Thursday, July 19, 2012

ރަމަޟާން މަހު ޢުމްރާ

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިން ބޭކަނބަލަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ތިބާ ތިމަންމެންނާއެކީ ޙައްޖު ނުވީ ކީއްވެ ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިމަންމެންގެ އަތުގައި އޮތީ އެންމެ 2 ސަވާރީއެވެ. ތިމަންކަމަނާގެ ފިރިކަލުން އެއް ސަވާރީގައި ޙައްޖަށް ވަޑައިގަތެވެ. އަނެއް ސަވާރީ އަހަރެމެން ދަނޑަށް ފެންދިނުމަށް ބޭއްވީމެވެ.


 އެހިނދު ޙަދީޘް ކުރެއްވިއެވެ. ( فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي ، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً )  ރަމަޟާންމަސް އަތުވެއްޖެނަމަ، ފަހެ ތިބާ ޢުމްރާ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރުވެގެން ވެއެވެ. މުސްލިމްގެ ރިވާޔަތުގައި ވެއެވެ. ( فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً مَعِي ) ފަހެ ހަމަކަށަވަރުން އެމަހުގައި ކުރެވޭ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރުވެގެން ވެއެވެ. މުސްލިމްގެ ރިވާޔަތުގައި ވެއެވެ.
روى البخاري (1782) ومسلم (1256)
މި ޙަދީޘާބެހޭގޮތުން، ޢިލްމުވެރިންގެ ތަފާތު ތިން ބަސްފުޅެއް އައިސްފައިވެއެވެ. އެއީ މި ޙަދީޘްގައި ބަޔާންވެގެންވާ ސަވާބާއި ދަރުމަ، ރަމަޟާން މަހު ޢުމްރާ ކުރާ ކޮންމެ މީހަކަށް ލިބޭނެތޯ ނުވަތަ ނޫންތޯ އާމެދުގައެވެ. ނުވަތަ މިކަމަކީ އެ ޞަޙާބިއްޔާ އަށް ޚާއްޞަ ކަމެއްތޯއެވެ. ނުވަތަ ޙައްޖަށް ޤަޞްދުކޮށް، އެކަން ކުރުމަށް ނުކުޅެދުނު މީހާއަށް ޚާއްޞަތޯއެވެ.
ފުރަތަމަ ރައުޔު:
މި ސަވާބާއި ދަރުމައަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުޚާޠަބް ކުރެއްވި ޞަޙާބިއްޔާ އަށް އެކަނި ޚާއްޞަ ވެގެންވާ ކަމެކެވެ.
މިގޮތަށް ވިދާޅުވި ބޭފުޅުންގެ ތެރޭގައި، ތާބިޢީންގެ ތެރެއިން ސަޢީދު ބުނު ޖުބައިރު (ރަޙިމަހުﷲ) ހިމެނިވަޑައިގެންނެވިއެވެ. ފަތުޙުލްބާރީގައި، އިމާމް އިބްނު ޙަޖަރު (ރަޙިމަހުﷲ)، ސަޢީދު ބުނު ޖުބައިރު(ރަޙިމަހުﷲ)ގެ އަރިހުން މި ރައުޔު ނަކަލު ކުރައްވާފައިވެއެވެ.  "فتح الباري" (3/605).
ދަލީލެއްގެ ގޮތުގައި ގެންނަވަނީ: އެކަމަނާ ވިދާޅުވިކަމަށެވެ. (( ޙައްޖަކީ ޙައްޖެވެ. ޢުމްރާއަކީ ޢުމްރާއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ތިމަންކަމަނާއަށް ޙަދީޘް ކުރެއްވިއެވެ. އެހެންނަމަވެސް އެއީ ތިމަންކަމަނާއަށް ޚާއްޞަވެގެންވާކަމެއްތޯ ނުވަތަ މުޅި އުއްމަތަށް ޢާއްމު ކަމެއްތޯ ތިމަންކަމަނާއަކަށް ނޭނގެއެވެ.)) رواه أبو داود . މި ލަފްޒު މިގޮތަށް ޟަޢީފެވެ. އަލްއަލްބާނީ (ރަޙިމަހުﷲ) ވަނީ "ضعيف أبي داود" ގައި ޟަޢީފް ކުރައްވާފައެވެ.
ދެވަނަ ރައުޔު:
މި ސަވާބާއި ދަރުމައަކީ، ޙައްޖު ވުމަށް ހިތުން އެދި، އެކަމަށް ކުޅަދާނަކަން ނުލިބުމުގެ ސަބަބުން ޙައްޖު ނުވެވިވާ މީހާއަށް ލިބޭނެ އެއްޗެކެވެ. އޭގެ ފަހުގައި އޭނާއަށް ޢުމްރާއެއް ވުމުގެ ފުރުޞަތު ލިބި ޢުމްރާވެއްޖެނަމަ ޙައްޖެއްގެ ސަވާބާއި ދަރުމަ ލިބޭނެއެވެ. އެހެނީ އޭނާވަނީ ޙައްޖު ވުމުގެ ނިޔަތާއި، ޢުމްރާއެއް އަދާކުރުން ޖަމާކޮށްފައެވެ. އެއިގެ ސަބަބުން އޭނާ އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ކުރާ ފުރިހަމަ ޙައްޖެއްގެ ސަވާބު ލިބޭނެއެވެ.
އިމާމް އިބްނު ރަޖަބް (ރަޙިމަހުﷲ) ވިދާޅުވިއެވެ.
ދަންނާށެވެ! ހެޔޮ ޢަމަލެއް ކުރުމަށް ކުޅަދާނަކަން ނުލިބުމުގެ ސަބަބުން އެކަން ނުކުރެވުމުން އެކަމަށް ހިތާމަކޮށް، އެކަން ޙާޞިލުވުމަށް އެދުންވެރިވާ މީހާ، އެ ޢަމަލު ކުރިމީހާއާ ސަވާބާއި ދަރުމައިގައި ބައިވެރިވެއްޖެއެވެ. އެއަށްފަހު މިސާލުތަކެއް ގެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބައެއް އަނބިއަނބިކަނބަލުންނަށް އެކަލޭގެފާނާއެކީ ޙައްޖަށް ވަޑައެއް ނުގެންނެވުނެވެ. ދެން އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމުން އެޙައްޖުގެ ދަރުމަ ލިބޭނެ ގޮތަކާބެހޭގޮތުން އެ ބޭކަނބަލުން ސުވާލު ކުރެއްވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. ( اعتمري في رمضان ، فإن عمرة في رمضان تعدل حجة أو حجة معي ) ރަމަޟާންމަހު ޢުމްރާ ކުރާށެވެ. ފަހެ ރަމަޟާންމަހު ކުރާ ޢުމްރާ (ސަވާބާއި ދަރުމައިގެ ގޮތުން) ޙައްޖަކާ އެއްވަރެވެ. ނުވަތަ ތިމަންކަލޭގެފާނާ އެކީގައި ކުރާ ޙައްޖަކާ އެއްވަރެވެ.  
ހަމަ މިފަދަ ގޮތަކަށް އިމާމް އިބްނު ކަޘީރު (ރަޙިމަހުﷲ) ތަފްސީރުގައި ބަޔާން ކުރެއްވިއެވެ. (1/531)
އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ (ރަޙިމަހުﷲ) އިޙްތިމާލެއްގެ ގޮތުގައި "مجموع الفتاوى" ގައި ޛިކުރު ކުރައްވާފައިވެއެވެ. (26/293-294)

