Sunday, July 8, 2012

ޤުރުއާން ހިތުދަސްކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކެއް





ޤުރުއާން ހިތުދަސްކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކެއް,

01.    ޤުރްއާން ހިތުދަސްކުރުމަކީ ކިހާމުހިއްމު ކަމެއްކަން ފުރަތަމަ ދެނެގަންނާށެވެ.

02.    ޔަޤީނުންވެސް ތިމާޔަށް ދުވާލެއްގެ މައްޗަށް ދަސްވާނެ މިންވަރެއް ކަނޑައަޅާށެވެ. މިގޮތުން ދުވާލަކު އެކެއް ، ދޭއް ނުވަތަ ފަސް އާޔަތް ، ބައި ޞަފްޙާ ، ނުވަތަ އެއް ޞަފްޙާ ކަނޑައެޅިދާނެއެވެ. 


03.    ފުރިހަމަ ވުޟޫއަކުން ވުޟޫކުރާށެވެ. އެއަށްފަހުގައި ދެރަކްޢަތުގެ ނަމާދެއްކޮށް ޤުރުއާން ހިތުދަސްކުރުމުގައި ތައުފީޤް ދެއްވުން އެދި ﷲ އަށް ދުޢާކުރާށެވެ.

04.    އެދުވަހު ހިތުދަސްކުރަން ބޭނުންވާ މިންވަރު ކަނޑައެޅުމަށްފަހު ވަރަށް ހުޝިޔާރު ކަމާއެކު ހަމަ އެކަނި އެބައި ކިޔަވާށެވެ.


05.    އެދުވަހު ހިތުދަސްކުރާބައިގައި ހިމެނޭ ކަލިމަތަކުގެ މާނަ އެނގޭނެ ގޮތެއްވާނަމަ ، އެކަލިމަތަކުގެ މާނަ ދެނެގަންނާށެވެ. އަދި އެ އާޔަތްތައް ބާވައި ލެއްވި ސަބަބުތައް އެނގޭނެ ފޮތެއް އޮތްނަމަ އެބައިވެސް ކިޔާށެވެ.

06.    އެ ދުވަހަކަށް ކަނޑައެޅި މިންވަރު ދަސްނުވަނީސް އިތުރު ބައެއް ކިޔަވަން ނުފަށާށެވެ.

07.    އެއްފޮތަކުން ބައެއް ދަސްކޮށްފައި އަނެއްބައި ދަސްނުކޮށް އެހެން ފޮތެއް ނުވަތަ އެހެން ސޫރަތެއް ނުފަށާށެވެ.

08.    ސޫރަތެއް އެކުގައި ދަސްކޮށް ނިމިއްޖެނަމަ ، އެހެން ސޫރަތެއް ފެށުމުގެ ކުރިން އެ ދަސްކުރި ސޫރަތް އެކުގައި ފަރިތަކަމާއެކު، ކިޔަން އެނގޭތޯ ބަލާށެވެ.

09.    އެކިފަހަރު އެކި ޗާޕުތަކުން ކިިޔެވުމުގެ ބަދަލުގައި އެއްވައްތަރެއްގެ ޗާޕަކުން އަބަދުވެސް ކިޔަވާށެވެ.

10.    ޢަރަބި ލިޔަން އެނގޭނަމަ ، ކޮންމެދުވަހެއްގައިވެސް ދަސްކުރާބައި ހިތުން ލިޔަން އެނގޭތޯ ބަލާށެވެ.

11.    ކޮންމެ ދުވަހެއްގައިވެސް ދަސްކުރަންޖެހޭމިންވަރު ދަސްކުރުމުގައި ފަރުވާ ކުޑަކުރެވޭނަމަ ، އަމިއްލަ ނަފްސަށް ކަމެއް ލާޒިމުކޮށް އެކަމެއް ކުރާށެވެ. މިގޮތުން ރޯދައެއްހިފުން ، ނުވަތަ ވަކިމިންވަރަކުން ޞަދަޤާތެއް ކުރުން، ނުވަތަ ދަމުނަމާދު ކުރުން ފަދަ ހެޔޮކަމެއް ކަނޑައަޅާފައި ބޭއްވިދާނެއެވެ.

