Saturday, July 21, 2012

ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ.

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. (عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ) "ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެކެވެ. ހަމަކަށަވަރުން قيام الليل އަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވާ، ކުށްފާފަތައް ނަހީކުރާ، ފާފަތައް ފުހެލައި،  އަދި ހަށިގަނޑާދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ."


 قيام الليل ގެ ވަގުތަކީ މުއުމިނުން ﷲއާ އެކު ވިޔަފާރިކުރާ ވަގުތެވެ. އެއީ މުއުމިނުން އެމީހުންގެ ވެރިރަސްކަލާނގެއާއެކު އެކަހެރިވާ ވަގުތެވެ. އެމީހުންގެ ޝަކްވާތައް ދަންނަވާ ވަގުތެވެ. ﷲގެ ފަޟްލުވަންތަކަމުން އެމީހުންނަށް ދެއްވުމަށް އެދޭ ވަގުތެވެ.ﷲގެ ޙަޟްރަތަށް އެޕޮއިންޓްމެންޓް ލިބިގެންގޮސް މުނާޖާ ދަންނަވާ ވަގުތެވެ. އެއީ އަރަހުށި ﷲ އެމީނުންނަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތެވެ.މިވާހަކަތައް ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވަނީ (أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ إِنَّمَا يَتَذَكَّرُ أُوْلُوا الأَلْبَابِ)  الزمر: ٩ "ރޭގަނޑުގެ ވަގުތުތަކުގައި ނަމާދުކޮށް، ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ،  އަޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު އެހެންމީހަކާ އެއްފަދަވާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ. ނަޞީޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހްލުވެރީންނެވެ."

 މާތްﷲ އިންސާނާ ހައްދަވާފައި ވަނީ އޭނާގެ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑިއާ އެއްގޮތަށް ޙަރަކާތްތައް އިންތިޒާމުވާ ފަދަގޮތަކަށެވެ. މިކަންތައްތައް ތަރްތީބުވެގެންދަނީ  އޭނާގެ ނިދުމާއި ހޭލާހުންނައިރާއި ކެޔުމާއި ބުޔިމާއި ހަށިގަނޑުގެ ފިނިހޫނުމިނާއި، އޭނާގެ ހަށިގަނޑުން އުފައްދައި ތަފާތުބާވަތްތަކުގެ ހޯމޯންތަކާއި ދިޔަތަކާ އެެއްގޮތްވާގޮތުގެ މަތިންނެވެ. 


 މިހުރިހާކަމެއް ހިގަމުންދަނީ ބަޔޮލޮޖިކަލް ގަނޑިއާ އެއްގޮތްވާގޮތުގެ މަތިންނެވެ. ދުވާލުގެ ވަގުތުތަކުގައި ނާރުތަކާ ބެހޭ ނިޒާމާއި ހިތާއި ލޭހިގުމާއި ނޭވާލުުން ހީވާގިވެއެވެ. ކޯރޓިޒޯން ފަދަ ހަކަތަޔާ ގުޅުންހުރި ހޯމޯންތައް ދުވާލުގެ ވަގުތުތަކުގައި ބާރަށް ޙަރަކާތްތެރިވެއެވެ. މިއާޚިލާފަށް ރޭގަނޑު ބޮޑަށް ޙަރަކާތްތެރިވަނީ އަރާމުކުރުމަށް އެހީތެރިވާ ހޯމޯންތަކާއި ދިޔަތަކެވެ. ނާރުތަކާބެހޭ ނިޒާމުގައި ހިމެނޭ މިފަދަ ބާރުތަކާއި މިލަޓޮނީން އާއި، ޕްރޮސްޓާގްލޭންޑިން އާއި ލިމްފަޓިކް ހަތާތަކާއި  ލޭގެ ހުދުބޯޅަތަކެވެ. ރޭގަނޑުގެ ވަގުތަކީ ހަށިގަނޑުގެ ދިފާޢީބާރު ވަރުގަދަވާން ޖެހޭ ވަގުތެކެވެ.

