Saturday, July 14, 2012

ޙަޟްރަތު ދިމާދު އިސްލާމްވީ ވާހަކަ

ރަސޫލާ صلى الله عليه وسلم އަކީ މޮޔައެއްކަމަށް ދެކި ބޭސްކުރަން ދިޔަ ކަލޭގެފާނު,،
ޙަޟްރަތު ދިމާދު އިސްލާމްވީ ވާހަކަ.


ޙަޟްރަތު ދިމާދު ރަޟިޔަﷲ ޢަންހު އަކީ އަޖިޝާނުޢާ ޤަބީލާއަށް ނިސްބަތްވެލައްވާ ބޭކަލެކެވެ. އިސްލާމްދީނުގެ ކުރިންވެސް އެކަލޭގެފާނު މަޝްހޫރުވެފައިވަނީ މޮޔައިންނާއި ޖިންނި އަވަލާފައި ތިބޭ މީހުން ކަލިމަތަކެއްގެ ބާރުގައި ރަނގަޅުކުރައްވަން ކުޅަދާނަ މީހެއްގެ ގޮތުގައެވެ. އެކަލޭގެފާނަށް އިސްލާމްދީނުގެ ނިޢްމަތް ލިބެން މެދުވެރިވީ ކުއްލި ގޮތަކަށެވެ.

އިސްލާމްވެލެއްވުމުގެ ކުރިން، ޢުމްރާއެއް ކުރެއްވުމަށް އެއްފަހަރަކު ދިމާދު މައްކާއަށް ވަޑައިގަތެވެ. މިހެން ގޮސް ހުންނެވުމުގައި އަބޫ ޖަހުލާއި، އުތުބާ ބިން ރަބީޢަތާއި، ޢުމައްޔަތު ބުން ޚަލަފް އާއި އެއްކޮށް ދިމާދު މަޖްލިހެއް ކުރައްވައިފިއެވެ. އަބޫ ޖަހުލު އޭނާގެ ހިތުގައި އެންމެ ބޮޑަށް ޖެހޭކަންތަކުގެ ވާހަކަ އެމަޖިލިހުގައިވެސް ފަށައިފިއެވެ.

"މިއުޅޭ ކަލޭގެ އަހަރެމެން ބައިބައި ކޮއްލައިފި. އަހަރެމެން ޢިއްޒަތްތެރިންނަކީ ކަނޑުކޮހުން ކަމުގައި ދައްކަން ފަށައިފި. އަދި އަހަރެމެންގެ ކާބަފައިންނަކީ މަގުފުރެދިފައިވާ ބައެއްކަމުގައި ދަޢްވާކޮއްފި. އަދި ކޮބާ؟ އަހަރެމެންގެ ކަލާނގެތަކަށް ހަރާމްކޯރުވެސް ވެއްޖެ."

ޢުމައްޔާ މަތިމަހުގައި ފިރުމާލަމުން ބުންޏެވެ. "ތިމީހާގަނޑަކީ މޮޔައެއް ކަމާމެދު އަހަންނެއް ޝައްކެއްނުކުރަން."

ހަޟްރަތު ދިމާދު އަމިއްލަ ނަފްސަށް ބުނެލިއެވެ: "މިފަދައިން ނުބައި ދެވިތަކުގެ ތުރާ ފޯރާފައިވާ ފުރާނަތަކަށް އަހަންނަށް ފަރުވާދެވިދާނެ."

އެކަލޭގެފާނު ވަގުތުން އެ މަޖްލިސް ދޫކުރައްވާފައި ހިންގަވާވަޑައިގަތީ ރަސޫލުﷲ صلى الله عليه وسلم ފެނޭތޯއެވެ. ޖިންނި އަވަލާފައި ތިބޭ މޮޔައިންނަށް ފަރުވާކުރުމަކީ ދިމާދަށް ނުހަނު ފަސޭހަކަމެކެވެ. މުޅިދުވަހު އުޅެގެންވެސް ދިމާދަށް ރަސޫލުﷲ صلى الله عليه وسلم ފެނިވަޑައި ނުގަތުމުން ދެން ޖެހުނީ އަނެއްދުވަހަށް މަސައްކަތް ލަސްކުރައްވާށެވެ. ދިމާދުގެ ޤުދުރަތް މާދަމާ ދައްކާނީ ކޮން ކުޅިވަރެއްކަން ދިމާދަށް އެނގިވަޑައިގެން ހުންނެވިހެނެއް ހިއެއްނުވެއެވެ.

