އަލްއިމާމު މުޙަންމަދު އިބްނު އިދްރީސް އައްޝާފިޢީ ގެ  މަޝްހޫރު ނަންފުޅަކީ “އިމާމު ޝާފުޢީ” އެވެ. ދިވެހިން ކިޔާ ގޮތުންނަމަ  ޝާފިޢީގެފާނެވެ. މި ނަންފުޅު ނިސްބަތްވަނީ އެކަލޭގެފާނުގެ ބައްޕާފުޅުގެ  ފަރާތްޕުޅުުން ތިންވަނަ ކާފާފުޅު ޝާފިޢު އިބްނު ސާއިބުގެފާނަށެވެ.
 އަލްއިމާމު  ޝާފިޢީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޢަބްދުﷲ މުޙަންމަދު އިބްނު  އިދްރީސްބްނުލް ޢައްބާސް އިބްނު އުޘްމާން އިބްނު ޝާފިޢު އިބްނު އައްސާ  އިބްނު ޢުބައިދު އިބްނު ޢަބްދު ޔަޒީދު އިބްނު ހާޝިމް އިބްނު އަލްމުއްތަލީ  އިބްނު ޢަބްދުމަނާފެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ އާއި  އަލްއިމާމު ޝާފިޢީގެ ނަސަބުފުޅާ ގުޅެނީ ކާފާފުޅު ޢަބްދުމަނާފާ  ހިސާބުންނެވެ. ޢަލްއިމާމު ޝާފިޢީ ވިދާޅުވަނީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި  ވަސައްލަމައަކީ ތިމަންގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންނެވެ.
އަލްއިމާމު ޝާފިޢީގެ މަންމާފުޅަކީ ފާތިމަތު ބިންތި ޢަބްދުﷲ  އަލްއުޒްދިއްޔާ އެވެ. އެކަމަނާއަކީ އަލް އުޒްދު ވަންހައިގެ ބޭކަނބަލެކެވެ.  އިމާމުނަވަވީ ޝާފިޢީގެފާނުގެ މަންމާފުޅުގެ ވާހަކަފުޅު ދައްކަވަމުން ކީރިތި  ސާހިބާގެ އަންނަނިވި ޙަދީޘްފުޅު ބަޔާންކުރައްވައެވެ.  އަލް އުޒްދުނަނަކީ  މިބިންމަތީގައި ތިބި މާތްﷲ ގެ ސިންގާއިންނެވެ.
 މީސްތަކުން ބޭނުންވަނީ  އެމީހުން ނެތިކޮށްލާށެވެ. އެހެންނަމަވެސް މާތްﷲ އެމީހުން މަތިވެރި  ކުރެއްވިއެވެ. މީސްތަކުންގެ މައްޗަށް ދުވަސްވަރެއް އަންނާނެއެވެ. އަދި  ފިރިހެނުން ބުނާނެއެވެ. ތިމަންނާއަކީ އުޒްދު މީހެއްނަމަ ކިހައި ރަނގަޅު  ހެއްޔެވެ؟ އަދި ތިމަންނާގެ މަންމައަކީއުޒްދު މީހެއްނަމަ ކިހައި ރަނގަޅު  ހެއްޔެވެ؟”
އުފަންވެވަޑައިގަތުމާއި ބޮޑުފުޅުވުން
އަލްއިމާމު ޝާފިޢީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ  ހިޖުރައިން 150 ވަނައަހަރު ފަލަސްތީނުގެ ޣައްޒާގައެވެ. އެންމެމަޝްހޫރު  ރިވާޔަތަކީމިއެވެ. އެހެންރިވާޔަތެއްގައި އެކަލޭގެފާނު އުފަންވީ އަލް  ޢަސްޤަލާން ގައި ކަމަށް ބަޔާންވެގެންވެއެވެ. އެއީ ޣައްޒާ އާއި ތިން  ފަރުސަޚްގެ ދުރުގައިވާ ރަށެކެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
 “އަލްއިމާމު ޝާފިޢީ އުފަންވެ ވަޑައިގަތީ ޔަމަނުގައެވެ.” އަލްއިމާމު ޝާފިޢީ  ވިދާޅުވިކަމަށް ޔާޤޫތު ރިވާކުރައްވާފައި ވެއެވެ. ތިމަންނާ އުފަންވީ  ޔަމަނުގައެވެ. ތިމަންގެއްލިދާނެކަމަށް ބިރުން، ތިމަންގެމަންމަ، ތިމަންނާ  މައްކާއަށް ގެންދެވިއެވެ. އެއީ ތިމަންގެ އުމުރުން ދިހަ އަހަރުގައެވެ.  ނުވަތަ އެހައިކަންހައި ދުވަސްވަރުގައެވެ.  އިމާމު ނަވަވީ  ވިދާޅުވަނީ،ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރު ރިވާޔަތަކީ  އަލްއިމާމުޝާފިޢީ އުފަންވެ ވަޑައިގަތީ ޣައްޒާގައިކަމެވެ.