 ޑަކްޓަރުންގެ ދިރާސާތައް ބުނާގޮތުގައި ޢާއްމުގޮތެއްގައި ހުން އަންނާނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭގަނޑު ކޯރޓިޒޯން ހާމޯން އުފައްދާ މިންވަރުވެސް މަދުވާނެއެވެެ. އެކަމަކު ކޯރޓިޒޯން އުފައްދާ މިންވަރު ރޭގަނޑުގެ ފަހުބައިގައި އިތުރުވެއެވެ.  ޑަކްޓަރުންނާއި ދިރާސާތައް ބުނާގޮތުގައި 24ގަޑިއިރުގެ ތެރޭގައި މިކަންތައްތައް ހިގަމުންދަނީ ސާބިތުނިސްބަތަކުންނެވެ. މިއީ ކީރިތިރަސޫލާގެ މިދަންނަވާ ޙަދީސްފުޅުގެ މަތިން ހަދުމަކޮށްދޭކަމެކެވެ. ރަސޫލުﷲގެފާނު ވިދާޅުވަނީ (إنَّ في الليل لَساعَةً لا يُوافقُها عبدٌ مسلمٌ يسألُ الله عزَّ وجل فيها خيرا إلا أعْطاه إياه ، وذلك كلُّ ليلةٍ) أخرجه مسلم  "ހަމަކަށަވަރުން ރޭގަނޑުގައި ވަގުތުކޮޅެއްވެއެވެ. މިވަގުތުގައި މުސްލިމަކު އަރަހުށި ﷲއަށް ހެޔޮކަމަކަށް އެދި ދަންނަވައިފިނަމަ އެކަލާނގެ އެކަމެއް އެމީހަކަށް ދެއްވަވާނެއެވެ. އަދި މިއީ ކޮންމެރެއެއްގައި ވެސް އޮންނަ  ވަގުތުކޮޅެކެވެ."

ކީރިތިރަސޫލާ صلى الله عليه وسلم  ގެ ޙަދީސްފުޅުގައިވާ  "قيام الليل އަކީ ބަލިމަޑުކަމުން ހަށިގަނޑު ރައްކައުތެރިކޮށްދޭ ކަމެކޭ" އޮތް ބަސްފުޅުގެ ޢިލްމީ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ މިކަމުގެ މައްޗަށެވެ.

1-  قيام الليل ގެ ވަގުތަކީ ރޭގަނޑުގެ ސަޙަރުގެ  (ރޭގަނޑުގެ އެންމެފަހު ދަން ނުވަތަ އެންމެފަހު  3 ގަނޑިއިރު )  ވަގުތެވެ. މި ވަގުތަކީ ހަށިގަނޑުގައި އުފައްދާ ކޯޓިޒޯން އުފައްދާ މިންވަރު މަދުވެގެންދާ ވަގުތެކެވެ. އެހެންކަމުން ލޭގައިހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް އިތުރުވެގެންދިޔުމުން ހަށިގަނޑަށް ރައްކައުތެރިކަން ލިބެއެވެ.  ހަމައެފަދައިން  ލޭގެ ޕްރެޝަރ ކުއްލިއަކަށް މައްޗަށް ދިޔުންވެސް ކުޑަވެގެންދެއެވެ.