އެންމެފަހުން ދިމާދުގެ ޙަޔާތުގެ ބޮޑު ދުވަހަށް އިރުއަރައިފިއެވެ. ކުރީދުވަހު ސިކުނޑީގައި ކުރި ޕްލޭނާއި އެއްގޮތަށް ދިމާދު އޭނާގެ މަސައްކަތް ފައްޓަވައިފިއެވެ. އަބޫ ޖަހުލުމެންގެ ބޯގޮއްވާ މި މޮޔަ ޒުވާނާ ހޭވެރިކޮއްލަން ދިމާދު ހުންނެވީ ތައްޔާރަށެވެ. މިދުވަހު މާގިނަ އިރުތަކެއް ނުވެ އެބުނާ ޒުވާނާ ދިމާދަށް ފެނިއްޖެއެވެ. އޭރު އިތުރު އެކަލޭގެފާނު ހުންނެވީ އިބްރާހީމްގެފާނުގެ މަޤާމްފުޅުގައި ނަމާދު ކުރައްވާށެވެ. އެކަލޭގެފާނު ނަމާދުން ނިމެންދެން ދިމާދު ބިންމަތީގައި އިށީންނަވައި މަޑުކޮއްލެއްވިއެވެ.
ރަސޫލުﷲ صلى الله عليه وسلم ނަމާދުން އަވަދިވުމުން ދިމާދު އެކަލޭގެފާނަށް ގޮވާލައްވައިފިއެވެ.
"އޭ ޢަބްދުލް މުއްޠަލިބްގެ ދަރިޔާ"
އެހިނދު ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނާއި ދިމާލަށް އެނބުރި ވަޑައިގެން ޖަވާބުދެއްވިއެވެ.
"ތިބާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"

ހަޟްރަތު ދިމާދު ދެންނެވިއެވެ. "އަހަންނަކީ ނުބައި ދެވިތަކުގެ ތުރާލިބިފައިވާ ނަފްސުތަކަށް ފަރުވާދޭ މީހަކީން. ކަލޭގެފާނު ބޭނުންވެލައްވާނަމަ، ކަލޭގެފާނަށް ވެސް ފަރުވާކޮއްދީފާނަން. ކަލޭގެފާނަށް ކުރިމަތިވެފައި ތިޔަވާ ކަމަކީ މާ ބޮޑު ކަމެއް ކަމަށް ނުދެކޭ. އަހަރެން ކަލޭގެފާނަށް ވުރެ ޙާލަތުގޯސް މީހުންވެސް ރަގަޅު ކޮށްފައިވާނެ. އަހަރެން މިއައީ ކަލޭގެފާނާއި ދޭތެރޭ އެއްވެސް ރަގަޅު ވާހަކައެއް ނުބުނާ ބައެއްގެ ގާތުން. އެމީހުން ބުނޭ ކަލޭގެފާނަކީ މޮޔައެއް ކަމަށް. އަދި ކަލޭގެފާނު މި ޤައުމުގައި ދެކޮޅުވެރިކަން އުފައްދާ، އެމީހުންގެ ކާބަފައިންނަކީ ކާފަރުން ކަމުގައި ބުނާކަމަށް. އަދި ކަލޭގެފާނު އެމީހުންގެ ކަލާނގެތަކަށް އިހާނާތްތެރިވާކަމަށް. އެހެންވެ، ތިމަންނައަށްވެސް ވިސްނުނީ ކަލޭގެފާނަކީ ބުއްދިގޯސްވެފައިވާ ބޭކަލެއްކަމަށް. އެއީ މިދެންނެވި ފަދައިން ޢަމަލުކުރާނީ އެފަދަ މީހުންކަމަށް ވާތީ."

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ހުރިހާ ޙަމްދެއް ހުރީ ﷲއަށް. އަހަރެން ޙަމްދު ކުރަނީވެސް އަދި މަދަދަށް އެދެނީވެސް އެކަލާނގެ ޙަޟްރަތުން. އަހަރެން އެކަލާނގެއަށް އީމާންވަން އަދި އެންމެ ފުރިހަމަ ގޮތުގައި އެކަލާނގެއަށް ވަކީލުކުރަން. ﷲ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރައްދާނެ އެހެންފަރާތެއް ނުވޭ. އަދި އެކަލާނގެ ފުރައްދަވައިފި އަޅަކަށް ތެދުމަގު ދައްކާނޭ އެހެންފަރާތެއްވެސް ނުވޭ. އެއްވެސް ޝަރީކަކު ނުވާ އެއްކައުވަންތަ ﷲ މެނުވީ އިލާހަކު ނުވާކަމަށް އަހަރެން ހެކިވަން. މުޙައްމަދަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށްވެސް އަހަރެން ހެކިވަން."

ޙަޟްރަތު ދިމާދު ހައިރާންކަމާއެކު އާޝޯޚްވެފައިހުންނެވިއެވެ. މިފަދަ ބަސްތަކެއް ދުވަހެއްގެ ކޮޅުންވެސް މީހަކު ބުނާތީ އަޑުއައްސަވާފައިނެތީމައެވެ. އެކަލޭގެފާނު އެޙަދީޘްކުރެއްވީ ޢަޖާއިބު ކުރަނިވި ބަސްތަކެކެވެ. މޮޔައަކުވެސް، ބުއްދިވެރިޔަކުވެސް މިފަދަ ބަސްތަކެއް އޭގެ ކުރިއަކުން ބުނެފައެއްނުވެއެވެ. ހައިރާންކަމުގެ އިންތިހާއަށް ގެނބިފައިވާ ދިމާދަށް ދެންނެވުނީ އެންމެ ޖުމްލައެކެވެ. "އަދި އެއްފަހަރު ވިދާޅުވެބައްލަވާށެވެ."