ސިފަފުޅުތައް
އަލްއިމާމު މުޙަންމަދު ބްނު އިދްރީސްގެ ކިބައިގައި، ހަރުދަނާ  ޝަޚްސިއްޔަތެއްގައި ހުންނާނޭ އެންމެހައި ސިފަތަށް އެކުލެވިގެންވެއެވެ.  އެކަލޭގެފާނަކީ ވިސްނުންފުޅު ތޫނު ބޭކަލެކެވެ. ތަވާޟުޢުވެރިކަމާއި، ޙައްޤު  ޤަބޫލުކުރެއްވުމާއި، އަމާނާތްތެރިކަމާއި، ޢަދުލުވެރިކަމަކީ އެކަލޭގެފާނުގެ  ހަރުދަނާކަމުގެ ސިފަފުޅުތަކެވެ. މީގެ އިތުރުން އެކަލޭގެފާނަކީ،  ތަޤްވާވެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ ވިސްނުމާއިފިކުރު  ހެޔޮމަގުގައި ފައްކާ ވެފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ބޮޑާވުމާއި  ތިމާއަށްތިމާ ފެނުން ފަދަގޮތް ވުމުގެ ބަދަލުގައި ޒާހިދުކަން އިސްކުރެއްވި  ބޭކަލެކެވެ.
އެކަލޭގެފާނަކީ ބުރުސޫރަ ރީތި ބޭކަލެކެވެ. އިސްކޮޅުފުޅުން  ދިގު ރަތް ދޮންކުލައިގެ ބޭކަލެކެވެ. ވަރަށްރިވެތި އަޑުފުޅެއްގެވެރި  ބޭކަލެކެވެ. އެކަލޭގެފާނު ޤުރްއާން ކިޔަވާ އަޑުފުޅު އިވުމުން  މީސްތަކުންނަށް ރޮވެއެވެ. އެކަލޭގެފާނުގެ ވައަތްޕުޅުގައި އަނގޮޓިއެއް  ތުރުކުރެއްވިއެވެ.
ޝާފިޢީގެފާނަކީ ބޭސްވެރިކަމާއި، އަމާޒަށް  ދުނިއުކުމުގައިވަރަށް ކުޅަދާނަ ބޭކަލެކެވެ. ޙާޟިރު ޖަވާބަށް ކުޅަދާނަ،  ފިކުރުގެ ކަނޑަށް ގިނަގިނައިން ޣަރަޤުވެވަޑައިގަންނަވާ، އަދި ވަރަށްވެސް  ތަނަވަސް ސިކުނޑިފުޅެއްގެ ވެރިއެކެވެ. އެކަލޭގެފާނުގެ ސިކުނޑިފުޅުގެ  ތަނަވަސްކަމާއި ބެހޭގޮތުން ބިޝްރުލް މިރީސް ވިދާޅުވެފައިވެއެވެ. ” މިހިރަ  މީހާއަކީ ދުނިޔޭގެ މީހުންގެ ސިކުނޑީގެ ދެބައިކުޅަ އެއްބައި މިލްކުވެފައިވާ  މީހެކެވެ.” ކިތަންމެ ކުޑަ ކަމަކާ މެދުވެސް ހޯއްދަވައި ބެއްލެވުމަކީ  ޝާފިޢީގެފާނުގެ އާދަފުޅެކެވެ.
