Friday, July 20, 2012

ރޯދަމަހާއި ރޭ އަޅުކަން

ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބު އިތުރު ކުރެއްވިއެވެ. އަދި އެމަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތެވެ. މެދުތެރޭގައި ވަނީ ﷲ ގެ ފުއްސެވުމެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ. 


އެމަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އެމަހުގައި ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ކުރިއަރާ ދާށެވެ. އަދި ނުބައި ކަމަށް އެދޭ މީހާއެވެ. ދޫކޮށްލާށެވެ. ނަރަކައިން މުއްތި ކުރެއްވުން ﷲ ތަޢާލާއަށް ވެއެވެ. އަދި އެފައިން ކޮންމެ ރެއަކު ގޮވާލައްވާނެއެވެ.
 

އާދެ! މިހުރިހާ ކަމަކަށްވުރެ ރޭއަޅުކަން ކުރާ މީހުނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅަމެންގެ ވެރި ގަދަ ކީރިތިވަންތަ ރަސްކަލާނގެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީކުރެއްވުމެވެ. [ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.
 
 ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަަށެވެ.] (ރަވާހުލް ޖަމާޢާ)އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެން ވިއެވެ.

 ހަމަކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ރަމަޟާން މަސް އައި ހިނދު ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. އެމަހުގެ ރޯދަ ތިޔަބައި މީހުންގެ މައްޗަށް ފަރުޟު ކުރެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވެއެވެ. އަދި އެމަހުގައި ނަރަކައިގެ ދޮރުތައް ލެއްޕެއެވެ. އަދި އެމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. އަދި އެމަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮ ރެއެއް ވެއެވެ. އެރޭގެ ހެޔޮަކަމުން މަޙްރޫމްވެއްޖެ މީހާ ފަހެ ކަމަކަށަވަރުން އޭނާއީ މަޙްރޫމުވެއްޖެ މީހެކެވެ.] (ރަވާޙު ޢަހްމަދު ވައްނަސާއީ)

ސަލްމާނުލް ފާރިސީގެ ކިބައިން އިބުނު ޚުޒައިމާ އާއި، އިބުނު ޙިއްބާނާއި، އަލްބައިހަޤީ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ޝަޢްބާން މަހުގެ އެންމެ ފަހު ދުވަހު ތިމަންމެނަށް ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ޚުޠުބާއެއް ދެއްވިއެވެ. އެޚުޠުބާގައި ޙަދީޘް ކުރެއްވިއެވެ. [މީސްތަކުންނޭވެ! ބަރަކާތްތެރި މަތިވެރި މައްސަރެއް ތިޔަބައި މީހުންގެ މައްޗަށް ހިޔާ އަޅައިފިއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެމަހުގައިވާ މައްސަރެކެވެ. ދުވާލު ރޯދައަށް ހުރުން އެމަހުގައި ފަރުޟެއް ކަމުގައި ލެއްވިއެވެ. 

އަދި އެމަހުގައި ހެޔޮ ކަމަކާއިގެން ކުއްތަންވެއްޖެ މީހާ އެނޫން މަހެއްގައި ފަރުޟެއް އަދާކުރި މީހަކު ފަދައެވެ. އަދި އެއީ ކެތްތެރިކަމުގެ މަހެވެ. ކެތްތެރިކަމުގެ ޖަޒާއަކީ ސުވަރުގެއެވެ. އަދި އެއީ އެކަކު އަނެކަކަށް އެހީވުމުގެ މަހެވެ. އެމަހުގައި މުއުމިނުންގެ ރިޒުޤު އިތުރު ކުރައްވައެވެ. އެމަހުގައި ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދީފި މީހާއަށް އޭނާގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވިއެވެ. 

