިސްނާލިއިރު، އަލިފާނުން ދަގަނޑު ވިރުވައިލެވެއެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، އަލިފާން ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު ފެނާ މެދު ވިސްނާލިއިރު، ފެނުން އަލިފާން ނިއްވައިލެވެއެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ފެން ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު އުޑުގައިވާ ވިލާތަކަށް ބަލާލިއިރު، ފެނުގެ އަސްލަކީ ވިލާކަމުގައި ވިސްނުނެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ވިލާ ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު މި ޖެހޭ ވަޔާއި މެދު ވިސްނާލި އިރު، އުޑުގައިވާ ވިލާތައް އެއްތަނުން އަނެއްތަނަށް ގެންދަނީ ވައެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ވައި ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު ފަރުބަދަ ތަކަށް ނަޒަރުހިންގާލިއިރު، ފަރުބަދަތައް ވަޔަށް ހުރަސް އަޅައެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ފަރުބަދަތައް ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު އިންސާނާއާ މެދު ވިސްނާލިއިރު، އިންސާނުން ފަރުބަދަތައް ކަނޑައި، އެތަކެތީގައި ބޭނުން ގޮތަކަށް ގެ ހަދައި އެތަންތަނުގައި ދިރިއުޅެއެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، އިންސާނުން ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު އިންސާނުންނާ މެދު ވިސްނާލިއިރު އިންސާނުންގެ މައްޗަށް ނިދިގަދަވެގަނެއްޖެއްޔާ އެމީހުން ބަލިކޮށް އެދުމަތިކޮށްލުވައެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ނިދި ކަމުގައި ދުށީމެވެ.

ދެން ތިމަން ކަލޭގެފާނު އިންސާނާގެ ނިންޖަށް ހުރަސްއަޅާ ކަމަކީ ކޮބައިތޯ ވިސްނާލިއިރު، އެއީ ކަންބޮޑުވުމާއި ހާސްވުންކަމުގައި ވިސްނުނެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ކަންބޮޑުވުމާއި ހާސްކަންކަމުގައި ދުށީމެވެ.

ދެން ތިމަންކަލޭގެފާނު އިންސާނާއަށް ހާސްކަމާއި ކަންބޮޑުވުން ގެނުވައިދޭ ގުނަވަނަކީ ކޮބައިތޯ ބަލާލިއިރު، އެއީ ހިތެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ހިތްތައް ކަމުގައި ދުށީމެވެ.

ދެން ތިމަންކަލޭގެފާނު އިންސާނާގެ ހިތާމެދު ވިސްނާލިއިރު، ކަންބޮޑުވުމާއި ހާސްކަމުގެ މައްޗަށް ހިތްތައް ފަތަހަކޮށް އަމާންކުރަނީ ހަމައެކަނި ކީރިތިވަންތަ ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުން ކަމުގައި ވިސްނުނެވެ. އެހެންވެ ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަ ކުރާ މީހުން ކަމުގައި ދުށީމެވެ.
-----------------------------------------
ސޫރަތުއްރަޢުދު ގެ އަށާވީސް ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާ އަންގަވާފައިވެއެވެ. "الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ"
މާނައީ: އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ،ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟

އަދި ޠާހާ ސޫރަތުގައި މޫސާ ޢަލައިހިއްސަލާމަށް ބަސްފުޅު ވަޙީކުރެއްވި ހާދިސާ އައިސްފައިވާއިރު، ﷲ ހަނދުމަކުރުމަށްޓަކައި ނަމާދު ޤާއިމުކުރުމަށް ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވާފައިވެއެވެ.

 މާތް ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރީންކަމުގައި ވުމަށް އަބަދާއި އަބަދު މާތް ﷲ ގެ މަތީން ހަނދާންކުރާ ށެވެ. އަދި ހެދުނާއި ހަވީރުގެ ޛިކުރުތައް ފަރިތަކޮށް ދަސްކުރާށެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is