އަދި ހިތަށް އަންނަޙަމަލާތަކުންނާއި ސިކުޑިއަށް އަންނަ ހިމޭންކަމުން ވެސް ރައްކައުތެރިކަން ލިބެއެވެ. ހަމަ މިމޭރުމުން ބަލައި އިރު قيام الليل އަކީ ލޮލުގެ ލޭހޮޅިތަކުގައި ލޭ ގަނޑުވުމުން ރައްކައުތެރިކޮށްދޭކަމެކެވެ. ލޮލުގެ ބައެއްނާރުތަކުގައި ލޭގަނޑުވާ ގޮތް ދިމާވަނީ ނިދާފައި އޮތުމުގެ ސަބަބުން ލޭހިގުމުގެ ދުވެލި ދަށަށް ދިޔުމާއި ، ދިޔާއެއްޗެހިބުއިން މަދުވުމުގެ ސަބަބުން ނުވަތަ ދިޔާއެއްޗެހި މަދުވުމުގެ ސަބަބުންނެވނިދާފައި އޮތުމުގެ ސަބަބުން ބައެއްފަހަރަށް ނޭވާލުމަށްވެސް އުދަގޫ ވެދާނެއެވެ. މިކަމުގެ ސަބަބުން ބޮލުން ލޭ ހިތަށް އަބުރާ ގެނެއުމަށް ދަތިވެދާނެއެވެ.

2- قيام الليل އަކީ ހުޅުތަކުގެ ފަރުވާއެކެވެ. އެއީ ނަމާދުގައި ކުރެވޭ ޙަރަކާތްތަކާއި  ވުޟޫކުރާއިރު ގުނަވަންތައް މަޑުމަޑުން މާލިސްކުރެވޭތީއެވެ.

3-  1992 ވަނައަހަރު އެމެރިކާގެ ޑަކްޓަރުންތަކެއް ލިޔުއްވާފައިވާ ފޮތެއް ބުނާ ގޮތުގައި ރޭގަނޑު ދަންވަރު ނިދިންތެދުވެ އަތްފައި ފެނުން މާލިސްކޮށްލައިގެން، ކޮޓަރިތެރޭގައި ކުޑަކޮށްހިގާލައި ލުއިކަސްރަތުތަކެއް ކޮށްލައި ފުންކޮށް ނޭވލުމަކީ ޞިއްޙި ވަރަށްބޮޑެތި ފައިދާތަކެއް އެކަމުގައި ހުރިކަމެކެވެ. މިފޮތުގެ މުޞައްނިފުންނަކީ ޣައިރުމުސްލިމުންނެވެ. މި ފޮތުގައި މިޑާކްޓަރުން ކުރަންމި ބުނާ ކަންތައްތަކަކީ قيام الليل ގެ ވަގުތުގައި ވުޟޫކޮށްގެން ނަމާދުކުރުންފަދަ ކަންތައްތަކެއް ނޫންތޯއެވެ. މި ޑަކްޓަރުން މި ހޯދުންތަކާއި ނަޞީޙަތްތަކުގެ ކުރިން އަޅުގަނޑުމެންގެ ލޮބުވެތިރަސޫލާ  محمد صلى الله عليه وسلم  މި ނަޞީޙަތް މިވަނީ ދެއްވައިފައެވެ. އެކަލޭގެފާނު ވިދާޅުވަނީ  "ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން ) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ  ހަށިގަނޑާ ދުރަށް ބަލިމަޑުކަން ފައްސާލައި  ކަމެކެވެ."

4- قيام الليل  އަކީ ހަށިގަނޑުގައި އުފެދޭ ޓްރައިގްލިސެރައިޑްސް (Triglycerides) ސަރުބި ހަށިގަނޑުން މަދުކޮށްދޭ ކަމެކެވެ.