އަދި އޭނާ ނަރަކައިން މުއްތި ކުރެއްވުމެއް ކަމުގައި ވިއެވެ. އަދި އޭނާއަށް، ރޯދަވެރިޔާއަށް ދަރުމަ ވާފަދައިން ދަރުމަވެއެވެ. ރޯދަވެރިޔާގެ ދަރުމައިން އުނި ކުރެއްވުމެއް ނެތިއެވެ.] އަޞްޙާބު ބޭކަލުން ދެންނެވިއެވެ. [ރަސޫލު ﷲ ގެފާނެވެ! އަޅުގަނޑުމެން ކުރެ ކޮންމެ މީހަކީ ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދެވޭ ފަދަ ތަނަވަސްކަން ހުރި މީހެއް ނޫނެވެ.] ސަލާމާއި ޞަލަވާތްލެއްވި ރަސޫލު ﷲ ގެފާނު ޙަދީޘް ކުރެއްވިއެވެ. [ރޯދަ ވީއްލުމަށް މީހަކަށް ކަދުރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ކިރު ކޯވަރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ފެންފޮދެއް ދީފި މީހާއަށް ﷲ މިދަރުމަ ދެއްވައެވެ.

 އެމަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތެވެ. އަދި އެމަހުގެ މެދުތެރޭގައި ވަނީ އެކަލާނގެ ފުއްސެވުމެވެ. އަދި އެމަހުގެ ފަހުކޮޅުގައި ވަނީ އަޅުތަކުން ނަރަކައިން މުއްތި ކުރެއްވުމެވެ. އަދި އެމަހުގައި ހަތަރު ކަމެއް އިތުރުކޮށް ދެއްވުމަށް ތިޔަބައި މީހުން އެދޭށެވެ. ދެކަމެކެވެ. އެދެކަމުން ތިޔިަބައި މީހުންގެ ވެރި ރަސްކަލާނގެ ތިޔަބައިމީހުނަށް ރުހިވޮޑިގަންނަވައެވެ. އަދި ދެކަމެކެވެ. އެދެކަމާއި ނުލައި ތިޔަބައިމީހުންނަށް ފުދުމެއް ނުވެއެވެ.

 އެދެކަމުން ތިޔަބައިމީހުނަށް ރުހިވޮޑިގެންވާ ދެކަން ދަންނައެވެ. އެއީ ﷲ ފިޔަވައި އިލާހަކު ނުވާކަމަށް ތިޔަބައިމީހުން ހެކިވުމެވެ. އަދި އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުން މަޣްފިރަތަށް އެދުމެވެ. އަދި އެދެކަމާއި ނުލައި ތިޔަބައި މީހުންނަށް ފުދުމެއް ނުވާ ދެކަން ދަންނައެވެ. އެއީ ތިޔަބައިމީހުން ﷲ ގެ ޙަޟްރަތުން ސުވަރުގެއަށް އެދި ދެންނެވުމެވެ. އަދި އެކަލާނގެ ޙަޟްރަތުން ނަރަކައިން މުއްތި ކުރެއްވުމަށް އެދި ދެންނެވުމެވެ.]