ޢާއިލީ ދިރިއުޅުއްވުން
އިމާމުޝާފިޢީގެ ޢާއިލާއަކީ މައްކާގެ ފަޤީރު ޢާއިލާއެކެވެ.  މިހެންވެ ދިރިއުޅުމަށް ބޭނުންވާނެ ކާބޯތަކެއްޗާއި މާލީ ފުއްދުންތެރިކަން  ލިބޭނެ ފަދަ މަސައްކަތެއް ހޯދުމުގެ ބޭނުމުގައި އެކަލޭގެފާނުގެ ބައްޕާފުޅު،  ޢާއިލާއާއެކު މައްކާ ދޫކުރައްވައި ފަލަސްޠީނަށް ހިޖުރަކުރެއްވިއެވެ. އިމާމު  ޝާފިޢީގެފާނު ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ. 
އެކަލޭގެފާނު ވަރަށް  ތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ މި ދުނިޔެ  ދޫކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޢާއިލާގެ ފަޤީރުކަން  އިތުރުވެގެންދިޔަ އެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އެންމެ ދެ  އަހަރުފުޅުގައި އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނާއިގެން މައްކާއަށް  ދަތުރުކުރެއްވިއެވެ. އެއަށްފަހު ބޮޑުފުޅުވަންދެން އުޅުއްވީ މައްކާގައެވެ.  ބައެއް ރިވާޔަތްތަކުގައި ވާ ގޮތުގައި އެކަލޭގެފާނު މައްކާއަށް ގެންދެވުނީ  އެކަލޭގެފާނުގެ އުމުރުފުޅުން ދިހަ އަހަރުފުޅުގައެވެ.
އެކަލޭގެފާނަކީ ފަޤީރު ޙާލުކޮޅުގައި އުޅުއްވަމުން ވެސް ޢިލްމު  އުނގެނިވަޑައިގަތުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި  ބޭކަލެކެވެ. އެ ގޮތުން އުނގެނިވަޑައިގަންނަވާ ޢިލްމުތައް  ލިޔުއްވުމަށްޓަކައި ހަމާއި، ކަދުރު ރުކުގެ އޮށްޓާއި ޖަމަލުކަށި ފަދަ ތަކެތި  ބޭނުންފުޅުކުރެއްވިއެވެ. އަދި ދަވާވީން (ފޮތް ލިޔާ ތަންތަނަށް) ވަޑައިގެން  އެމީހުންގެ އަތުން ކަރުދާސް ކޮޅުތައް ހޯއްދަވައިގެން ފިލާވަޅުތައް  ލިޔުއްވައި ހައްދަވައެވެ. މިއީ މިއަދުގެ ދަރިވަރުނަނަށް، ޢިލްމު  އުގެނުމުގައި ހުރި ވަރަށް ފުރިހަމަ ނަމޫނާއަކަށް ވާނެކަން ކަށަވަރެވެ.
ޢިލްމު އުނގެނިވަޑައގަތުން
އިމާމު ޝާފިޢީ ވަރަށް ތުއްޕުޅުއިރު ކީރިތި ޤުރުއާން  ހިތްޕުޅުން ދަސްފުޅުކުރައްވައިފި އެވެ. އޭރު އެ ކަލޭގެފާނުގެ އުމުރުފުޅަކީ 7  އަހަރު ކަމުގައި ޢިލްމުވެރިން ރިވާކުރަށްވަތެވެ. އެއަށްފަހު އުމުރުން 10  އަހަރުގައި މަސްޖިދުލް ޙަރާމުގައި ޤުރްއާން ކިޔެވުމާއި، ތަފްސީރުޢިލްމު  ހޯއްދެވުން ފުރިހަމަ ކުރެއްވިއެވެ. އަދި އިމާމު މާލިކުގެފާނަށް  އެކަލޭގެފާނުގެ ފޮތް އަލް މުވައްޠާ ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ.