ދިމާދުގެ އެދުމާއި އެއްގޮތަށް އިތުރު ރަސޫލުﷲ صلى الله عليه وسلم އަދި އިތުރަށް ދެފަހަރު އެބަސްފުޅުތައް ފަށްކުރެއްވިއެވެ.

އެބަސްފުޅުތައް އަޑުއެއްސެވުމަށް ފަހު ޙަޟްރަތު ދިމާދު އެއްސެވިއެވެ. "ކަލޭގެފާނު ތި ގޮވާލައްވަނީ ކޮންކަމަކަށް؟"

ރަސޫލުﷲ صلى الله عليه وسلم ޖަވާބުދެއްވިއެވެ. "ތިމަންކަލޭގެފާނު މިގޮވާލަނީ އެއްވެސް ބައިވެރިއަކުނެތް އެއްކައުވަންތަ ކަލާނގެއަށް އީމާންވާން. އަދި ތިމަންކަލޭގެފާނު ބުދުތަކުން ބަރީޢަވެގެންވަން. އަދި ތިމަންކަލޭގެފާނީ ﷲގެ ރަސޫލެއްކަމަށް ތިމަން ހެކިވަން."
ދިމާދު ސުވާލުކުރެއްވިއެވެ. " ތިމަންކަލޭގެފާނު ތިގޮތް ޚިޔާރުކޮއްފިނަމަ ބަދަލުގައި ލިބޭނީ ކޮންއެއްޗެއް؟"
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ކަލޭގެފާނަށް ލިބިލައްވާނީ ސުވަރުގެ."
ޙަޟްރަތު ދިމާދު އަޑު އުފުއްލަވާ ވިދާޅުވިއެވެ. "ﷲ ނޫނީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަން. އެކަލާނގެއަށް ބައިވެރިއަކު ނުވޭ. ތިމަންކަލޭގެފާނުގެ ކަނދުރާއިން އެންމެހާ ބުދުތައް ފޭކުރަން. އަދި ތިމަންކަލޭގެފާނު އެތަކެތިން ބަރީޢަވެގެންވާކަމަށް އިޢުލާންކުރަން. އަދި ކަލޭގެފާނަކީ ﷲގެ އަޅާ އަދި ރަސޫލާ ކަމަށް ތިމަންކަލޭގެފާނު ހެކިވަން."

ﷲ އަކްބަރް ﷲ އަކްބަރް ﷲ އަކްބަރް

މި ވާހަކައިގެ ބަޠަލްގެ ޝަޚްސިއްޔަތަށް ވިސްނުން ހިންގާލިން ހެއްޔެވެ؟ އެއީ ޖިންނި މޮޔަމީހުންނާއި ބުއްދިފިލާގޮސްފައިވާ މޮޔައިން ހޭއެރުއްވުމުގެ ޢިލްމު ޙާޞިލްކުރައްވައިގެން ހުންނެވި ބޭކަލެކެވެ. މައްކާގެ "ޢިއްޒަތްތެރިން"ނަށް ދުއްޕާނަކަށް ވެފައިވާ މޮޔައަކު ރަނގަޅުކުރުމަކީ އޭނާގެ އުއްމީދަކަށް ނުވާނޭ ހެއްޔެވެ؟ މައްކާއަށް ޞުލްޙަވެރިކަން ގެނައުމުގެ ޝަރަފްލިބުމުގެ އިތުރަށް އަބޫ ޖަހުލުމެންގެ ފަރާތުން ކިހާ އިނާމެއް ލިބޭނެ ހެއްޔެވެ؟ ނަމަވެސް މުޙައްމަދު صلى الله عليه وسلم އަކީ މޮޔައެއް ނޫން ކަމަށް އެކަލޭގެފާނަށް އެނގުމުން ވަގުތުން އެކަލޭގެފާނަށް އީމާންވީއެވެ.

މިކަމުން އެނގިގެން ދަނީ މި ޒަމާނުގައި އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ މީސްތަކުން މުޙައްމަދު صلى الله عليه وسلم އަކީ ސިކުނޑީގެ ބަލި ހުރި މީހެއްކަމަށް ބުނެ ފަތުރަމުންދާ ބަސްތަކަކީ ރޯބުހުތާން ދޮގުކަމެވެ. މާތް ﷲ އެފަދަ މީހުންނަށް ހިދާޔަތް ދައްކަވާށި! އަދި އަޅަމެން ހިދާޔަތުގެ މަގުގައި ޘާބިތުކުރައްވާށި! އާމީން!

ads

ދާއިރާ:

0 comments:

Post a Comment

 
here it is