ރަމަޟާން މަހަކީ އަޅުކަމުގެ މަހެވެ. އެމަހުގައި ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ވަކިން ގިނައިން އަޅުކަން ކުރެއްވައެވެ. ޞަދަޤާތް ކުރެއްވުން ގިނަ ކުރައްވައެވެ. އަދި އެމަހަކީ ކީރިތި ޤުރުއާނުގެ މަހެވެ. އެމަހުގައި ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ކީރިތި ޤުރުއާން ތިލާވަތު ކުރެއްވުން ގިނަ ކުރައްވައެވެ. އެމަހުގައި ކީރިތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާއި ޖިބްރީލު ޢަލައިހިއްސަލާމާއި ދެބޭކަލުން ކީރިތި ޤުރުއާން މުދާރަސާ ކުރައްވަައެވެ. މުދާރަސާ ކުރުމަކީ އެއް ބޭކަލަކު ކިޔަވާ ވިދާޅުވާއިރު އަނެއް ބޭކަލަކު އައްސަވަމުން ގެންދެވުމެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ވަކިން އިތުރުވެގެން ވެއެވެ. އެއީ އެރޭތަކުން ރެއެއްގައި ލައިލަތުލް ޤަދުރި ވާތީއެވެ. ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ފަހު ދިހައިގައި ވަކިން ބޮޑަށް އަޅުކަމާއިގެން އުޅުއްވައެވެ. ޙަޟްރަތު ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން އަލް އިމާމުލް ބުޚާރީ އާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ. (ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ފަހު ދިހަޔަށް އެޅިއްޖެއްޔާއި ރޭގަނޑު ހޭފުޅުލައްވާ އުޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ހޭލައްވަވައެވެ. އަދި އެކަލޭގެފާނުގެ އަނބި އަނބި ކަނބަލުންނާއި ވަކިވެވަޑައިގެން އަޅުކަމުގައި އުޅުއްވައެވެ.)

ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެ ފާނުގެ ފަހު ދިހައިގައި އިޢުތިކާފު ކުރައްވާ އުޅުއްވިއެވެ. އަދި އިތުރު އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އިޢުތިކާފު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންވެސް އިޢުތިކާފު ކުރެއްވިއެވެ. އެބޭކަލުން ގިނައިން އިޢުތިކާފު ކުރައްވާ އުޅުއްވެވީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ.

ރަމަޟާން މަހުގައި ރޭއަޅުކަން ކުރުން މަޝްރޫޢު ވެގެންވުން.
ރަމަޟާން މަހުގައި ރޭއަޅުކަން ކުރުން ނުވަތަ ތަރާވީޙު ނަމާދު ކުރުން ފިރިހެނުންނަށާއި އަންެހެނުންނަށް ސުންނަތް ވެގެންވެއެވެ. ޢިޝާނަމާދަށް ފަހުގައި ވިތުރީގެ ކުރިން ދެރަކުޢަތުން ދެރަކުޢަތުން އަދާކުރެވެއެވެ. އަދި ތަރާވީޙު ނަމާދުގެ ވަގުތު ރޭގަނޑުގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ދެމިގެންދާނެއެވެ. އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން އަލްޖަމާޢާ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 (ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެ ފާނު ފަރުޟު ނަމާދެއްކަމުގައި ޙަދީޘް ކުރެއްވުމަކާއި ނުލައި އެނަމާދު ކުރުމަށް ހިތްވަރު ދެއްވައެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ﷲ ގެ އެއްކައުވަންތަކަމަށް އީމާންވާ ޙާލުގައްޔާއި ﷲ ގެ ވަޖުހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޭއަޅުކަން ކޮށްފި މީހާއަށް އޭނާގެ ފާފައިގެ ތެރެއިން އިސްވެ ގޮސްފައިވާ ފާފަތައް އޭނާއަށް ފުއްސެވިއްޖެއެވެ.]

މުޙަދިޘުންގެ ތެރެއިން ތިރުމިޛީ ފިޔަވައި އެހެން ބޭކަލުން ޙަޟްރަތު ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ މިސްކިތުގައި ނަމާދު ކުރެއްވިއެވެ. ވަރަށް ގިނަ ބޭކަލުން އިތުރު އެކަލޭގެފާނާއި އެކުގައި ނަމާދު ކުރެއްވިއެވެ. ދެން އެއައި ޖެހިގެން އައި ރޭގަައި އިތުރު އެކަލޭގެފާނު (މިސްކިތުގައި) ނަމާދު ކުރެއްވިއެވެ. 