ތިންވަނަ ރައުޔު
މި ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ދަރުމައާއި ސަވާބު، ރަމަޟާންމަހު ޢުމްރާކުރާ ކޮންމެ މީހަކަށްމެ ޢާއްމު ވެގެންވެއެވެ. އަދި މިއީ ވަކި ބަޔަކަށް ޚާއްޞަ ކަމެއް ނޫނެވެ. ނުވަތަ ވަކި ޙާލަތަކަށް ޚާއްޞަ ކަމެއް ނޫނެވެ. މިއީ ހަތަރު މަޛްހަބުގެ ޢިލްމުވެރިންނާއި އަދިވެސް އެތައް ޢިލްމުވެރިންނެއްގެ ބަސްފުޅެވެ.
[މި މަރުޖިޢުތައް ބައްލަވާށެވެ. "رد المحتار" (2/473) ، "مواهب الجليل" (3/29) ، "المجموع" (7/138) ، "المغني" (3/91) ، "الموسوعة الفقهية" (2/144)]
މި ތިން ރައުޔުގެ ތެރެއިން އެންމެ ގާތް ރައުޔަކީ ތިންވަނަ ރައުޔެވެ. އެއީ ރަމަޟާންމަހުގެ ޢުމްރާއަށް ޙައްޖެއްގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށްވާ ރައުޔެވެ. – والله أعلم -
އެއިގެ ދަލީލަކީ:
1-     މި ޙަދީޘް، ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ރިވާ ކުރައްވާފައިވާކަމެވެ. އިމާމް އައްތިރްމިޛީ (ރަޙިމަހުﷲ) ވިދާޅުވިއެވެ. "މި ބާބުގައި ابن عباس އާއި جابر އާއި أبو هريرة އާއި أنس އަދި وهب بن خنبش (ރަޟިޔަﷲ ޢަންހުމް)ގެ އަރިހުން ރިވާވެގެންވެއެވެ." މީގެ ތެރެއިން ގިނަ ރިވާޔަތްތަކުގައި ސުވާލު ދެންނެވި ޞަޙާބިއްޔާގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ.
2-      ފާއިތުވެދިޔަހާ ޒަމާންތަކުގައި ޞަޙާބީންނާއި، ތާބިޢީންނާއި ޢިލްމުވެރިންނާއި ޞާލިޙުން މިއަށް ޢަމަލު ކުރައްވާފައިވާކަމެވެ. މި ދަރުމަ ލިބިގަތުމުގެ އެދުމުގައި އަދިއަދަށްދާންދެން ރަމަޟާންމަހު ޢުމްރާވުމަށް ރައްކާތެރިވާކަމެވެ.

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ! ހެޔޮކަމުގެ މަގު ވަނީ ހުޅުވިފައެވެ. މައްސަރު ތަކުގެ ތެރެއިން އެންމެ މާތްކަން ލިބިގެންވާ މައްސަރު، އެންމެ މާތް ބިން މައްކާގައި، އެންމެ މާތް މިސްކިތުގައި ހޭދަކޮށްލުމުގެ ފުރުޞަތު ނަގާ ނުލާށެވެ.
ހަމަ ޔަޤީނުންވެސް ތިޔަ ކުރައްވާ ބޭކާރު ޚަރަދުތައް ނުކުރައްވައި ފައިސާ އެއްކުރައްވަން ފަށްޓަވައިފިނަމަ، އަހަރެއްހާ ދުވަހުގެ ތެރޭގައި ރަމަޟާންމަހުގެ ޢުމްރާއެއް އަދާކުރެއްވިދާނެއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is