5- قيام الليل އަކީ ހަދާން ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންކަމުން ޑަކްޓަރުން ބުނާގޮތުގައި قيام الليل ގެ ސަބަބުން އެލްޒަމިއަރ ބަލިން  ރައްކައުތެރިކަން ލިބޭނެއެވެ.އަދި ޤުރްއާންކިޔެވުމާއި ޛިކްރުކުރުމާއި ތަސްބީޙަ، ތަޙްމީދު ކުރުމުގެ ސަބަބުން ހާސްކަމާއި ފިކްރުބޮޑުވުމާއި ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތަކުން ވެސް ރައްކައުތެރިކަންލިބެއެވެ. ކީރިތި ޤުރްއާނުން އެގޭ ފަދައިން އިސްތިޣްފާރުކުރުމަށް އެންމެ ރަގަޅުވަގުތަކީ  ސަޙަރު (ނުވަތަ ހާރުދަމުގެ) ވަގުތެވެ. މާތ ްﷲ ވަޙީކުރައްވަނީ كَانُوا قَلِيلاً مِّنَ اللَّيْلِ مَا يَهْجَعُونَ (17) وَبِالأَسْحَارِ هُمْ يَسْتَغْفِرُونَ (18)  الذاريات: 17-18 "އެއުރެން ނިދާއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާކުރެތެވެ."

6- قيام الليل  އަކީ ހިތަށް ޙަމަލާއައުމާއި ސިކުޑިއަށް ސްޓްރޯކް ޖެހުން މަދުކޮށްދޭކަމެކެވެ. އެއީ ހާރުދަމުގައި ސާފު އޮކްސިޖެން ހުންނަ ވައި ނޭވާލުމަށް ލިބޭނެތީއެވެ. ދުވާލުގެ ވަގުތުތަކުގައި ކާރުޚާނާތަކުންނާއި ދުއްވާއެއްޗެހިން އަރާ ދުންތައް ރޭގަނޑުހާރުދަމުގައި އެރުން ވަރަށް މަދުވާނެއެވެ. ހިތުގެ ބަލިތަކާބެހޭ ޑަކްޓަރުންގެ ޓީމަކުން ހަތްއަހަރާއި ބައިއަހަރުވަންދެން ކުރި ދިރާސާތަކެއް ބުނާގޮތުގައި 9 ގަޑިއިރުނިދާ އަންހެނުންގެ ތެރެއިން 70% މީހުންނަށް ސްޓްރޯކް ޖެހުމުގެ ޕްރޮބަބިލިޓީ ވަރަށް ބޮޑެވެ. ސްޓްރޯކް ނަމަކަށް ކިޔާ މަޖައްލާގައި ޝާޢިއުކޮށްފައިވާ މި ދިރާސާ ބުނާގޮތުގައި 1166 އަންހެނަކު މިދިރާސާ ގައި ބައިވެރިވިއެވެ.


 މިދިރާސާ ބުނާގޮތުގައި މިބާވަތުގެ ސްޓްރޯކް ޖެހެނީ ސިކުޑިއަށް ލޭގެންދާ ހޮޅިއެއްބެދުމުގެ ސަބަބުން އޮކްސިޖަން ނުލިބިގެންނެވެ. މިކަމުގެ ސަބަބުން ސިކުޑީގެ ދުލިތައް މަރުވަންފަށައެވެ. ޑަކްޓަރުން ކަށަވަރުކޮށްދޭ ގޮތުގައި ހިސާބަށް ވުރެ ގިނައިރު ނިދުމަކީ ހިތުގެ މަސައްކަތް ގަޑުބަޑުކުރާ ކަމެކެވެ. ހިތާއި ސިކުޑި ތާޒާކޮށްލުމަށްޓަކައި ރޭގަނޑުމެންދަމުގެ ފަހުން ބައިގަޑިއެއްހާ އިރަށް  ތެދުވެލުމަކީ ވަރަށް މުހިއްމުކަމެކެވެ. ކީރިތިރަސޫލާ ބަޔާންކޮށްދެއްވާ ގޮތުގައި قيام الليل އަކަށް ވާނީ  ރޭގަނޑުނިދާލައިފާ މެންދަމުގެ ފަހުން ތެދުވެ އަޅުކަންކުރުމުންނެވެ.