ކުރީ ރެއަށްވުރެ ގިނަ ބޭކަލުން ޖަމާވިއެވެ. ދެން ތިންވަނަ ރޭގައި ވަކިން ގިނަ ބޭކަލުން ޖަމާވިއެވެ. އެބޭކަލުންގެ ގާތަށް އިތުރު އެކަލޭގެފާނު އެރެއަކު ނުކުމެވަޑައެއް ނުގަންނަވައެވެ. ދެންފަހެ ފަތިސްވި ހިނދުގައި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ތިޔަ ބެކަލުންގެ ޝައުޤުވެރިކަން ތިމަން ކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ހަމަކަށަވަރުން ތިޔަ ބޭކަލުންގެ މައްޗަށް ފަރުޟު ކުރައްވާފާނޭ ކަމުގެ މައްޗަށް ތިމަން ކަލޭގެފާނު ބިރުވެތިވުން ތިޔަބޭކަލުންގެ ގާތަށް ނުކުމެވަޑައިގަތުމުން މަނާކުރިއެވެ.] މިގޮތަށް ޖަމާޢަތުގައި މިނަމާދު ކުރައްވާފައިވަނީ ރަމަޟާން މަހެއްގައެވެ.

ތަރާވީޙު ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދު:
ޢާއިޝަތުގެ ފާނުގެ ކިބައިން އަލްޖަމާޢާ ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. (ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ރަމަޟާން މަހުގައްޔާއި އެނޫން މަހުގައި އެގާރަ ރަކުޢަތަށް ވުރެ އިތުރަކަށް ނުކުރައްވައެވެ.) އަދި ޖާބިރުގެ ފާނުގެ ކިބައިން އިބުނު ޙިއްބާން އާއި، އިބުނު ޚުޒައިމާ އެދެބޭކަލުންގެ ޞައްޙަ ފޮތުގައި ރިވާކުރެއްވިއެވެ. 

 އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެ ފާނު އެބޭކަލުންނާއިގެން ނަމާދު ކުރެއްވިއެވެ. އަށް ރަކުޢަތާއި ވިތުރިއެވެ. ދެން ޖެހިގެން އައިރޭ އެބޭކަލުން އިތުރު އެކަލޭގެފާނު ނުކުމެ ވަޑައިގަތުމަށް އިންތިޒާރު ކުރެއްވިއެވެ. ފަހެ އިތުރު އެކަލޭގެފާނު އެބޭކަލުންގެ ގާތަށް ނުކުމެ ވަޑައެއް ނުގަންނަވައެވެ. އަދި ޖާބިރުގެފާނުގެ ކިބައިން އަބޫ ޔަޢްލާ އާއި އައްޠަބަރާނީ ރަގަނޅު ސަނަދަކުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެ ފާނުގެ އަރިހަށް އުބައްޔު ބުނު ކަޢުބު ވަޑައިގެން ދެންނެވިއެވެ. [ރަސޫލު ﷲ ގެ ފާނެވެ! ހަމަކަށަވަރުން ރޭގައި އަޅުގަނޑުގެ ކިބައިން ކަމެއްވެއްޖެއެވެ.] އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އުބައްޔުއެވެ. އެއީ ކޮންކަމެއްތޯއެވެ؟] އެކަލޭގެފާނު ދެންނެވިއެވެ. [އަޅުގަނޑުގެ ގޭގެ އަންހެން ބޭކަނބަލުން ވިދާޅުވިއެވެ. އަޅުގަނޑުމެން ޤުރުއާން ދަހެއް ނޫނެވެ. ކަލޭގެފާނު ނަމާދު ކުރައްވާއިރު ކަލޭގެފާނާއި އެކުގައި އަޅުގަނޑުމެން ނަމާދު ކުރުން ކިހިނެއްތޯއެވެ؟ ދެން އަޅުގަނޑު އެބޭކަނބަލުންނާއި އެކުގައި އަށް ރަކުޢަތާއި ވިތުރި ކޮށްފީމެވެ.] 