 އަދިހަމަ އެއާއެކު، ސުފްޔާނުބްނު ޢުޔައިނާއާއި، މުސްލިމުބްނު  ޚާލިދުއްޒައްޖީގެ ދަރުސްގާހުގައި ބައިވެރިވެވަޑައިގެން ޙަދީޘް ޢިލްމާއި  ފިޤުހު ޢިލްމު ހާސިލުކުރެއްވިއެވެ. އެދުވަސްވަރު، ފަޤީރުކަމުގެ ސަބަބުން  ކަރުދާސް ނުގަނެވުން ވެގެންދިޔައީ މަޢުލޫމާތު ހިތުދަސްކުރުމަށް  ލިބުނުބާރަކަށެވެ. މިގޮތުން ޙަދީސްޢިލްމާއި ފިޤުހު ޢިލްމު  ހިތުދަސްކުރެއްވިއެވެ. 
އެހެންކަމުން އެކަލޭގެފާނަކީ އާދަޔާޚިލާފަށް ހިތުން  ދަސްފުޅުކުރެއްވުމުގެ ބާރުގަދަ ބޭކަލަކަށް ވެވަޑައިގަތެވެ.
އެއަށްފަހު، ބަހުގެ ޤަވާއިދުތައް ދަސްފުޅުކުރެއްވުމަށްޓަކައި  ބާދިޔާއަށް ވަޑައިގެން ހުޛައިލުގެ ޤަބީލާގެ މީހުންނާ އެކު ރަށްފުށުގައި  ދިހަ އަހަރު ހޭދަކުރެއްވިއެވެ. ޢަރަބީންގެ ތެރޭގައި އެންމެ ފަޞާޙާތްތެރި  އަދި ބަލާޣާތްތެރި ޤަބީލާއަކީ  ޙުޛައިލު ޤަބީލާއެވެ. އެކަލޭގެފާނު  އެޤަބީލާގެ ޅެންތައް ދަސްފުޅުކުރައްވައި، އެ ޅެންތައް  އިޞްލާޙުކުރެއްވިއެވެ. އިމާމުޝާފިޢީގެ ޙަޔާތްޕުޅުގައި އެންމެ ފުރަތަމަ  އިސްކަން ދެއްވީ، ޅެމާއި، އަދަބާއި، ޢަރަބީންގެ ހަނގުރާމަތައް  އުގެނިވަޑައިގަތުމަށެވެ.
 އިމާމު ޝާފިޢީވިދާޅުވެފައިވެއެވެ.  ތިމަންކަލޭގެފާނު އެންމެ އުނގެނެން ބޭނުންފުޅުވީ ދެ ކަމެކެވެ. އެއީ  ޢިލްމާއި އަމާޒަށް ދުނިޖެހުމެވެ. ދުނިޖެހުމުގައި ތިމަންކަލޭގެފާނަށް  ދިހައަކުން ދިހައެއް ލިބިވަޑައިގަތެވެ. އިމާމުޝާފިޢީ މިހެން ވިދާޅުވެފައި  ހުއްޓަވައިލެއްވުމުން އަރިހުގައި ތިބި މީހުން ދެންނެވި އެވެ. ދުނި އުކުމުގެ  ކުޅަދާނަކަމަށް ވުރެ ބޮޑަށް ޢިލްމީ ރޮނގުގައި ކަލޭގެފާނުގެ ފުންނާބު މާ  އުހެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ފިޤުހު ޢިލްމު  އުގެނިވަޑައިގަތުމަށް ސަބަބުތަކެއް މެދުވެރިކުރެއްވިކަމަށް  ރިވާޔަތްތަކުގައިވެއެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަލްއިމާމުއްޝާފިޢީ  އަށް ފިޤުހު ޢިލްމުގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ކޮންމެވެސް މީހަކު  މެދުވެރިކުރެއްވި ކަމަށް ރިވާޔަތްތައް ބުނެއެވެ.