7- މީގެ ސާދަސައްތަ އަހަރުކުރިން މާތްﷲ އެކަލާނގެ ރަސޫލާއަށް އަންގަވަނީ ކީކޭތޯއެވެ. މާތް ވަޙީކުރައްވަނީ يَا أَيُّهَا الْمُزَّمِّلُ (1) قُمِ اللَّيْلَ إِلاَّ قَلِيلا (2) نِصْفَهُ أَوِ انقُصْ مِنْهُ قَلِيلا (3) َوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلا (4) إِنَّا سَنُلْقِي عَلَيْكَ قَوْلا ثَقِيلا (5) إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْءًا وَأَقْوَمُ قِيلا (6) المزمل: 1-6 


"އޭ ފޭރާންތައް ގައިކޮޅުގައި އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ. ރޭގަނޑުގެ އަޅުކަންކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ. ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަބއެއަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ.  ނުވަތަ އެއަށްވުރެ އިތުރުކޮށްލައްވާށެވެ.  އަދި ލަސްލަހުން ޤުރްއާން ކިޔަވައި ވިދާޅުވާށެވެ.  ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބުރަދަންހުރި  ބަހެއް ބާވައިލައްވާހުށީމެވެ. ހަމަކަށަވަރުން، ނިދުމަށްފަހު ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ، ނަމާދުގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ."

ކީރިތިރަސޫލާ صلى الله عليه وسلم އަކީ މިކަމުގައި ރިވެތިނަމޫނާ އެކެވެ. ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވެއްޖައުމަށްދާންދެން ރޭގަނޑުއަޅުކަންކުރެއްވިއެވެ. އެލޭގެފާނުގެ އިސްވެދިޔަހާ ފާފަތަކާއި ކުރިއަށްއޮތްހާ ފާފަތައް ފުއްސަވާދެއްވާފައިވާ ވާއިރު ތިޔަގޮތަށް ތިޔަހާ ބުރަކޮށް އަޅުކަންކުރައްވަނީ ކީއްވެގެންތޯ، ޢާއިޝަތުގެފާނު ރަސޫލުﷲގެފާނާ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވިދާޅުވީ  "ފަހެ ތިމަންކަލޭގެފާނު މާތްﷲ އަށް ޝުކްރުވެރިވާ އަޅެއްކަމުގައި ވެވަޑައިނުގަންނަވަންވީ ހެއްޔެވެ؟"

ރަސޫލުﷲގެފާނު صلى الله عليه وسلم ދަމުނަމާދަށް ތެދުވެވަޑައިގެން ދަތްޕުޅު އުގުޅުއްވަވާ ވުޟޫކުރައްވައެވެ. އެއަށްފަހު މާތްﷲ އަންގަވާފައިވާ މިންވަރަށް ނަމާދުކުރައްވައެވެ.

މިއަދު ޢިލްމުވެރީން މިގޮވައިލަނީ ހަމަ މިކަމަށް ނޫންތޯއެވެ. ތަފާތަކީ މުސްލިމުން އެކަންތައް މިކުރަނީ މާތްﷲ އަންގަވައިގެން އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެވެ. އެކަމަކު އެމީހުން ރޭގަނޑު ތެދުވަނީ ދުނިޔަވީ މަންފާއަކަށްޓަކައެވެ. އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައެވެ.

މާތްﷲ ރުއްސުންލެއްވި ސަހްލު ބިން ސަޢުދުގެ އަރިހުން ވާރިދުވެފައިވެއެވެ. "ޖިބްރީލުގެފާނު ކީރިތިރަސޫލާ صلى الله عليه وسلم  އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. އެދިވަޑައިގަންނަވާ ގޮތަކަށް ދިރިއުޅުއްވާށެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނަކީ އަވަހާރަވާނެ ބޭކަލެކެވެ. އަދި ބޭނުންފުޅުކަމެއް ކުރައްވާށެވެ.