އިތުރު އެކަލޭގެފާނު އެއްޗެއް ވިދާޅެއް ނުވެއެވެ. ފަހެ އެވަނީ އިތުރު އެކަލޭގެފާނު ރުހިވަޑައިގެންވާ ސުންނަތުގެ ތެރެއިންނެވެ. މިރިވާޔަތްތައް ގެންނެވުމަށް ފަހުގައި "ފިޤުހުއްސުންނާ" ގެ މުޞައްނިފު ފަޟީލަތުއް ޝައިޚުލް އުސްތާޛު އައްސައްޔިދު ސާބިޤު ވިދާޅުވިއެވެ. މިއީ ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާގެ ކިބައިން ވާރިދުވެގެންވާ ސުންނަތް ގޮތެވެ. އިތުރު އެކަލޭގެފާނުގެ ކިބައިން މިނޫން ގޮތަކަށް ޞައްޙަ ވެގެނެއް ނުވެއެވެ.

 އަދި ހަމަކަށަވަރުން އަޞްޙާބު ބޭކަލުންގެ ކިބައިން އެބޭކަލުން ކުރައްވާ އުޅުއްވާ ކަން ސާބިތުވެގެން ވެއެވެ. ސައްޔިދުނާ ޢުމަރުގެފާނާއި ސައްޔިދުނާ ޢުޘްމާނުގެފާނުގެ ޒަމާނުގައި އެބޭކަލުން ތަރާވީޙު ނަމާދުގެ ވިހި ރަކުޢަތް ކުރައްވާފައިވެއެވެ. އަދި މިއީ ޙަނަފީ، ޙަންބަލީ އަދި ދާވޫދު ޠާހިރީގެ މަޛުހަބު ޖުމްހޫރުލް ފުޤަހާގެ ރައުޔެވެ. އައްތިރުމިޛީ ވިދާޅުވިއެވެ. ގިނަ ޢިލްމުވެރިން ތިއްބެވީ މިގޮތުގެ މަތީގައެވެ. އަދި މިއީ ޢުމަރުގެފާނާއި ޢަލީގެފާނާއި އަދި މިދެބޭކަލުން ނޫނަސް ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާގެ އަޞްޙާބުންގެ ކިބައިން ރިވާވެގެންވާ ގޮތެވެ. 

ތަރާވީޙު ނަމާދުގެ ވިހި ރަކުޢަތް އެބޭކަލުންގެ ޒަމާނުގައި ކުރެވެމުން ގޮސްފައި ވެއެވެ. އަދި މިއީ އައްޘަވްރީ އާއި، އިބްނުލް މުބާރިކާއި، އައްޝާފިޢީ އާއި މިބޭބޭކަލުންގެ ވެސް މަޛްހަބެވެ. އަދި އައްޝާފިޢީގެފާނު ވިދާޅުވިއެވެ. މައްކާގެ މީހުން ތަރާވީޙު ނަމާދުކޮށް އުޅެނީ ވިހި ރަކުޢަތެވެ. މަދީނާގައި އިމާމު މާލިކުގެފާނު ތަރާވީޙު ނަމާދުގެ ތިރީސް ހަ ރަކުޢަތާއި، ވިތުރީގެ ތިން ރަކުޢަތް ކުރައްވައެވެ. އިބުނު ޙިއްބާނު ބަޔާން ކުރެއްވިއެވެ. އަޞްޙާބު ބޭކަލުން ފުރަތަމަ ތަރާވީޙު ނަމާދު ކުރައްވަމުން ވަޑައިގެންނެވީ ވިތުރީގެ ތިން ރަކުޢަތާއި އެކު އެގާރަ ރަކުޢަތެވެ. 