 އަދި ފިޤުހު ޢިލްމަކީ  ޢަރަބި ބަހުގެ އަދަބަށްވުރެ މުހިންމުކަން ބޮޑު ޢިލްމެއްކަން ބަޔާންކޮށް  ދެއްވިކަމަށް ރިވާޔަތްތަކުން އެނގެއެވެ. ފިޤުހު ޢިލްމު އުނގެނިވަޑައިގެން  އެ ރޮނގުގައި ފުންނާބު އުސް ބޭކަލަކަށް އެކަލޭގެފާނު ވެވަޑައިގަތީ  މައްކާގައި ހުންނަވައިގެންނެވެ. އަދި މުސްލިމް އިބުނު ޚާލިދުއްޒަންޖީ  އެކަލޭގެފާނަށް ފަތުވާ ދެއްވުމުގެ ހުއްދަ ދެއްވުމުން ލިބިވަޑައިގެންނެވި  ޢިލްމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވިކަން ހާމަކުރެއްވިއެވެ.
އެހެންކަމުން ޢިލްމު އުނގެނި ވަޑައިގަތުމުގެ މަޤްޞަދުގައި މަދީނާއަށް ދަތުރުފުޅުކުރެއްވި އެވެ. އަދި އަލްއިމާމު މާލިކުގެ އަރިހުން ދަރިވަރުވެވަޑައިގަތެވެ. އަލްއިމާމް މާލިކު، އިމާމު ޝާފިޢީ އެކަލޭގެފާނާ ބައްދަލުކުރެއްވުމުން ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. “މާތްﷲ ސުބްޙާނަހޫ ވަތަޢަލާ ތިބާގެ ހިތުގައި ނޫރެއް ލެއްވި އެވެ. އުރެދުންތަކުން އެނޫރު ނިއްވައިނުލާށެވެ.” މާލިކުގެފާނު މި ދުނިޔެ ދޫކުރެއްވުމަށް ދާންދެން އެކަލޭގެފާނަށް ޚިދުމަތްކުރެއްވުމުގައި ޝާފިޢީގެފާނު ދެމި ހުންނެވިއެވެ.
ފިޤުހު ޢިލްމުގައި ޝާފުޢީގެފާނު
ފިޤުހީ މަޒަހަބުގެ އަޞްލެއް ކަމުގައި  އިމާމުޝާފިޢީގެފާނުބައްލަވާފައިވަނީ ކީރިތި ޤުރްއާނަށެވެ. އެކަލޭގެފާނު  ވިދާޅުވަނީ ޙަދީޘް ވަނީ ޤުރްއާނާއި އެއްފެންވަރެއްގައެވެ. ސުންނަތަކީ  ކީރިތި ޤުރްއާނުގެ ތަފްސީރެވެ. އެހެންކަމުން ޤުރްއާނުގެ ދެވަނަ މަސްދަރަކީ  ސުންނަތެވެ. އެކަލޭގެފާނުގެ އަރިހަށް މައްސަލައެއް ހުށަހެޅިއްޖެނަމަ،  އެންމެ ފުރަތަމަ ޤުރްއާނާއި ޙަދީޘްފުޅުތަކުން އެ މަސްއަލަ ހޯއްދަވައި  ޙަދީތްފުޅަށް އިޢުތިމާދު ކުރައްވައެވެ.އެކަލޭގެފާނުގެ ރައުޔު  ޙަދީޘްފުޅުތަކާއި ތަޢާރުޟްވާނަމަ އެކަލޭގެފާނުގެ ރައުޔު ދޫކޮށްލުމަށް ފަހު  އެބައެއްގެ އަތުގައި ހުރި ޙަދީޘްފުޅުގައި ހިފުމަށް އެކަލޭގެފާނު  އަމުރުކުރައްވައެވެ.