12.    ދަސްކުރަމުންދާބައި އަބަދުވެސް ތަކުރާރުކޮށް ކިޔަވަމުންދާށެވެ. ސްކޫލަށް ނުވަތަ އޮފީހަށް ދާމަގުމަތީގައްޔާއި، ފަރްޟް ފަސްނަމާދާއި ސުންނަތް ނަމާދުތަކުގައިވެސް އަބަދުވެސް ދަސްކުރިބައިން ކިޔަވަމުން ދެންދާށެވެ.

13.    ކޮންމެދުވަހެއްގައިވެސް އެދުވަހެއްގެ ބައި ދަސްކުރަން ފެށުމުގެ ކުރިން ކުރީދުވަހު ދަސްކުރި ބައި އެއްފަހަރު ހިތުން އަނެއްފަހަރު ބަލައިގެން ކިޔަވާށެވެ.

14.    ހަފްތާގެ ކޮންމެވެސް އެއްދުވަހަކީ ހަމައެކަނި އެހެންދުވަސް ތަކުގައި ދަސްކުރި ބައިތައް މުރާޖަޢާކުރާ ދުވަހެއްކަމުގައި ހަދާށެވެ. އެދުވަހު އިތުރުބައެއް ދަސްކުރުމަށް މަސައްކަތް ނުކުރާށެވެ.

15.    ހަފުތާއެކޭ އެއްއުޞޫލުން ކޮންމެ މަހެއްގެވެސް ވަކިދުވަހެއް ކަނޑައަޅައި އެދުވަހަކީ ހަމަ އެކަނި އެމަހު ދަސްކުރި ބައި މުރާޖަޢާކުރާ ދުވަހެއްގެ ގޮތުގައި ހަދާށެވެ.

16.    ޤުރްއާން ކިޔެވުމާއި، އެފޮތް ހިތުދަސްކުރުމާއި،  އެފޮތުގައިވާގޮތަށް އުޅުމުގެ މަތިވެރިކަމުގެ މައްޗަށް ލިޔެވިފައިވާ ލިޔުންތައް ޢާއްމުކޮށް ކިޔާށެވެ. އެކަމުގެ ސަބަބުން ޖޯޝް އިތުރުވެ، ފޫހިކަމެއްނެތި ދަސްކުރުމުގައި ދެމިހުރެވޭނެއެވެ.

17.    ދަންނާށެވެ!! މީހަކު ޤުރްއާން ހިތުދަސްކުރަން ފެށުމަކީ ޝައިޠާނާ ވަރަށް ބޮޑަށް އެކަމާ ދެރަވާނެ ކަމެކެވެ. އެގޮތް މިގޮތުންވެސް އެކަން ހުއްޓުވަން އެސޮރު ފޫގަޅާނެއެވެ. އެސޮރުގެ ކުރިމަތީގައި ބަލިނުވެ، ތިބާގެ ކުރިމަތީ އެސޮރު ބަލިކޮށްލަން ޢަޒްމު ކަނޑައަޅާށެވެ. ޝައިޠާނާއަށް ވާގިވެރިވުމަށް ޖިންނީންގެ އިތުރުން އިންސީންވެސް މަސައްކަތް ކުރާނެކަން ހަނދުމަކުރާށެވެ.

* ނޯޓް: ޤުރްއާން ހިތުދަސްކުރެވޭނެ ހަމައެކަނި ގޮތަކީ މިދެންނެވި ގޮތް އެކަންޏެއް ނޫނެވެ. މިއީވެސް މި މަތިވެރި ކަމުގައި އެހީތެރިވެވިދާނެ އެތައްގޮތްތަކަކުން ގޮތެކެވެ. ތިޔަބޭފުޅުނަށް ރަނގަޅުގޮތެއް އެނގިވަޑައިގެންފައިވާ ނަމަ އެގޮތެއް ހިއްސާ ކޮށްލެއްވުން ވަރަށް ބޮޑަށް އެދެމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is