 އެބޭކަލުން ކިޔަވާ ވިދާޅުވަނީ ވަރަށް ދިގުކޮށެވެ. ދެން ފަހެ ޤިޔާމުގައި ގިނައިރު ތިއްބަވަން ޖެހުމުން އެކަން އެބޭކަލުންނަށް ބުރަޔަކަށް ވެއްޖެއެވެ. އެހިނދު ކިޔެވުން މަދުކޮށް ރަކުޢަތް އިތުރު ކުރެއްވިއެވެ. މިގޮތުން ތަރާވީޙު ނަމާދުގެ ވިހި ރަކުޢަތާއި ވިތުރީގެ ތިން ރަކުޢަތް ކުރެއްވެވިއެވެ. އެއަށްފަހު އެއަށްވުރެވެސް ކިޔެވުން ކުރުކޮށް ތިރީސް ހަ ރަކުޢަތާއި ވިތުރީގެ ތިން ރަކުޢަތް ކުރެއްވެވިއެވެ. މިގޮތުން މަދީނާގައި އިމާމު މާލިކު ވިތުރި އާއިއެކު އޮނަސާޅީސް ރަކުޢަތް ކުރައްވާ އުޅުއްވިއެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ސުއްނަތް ގޮތަކީ ވިތުރީގެ ތިން ރަކުޢަތާއި އެކު އެގާރަ ރަކުޢަތެވެ. ބާކީ ގޮތް ތަކަކީ މުސްތަޙައްބު ގޮތްތަކެވެ. އަލްކަމާލު ބުނު ހުމާމުވެސް މިގޮތަށް ވިދާޅުވެފައި ވެއެވެ. ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ފަދައިން ސަލާމާއި ޞަލަވާތް ލެެއްވި ރަސޫލު ﷲ ގެ ފާނު ދެރޭ މިސްކިތަށް ނުކުމެވަޑައިގެން ޖަމާޢަތުގައި ވިތުރީގެ ތިން ރަކުޢަތާއި އެކު އެގާރަ ރަކުޢަތް ކުރެއްވެވިއެވެ.

 ތިން ވަނަ ރޭގައި އެނަމާދު ފަރުޟު ކުރައްވަވާފާނޭ ކަމަށް ބިރުފުޅުގެން ވަޑައިގެން ނުކުމެވަޑައި ނުގެންނެވީއެވެ. އެހެންކަމުން ތަރާވީޙު ނަމާދުގެ އަށް ރަކުޢަތް ހިމެނެނީ ސުންނަތުގެ ތެރެއިންނެވެ. ބާކީ ބާރަ ރަކުޢަތް ހިމެނެނީ މުސްތަޙައްބުގެ ތެރެއިންނެވެ. މިއީ ތިމަންމެންގެ ޝައިޚުންގެ އުޞޫލުގައިވާ ގޮތްކަމަށް އަލްކަަމަލު ބުނު ހުމާމު ވިދާޅުވިއެވެ.

ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރުން:
ރަމަޟާން މަހުގެ ރޭއަޅުކަން ތަރާވީޙު ނަމާދާއި ދަމު ނަމާދު ވަކިވަކިންނާއި ޖަމާޢަތުގައި ކުރުން ހުއްދައެވެ. އެހެނަސް އެނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރުން ގިނަ ޢިލްމުވެރިންގެ އަރިހުގައި އިތުރުވެގެން ވެއެވެ. އިސްވެ ދިޔަ ރިވާޔަތްތަކުން އެނގިވަޑައިގެންފައިވާނޭ ފަދައިންނެވެ. ޢަބްދުއް ރަޙްމާން ބުން ޢަބްދުލް ޤާރީ ވިދާޅުވިއެވެ.

 ތިމަން ސައްޔިދުނާ ޢުމަރުގެފާނު އަރިހުގައި އެއްރެޔަކު ނުކުތީމެވެ. ޢުމަރުގެފާނުގެ އާދަފުޅަކީ ރޭގަނޑު ރަށުތެރޭގެ ޙާލު ބައްލަވަން ނުކުމެވަޑައިގެން އުޅުއްވުމެވެ. މިގޮތުން ހިންގަވަމުން ވަޑައިގެން މިސްކިތަށް ވަޑައިގެންނެވިއެވެ. އޭރު މިސްކިތުގައި އެކި ދިމަދިމާގައި ބައިބަޔަށް ނަމާދު ކުރެވެމުން ދެއެވެ. ބައެއް ބޭކަލުން އެކަހެރިކޮށް ކުރައްވައެވެ. އަނެއްބައި ބޭކަލުންގެ ފަހަތުގައި ކުޑަ ޖަމާޢަތެއްގެ ބޭކަލުން އިޤްތިދާވެގެންވެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މިއެންމެން އެއް ޤާރީއެއްގެ ފަހަތަށް ޖަމާ ކުރެއްވުން ބޮޑަށް ރަނގަޅުވާނޭ ކަމުގައި ތިމަން ދެކެމެވެ.