 ފަހެ، ހަމަކަށަވަރުން އެޢަމަލުތަކަށް ޖަޒާލިބިވަޑައިގަންނަވާނެއެވެ. ލޯބިފުޅުވަން ބޭނުންފުޅުވާ ކޮންމެ މީހަކު ދެކެ ލޯބިފުޅުވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަށް އެމީހުންނާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. މުއުމިނާގެ ޝަރަފަކީ قيام الليل ކަން ދެނެވަޑައިގަންނަވާށެވެ. އޭނާގެ ޢިއްޒަތަކީ މީސްތަކުންގެ ކިބައިން އެއްޗަކަށް ބޭނުން ނުވުމެވެ." - متفق عليه -  ސާލިމު ވިދާޅުވާ ގޮތުގައި މިބަސްފުޅަށް ފަހު ޢަބްދުﷲ ބިން ޢުމަރު ރޭގަނޑުގައި  ވަރަށް ކުޑައިރުކޮޅަކަށް މެނުވީ އަވަހާރަފުޅެއް ނުލައްޕަވައެވެ.

8- ރަސޫލުﷲގެފާނަށް ރޭގަނޑުގެ އަޅުކަމުގައި ހިމެނޭ ޞިއްޙީފައިދާތައް އެގިވަޑައި ގަތީ ކިހިނެއްތޯއެވެ. މިއީ އެކަލޭގެފާނުގެ ތެދުވެރިކަމާއި އެކަލޭގެފާނުގެ ރިސާލަތުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެއް ނޫންތޯއެވެ. މި ޒަމާނުގެ ދިރާސާތައް ކުރާމީހުން މިކަންތައް މިކުރަނީ އިސްލާމްްދީނަށް ންޞްރުދޭކަށް ނޫނެވެ. އަދިކީއްތޯއެވެ. އެމީހުން ވީވަރަކުން މަސައްކަތްކޮށްފައިވަނީ ، ކުރަނީ ، އަދި ކުރާނީ އެކަލޭގެފާނުގެ ބަސްފުޅު  ދޮގުކުރެވޭތޯއެވެ.

9- ރޭގަނޑުގައި އަޅުކަންކުރާނީ ދެރަކްޢަތުން ދެރަކްޢަތުން ސުންނަތްނަމާދެއް ކުރާގޮތަށެވެ. ނިޔަތްގަންނާނީ ރޭއަޅުކަމުގެ (ނުވަތަ قيام الليل  ގެ) ދެރަކްޢަތް ކުރަމެވެ. ދެރަކްޢަތުން ސަލާންދެމުން އެމީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ނަމާދުކުރަންވީ އެވެ. އަދި ޤުރްއާންކިޔެވުމާއި ތަސްބީހައާއި ޛިކްރުކުރަންވީއެވެ.

10- ކީރިތި ރަސޫލާ ޙަދީސްކުރައްވަނީ " إن في الجنة غُرَفا يرى ظاهرها من باطنها وباطنها من ظاهرها »، فقال أبو مالك الأشعري : لمن يا رسول الله ؟ قال : لمن أطاب الكلام ، وأطعم الطعام ، وبات قائما والناس نيام »- رواه الطبرانى والبيهقى والحاكم وابن حبان – "ހަމަކަށަވަރުން ސުވަރުގޭގައި އެތެރެއިން ބޭރު ފެންނަ ،އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިކޮޅުތަކެއް ވެއެވެ. އަބޫ މާލިކުލްއަޝްޢަރީ ދެންނެވިއެވެ. ﷲގެރަސޫލާއެވެ! އެއީ ކޮންބަޔަކަށްތޯއެވެ. ވިދާޅުވިއެވެ. އެއީ ރިވެތިބަސް ބުނާމީހުންނަށާއި، ފަޤީރުންނަށް ކާއެތިކޮޅުދޭމީހުންނަށާއި ،މީސްތަކުން ނިދާފައި ތިބޭ އިރު އަޅުކަންކުރަން ތެދުވެއުޅޭމީހުންނަށެވެ."


 އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ads

ދާއިރާ:

0 comments:

Post a Comment

 
here it is