ޝާފިޢީގެފާނު އިޖްމާޢުގައި ވެސް ހިއްޕެވިއެވެ. އެކަލޭގެފާނު  ދެކެވަޑައިގަންނަވަނީ އިޖްމާޢަކީ ޤުރްއާނާ ސުންނަތަށްފަހު  ޙުއްޖަތެއްކަމުގައެވެ. އެހެންނަމަވެސް އިޖްމާޢުގައި އެކަލޭގެފާނު ވަކި  ޤަވާޢިދު ތަކާއި ޝަރުޠުތަކެއް ކަނޑައެޅުއްވިއެވެ. އެކަލޭގެފާނަކީ  އައްނާސިޚް ވަލްމަންސޫޚް އާއި އަލްމުޖްމަލް ވަލް މުބައްޔިން އާއި އަލް  ޚާއްޞު ވަލްޢާއްމު ވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލެކެވެ.  އެންމެ ފުރަތަމަ އުޞޫލުލްފިޤުހު އެކުލަވައިލެއްވީ އިމާމްޝާފިޢީގެފާނެވެ.
ލިޔުންތެރިކަމުގެ ރޮނގުގައި 
އިމާމުޝާފިޢީ ވަނީ ވަރަށް ގިނަ ފޮތްތައް  އެކުލަވައިލައްވާފައެވެ. ރިވާވެގެންވާގޮތުގައި އެކަލޭގެފާނު 113 ފޮތް  އެކުލަވައިލެއްވިއެވެ. އެއީ ފިޤްހާއި ތަފްސީރާއި އުޞޫލާއި އަދަބާއި  އެނޫންވެސް ތަފާތު މައުޟޫތަކުގެ ފޮތްތަކެވެ. ޔާޤޫތު އެކަލޭގެފާނުގެ  މުޢުޖަމުލް އުދަބާއު ގައި ޝާފިޢީގެފާނުގެ އެތަށް ފޮތެއްގެ ނަން ބަޔާން  ކުރަށްވާފައިވެއެވެ.
އެކަލޭގެފާނުގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތަށް އެކުލެވިގެން ވެއެވެ.
އައްރިސާލާ،
އަލްވަޞާޔާއަލް ކަބީރު،
އިޚްތިލާފްއަހްލުލް ޢިރާޤް،
ވަޞިއްޔަތުއް ޝާފިޢީ،
ޖާމާޢުލް ޢިލްމް،
އަލް އުއްމު،
އިބްޠާލުލް މުޒްނިއްޞަޢީރު،
އަލް އަމާލީ،
އަލް އިމްލާ،
މުޚްތަޞުރުއް ރަބީޢި ވަލް ބުވައިޠީ.
މީގެތެރެއިން ބައެއް ފޮތްތަކަކީ އެކަލޭގެފާނު އަމިއްލަފުޅަށް އެކުލަވައިލެއްވި ފޮތްތަކެވެ. އަދި، އަނެއްބައި ފޮތްތަކަކީ އެކަލޭގެފާނުގެ ދަރިވަރުންނަށް ވިދާޅުވެދެއްވުމުން އެދަރިވަރުން އެކުލަވައިލެއްވި ފޮތްތަކެވެ. މުޒުނީ ވިދާޅުވެފައިވެއެވެ. “ތިމަންނާ އައްރިސާލަތު 500 ފަހަރު ކީމެވެ. ކިޔާ ކޮންމެ ފަހަރަކުވެސް އިތުރު ފައިދާތަކެއް ލިބިގެންދެއެވެ.”
އަލްވަޞާޔާއަލް ކަބީރު،
އިޚްތިލާފްއަހްލުލް ޢިރާޤް،
ވަޞިއްޔަތުއް ޝާފިޢީ،
ޖާމާޢުލް ޢިލްމް،
އަލް އުއްމު،
އިބްޠާލުލް މުޒްނިއްޞަޢީރު،
އަލް އަމާލީ،
އަލް އިމްލާ،
މުޚްތަޞުރުއް ރަބީޢި ވަލް ބުވައިޠީ.