 ޢުމަރުގެފާނު ވިދާޅުވިއެވެ.  އެއަށްފަހު އެކަމަށް ޤަޞްދު ކުރައްވައި އުބައްޔު ބްނު ކަޢްބު އިމާމަކަށް ލައްވައި އެކަލޭގެފާނު ފަހަތުގައި ކުރާ ގޮތަށް ހަމަޖެއްސެވިއެވެ. އޭގެ ފަހުން އެއްރަޔަކު ނުކުމެވަޑާއިގެން އުބައްޔު ބުނު ކަޢްބުގެ ފަހަތުގައި މީސްތަކުން ނަމާދު ކުރާތީ ދެކެވަޑައިގެން ވިދާޅުވިއެވެ. [މިއީ އަލަށް ފެށުނު ރަނގަޅު ކަމެކެވެ. މިނަމާދު އިރާކޮޅު ކުރުމަށްވުރެ ރޭގަނޑުގެ ފަހުބައިގައި ކުރުން އިތުރުވެގެން ވެއެވެ. 

ގިނަ ބަޔަކު އިރާކޮޅުގައި އެނަމާދުކޮށް އުޅެއެވެ.] (ރަވާހުލް ބުޚާރީ ވަބުނު ޚުޒައިމާ ވަލްބައިހަޤީ ވަޣައިރުހުމް) ސައްޔިދުނާ ޢުމަރުގެފާނު ރޭގަނޑުގެ ފަހު ބައިގާ އޮންނަ ޖަމާޢަތުގައި މިނަމާދު ކުރައްވާ ކަމަށް ވާރިދުވެގެން ވިއެވެ.

ތަރާވީޙު ނަމާދުގައި ކިޔެވުން:
ރަމަޟާން މަހުގެ ރޭއަޅުކަމުގައި ކިޔެވުމަށް ސުންނަތް ވެގެންވާ ވަކި މިންވަރެއް ނެތެވެ. ސަލަފުންގެ ކިބައިން ވާރިދުވެގެން ވިއެވެ. އެބޭކަލުން އެއް ރަކުޢަތެއްގައި ދުއިސައްތަ އާޔަތް ވިދާޅުވާ ކަމަށާއި ޤިޔާމުގެ ދިގު ކަމުން އަސާވިއްދަވާ ލައްވައިގެން ތިއްބަވާ ކަމަށް އާދެއެވެ. ފަޖުރު ލުމުގެ ކުޑަ އިރުކޮޅަކަށް ވެއްޖެއުމަށް ދާންދެން ނަމާދު ކުރެއްވުމާއިގެން ޤާއިމުވެ ތިއްބަވައެވެ.

 ފަޖުރު ލައިފާނެތީ އެބޭަލުންގެ ޚާދިމުން ކާއެއްޗެހި ހިފައިގެން އަވަސްވެ ގަނެއެވެ. އަދި އެބޭކަލުން އަށް ރަކުޢަތުގައި ބަޤަރާ ސޫރަތް އެކީ ވިދާޅުވާ ކަމަށް ވެސް ވާރިދުވެގެން ވިއެވެ. ބާރަ ރަކުޢަތް ކުރައްވަނީ ވިއްޔާއި އެއަށްވުރެ ކިޔެވުން ކުރު ކުރައްވައެވެ. އިބްނު ޤުދާމާ ވިދާޅުވިއެވެ. އިމާމު އަޙްމަދު ވިދާޅުވިއެވެ. 

 [ރަމަޟާން މަހުގައި މީސްތަކުންނާއިގެން ނަމާދު ކުރާ މީހާ އެމީހުންގެ މައްޗަށް ބުރަޔަކަށް ނުވާ ވަރަށް އެމީހުންނާއިގެން ކިޔެވުން ލުއި ކުރާށެވެ. ޚާއްޞަކޮށް ރޭގަނޑު ކުރުވާ މޫސުމުގައެވެ.]

އަލްޤާޟީ އިޔާޟް ވިދާޅުވިއެވެ. [ތަރާވީޙު ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާ އަޑު މީސްތަކުން އެހުމަށްޓަކައި ރަމަޟާން މަސް ނިމޭއިރަށް ކީރިތި ޤުރުއާން ޚަތިމުވާ ވަރަށްވުރެ މަދު ކުރުން މުސްތަޙައްބެއް ނުވާނެއެވެ. ކީރިތި ޤުރުއާން ޚަތިމުވާ ވަރަށްވުރެ އިތުރަށް ނުކިޔަވާ ހުއްޓެވެ. އެއީ މުޤްތަދީންނަށް އުނދަގުލަކަށް ނުރުހެވޭ ކަމަކަށް ވެދާނެތީއެވެ. މުޤުތަދީންގެ ޙާލަށް ބަލައިގެން ކިޔަވާ ހުށިކަމެވެ. ދިގުކޮށް ކިޔެވުމަށް މުޤުތަދީން ރުހި އެއްބަސްވެގެންވާ ނަމަ ދިގުކޮށް ކިޔެވުން އިތުރުވެގެންވެއެވެ. 

އަބޫ ޛައްރު ވިދާޅުވެފައިވާ ފަދައިންނެވެ. [ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާއާއި އެކުގައި ތިމަންމެން ނަމާދު ކުރަމެވެ. ހާރު ކެއުމުގެ ވަގުތު ހިނގައިދާނޭ ކަމަށް ތިމަންމެން ބިރުވެތި ވަމެވެ. ޤާރީ ދުއިސައްތަ އާޔަތް ކިޔަވައެވެ.]

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މަހެވެ. މިމަހުގައި ގިނަގިނައިން ކީރިތި ޤުރުއާނުގެ ތިލާވަތު ކުރުން ހުއްޓެވެ. އޭގައި އަންގަވާފައިވާ ޙުކުމްތަކަށް ޢަމަލުކޮށް އޭގައިވާ ވަޢުޡާއި ނަޟީޙަތުން ޢިބްރަތް ޙާޞިލުކުރުން ހުއްޓެވެ. މިމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބު އިތުރު ކުރެއްވިކަން ހަނދާންކޮށް ފުރުޞަތުގެ ބޭނުން ކުރައްވާ ހެޔޮކަން އިތުރު ކުރުން ހުއްޓެވެ. 

މިމަހުގައި ރޭއަޅުކަން ކުރުން ގިނަ ކުރުން ހުއްޓެވެ. ރޭގަނޑުގެ އެންމެ ބަރަކާތްތެރި ވަގުތުތައް ނިދުމާއި ޣާފިލުކަމުގައި ބޭކާރުކޮށް ނުލުން ހުއްޓެވެ. ބުއްދިވެރިންނަކީ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މީހުންނެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކޮށްލުމަށް ހެޔޮ ޢަމަލުތަކުގައި ހީވާގިވާ މީހުންނެވެ. ކީރިތި ﷲ އަޅުގަނޑުމެން އެންމެންނަށް އެކަމަކުގެ ހެޔޮ ތަވްފީޤު ދެއްވާށިއެވެ. އާމީން!

ads

ދާއިރާ:

0 comments:

Post a Comment

 
here it is