މީގެތެރެއިން ބައެއް ފޮތްތަކަކީ އެކަލޭގެފާނު އަމިއްލަފުޅަށް އެކުލަވައިލެއްވި ފޮތްތަކެވެ. އަދި، އަނެއްބައި ފޮތްތަކަކީ އެކަލޭގެފާނުގެ ދަރިވަރުންނަށް ވިދާޅުވެދެއްވުމުން އެދަރިވަރުން އެކުލަވައިލެއްވި ފޮތްތަކެވެ. މުޒުނީ ވިދާޅުވެފައިވެއެވެ. “ތިމަންނާ އައްރިސާލަތު 500 ފަހަރު ކީމެވެ. ކިޔާ ކޮންމެ ފަހަރަކުވެސް އިތުރު ފައިދާތަކެއް ލިބިގެންދެއެވެ.”
އިމާމު ޝާފިޢީގެ އުސްތާޛުން
އެކަލޭގެފާނުގެ އެސްތާޛުންގެތެރެއިން އަންނަނިވި ބޭކަލުން ހިމެނި ވަޑައިގެންވެއެވެ.
އަލްއިމާމް މާލިކްބުން އަނަސް،
ސުފިޔާންބުން ޢުރައިނާ އަލްހިލާލް،
މިސްޢަބް ބުން ޢަބްދުﷲ ޢަލްޤުރައިޝީ،
މިޙަންމަދު އިބުން ޙަސަން އައްޝައިބާނީ،
ފަޟްލު ބުންއްޔާޟް،
މުޙަންމަދު ބުންޝާފިޢު،
ސުފިޔާންބުން ޢުރައިނާ އަލްހިލާލް،
މިސްޢަބް ބުން ޢަބްދުﷲ ޢަލްޤުރައިޝީ،
މިޙަންމަދު އިބުން ޙަސަން އައްޝައިބާނީ،
ފަޟްލު ބުންއްޔާޟް،
މުޙަންމަދު ބުންޝާފިޢު،
ދުނިޔެދޫކުރެއްވުން
އަލްއިމާމު ޝާފިޢީގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނަށް  ވަރަށް ގިނަ އާލާސްކަންފުޅުތައް ޖެހިވަޑައިގަތެވެ. އެ އާލާސްކަންފުޅުތަކުގެ  ތެރޭގައި ބަވާސީރު ބަލި ހިމެނެއެވެ. އެ އާލާސްކަންފުޅު ޖެހިވަޑައިގެން  ހަށިކޮޅުން ވަރަށް ގިނަ ލޭތައް ފައިބައިގެން ދިޔަ އެވެ.
 އެ  އާލާސްކަންފުޅުގައި އެކަލޭގެފާނު މި ފަނާވަނިވި ދުނިޔެ ދޫކުރަށްވައި  ދެމިއެތުމުގެ ޢާލަމަށް ދަތުރުކުރެއްވި އިރު އެކަލޭގެފާނު ދިރިއުޅުއްވަމުން  ގެންދެވީ މިޞްރުގައެވެ. އެއީ ހިޖްރައިން 204 ވަނަ އަހަރު ރަޖަބު މަހުގެ  ފަހުކޮޅުގައެވެ. އެއީ ބުރާސްފަތި ދުވަހެއްގެ މަޣުރިބު ނަމާދު  ވަގުތެއްގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 54 އަހަރެވެ. މާތްﷲ  އަލްއިމާމްޝާފިޢީއަށް ހެޔޮ ރަޙުުމަތް ލައްވައި ސުވަރުގޭގެ މަތިވެރިނިޢުމަތް  ދާއިމަށް މިންވަރުކުރައްވާށިއެވެ. އާމީން!
ޢަލީ ނިޝާން 


0 comments:
Post a Comment